ކ. މާލެ
|
1 ޖޫން 2023 | ބުރާސްފަތި 18:25
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕްލޭނިންގ މިނިސްޓްރީ
ހުރާ ބަނދަރު އަޕްގްރޭޑްކުރުން
ހުރާ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
 
މި މަޝްރޫއަށް 67,808,757.96 ރުފިޔާ ހޭދަވާނެ
 
މި މަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް

ކ. ހުރާ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ؛ 26,453.00 ކޮޑިމީޓަރަށް ބަނދަރު ފުންކުރުމާއި، (މެދު ދިޔައިން ފެށިގެން -3.5 މީޓަރު ހަމަވާ ވަރަށް) 40,111.00 ކޮޑިމީޓަރަށް ބަނދަރަށް އިތުރުކުރެވޭ ބައި ފުންކުރުމާއި (މެދު ދިޔައިން ފެށިގެން 3.5- މީޓަރު ހަމަވާވަރަށް) 5,445.00 ކިއުބިކް މީޓަރަށް ނެރު ފުންކުރުމާއި، (މެދު ދިޔައިން ފެށިގެން 4.0- މީޓަރު ހަމަވާ ވަރަށް) 210 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 86 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި، 317 މީޓަރު ސޭންޑްފިލް ބްރޭކްވޯޓަރ އަދި 176 މީޓަރ އެއްގަމު ތޮށި ޖެހުން ހިމެނެއެވެ. މީގެ އިތުރުން 370 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުމާއި، 19 މޫރިންގ ބޮއި ހަރުކުރުމާއި، 32 މަގު ބައްތި ހަރުކުރުމާއި، 02 ނެވިގޭޝަން ލައިޓް ހަރުކުރުމާއި، 1795 އަކަ މީޓަރު ޕޭވްމަންޓް ހެދުން، އަދި ކޮންކްރީޓް ބްރިޖާއި ކޮންކްރީޓް ޖެޓީ ހެދުން ހިމެނެއެވެ.

މި މަޝްރޫއަށް 67,808,757.96 ރުފިޔާ ހޭދަވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް