ޗެލްސީގެ ފަރިތަކުރުންތައް ފަށާފައިވާއިރު، އެޓީމުގެ ފޯވާޑް ޑިއެގޯ ކޯސްޓާ ފަރިތަކުރުންތަކުގައި ބައިވެރިނުވެއެވެ.
ރިޕޯޓްތައް ބުނާގޮތުން ކުރިޔަށް އޮތް ސީޒަނަށް ކޯސްޓާ ޗެލްސީ ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާނެއެވެ. އެގޮތުން އޭނާ އަންނަނީ ކްލަބްތަކާ މަޝްވަރާ ކުރަމުން ކަމަށާއި، ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ކްލަބަކަށް ބަދަލުވާންވެސް ކޯސްޓާ ހުރީ ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެހެންނަމަވެސް ދަ ސަން އިން ބުނީ ކޯސްޓާ ކްލަބުގައި މަޑުކުރުވުމުގެ ގޮތުން ޗެލްސީން އޭނާއާ އެކު މަޝްވަރާތައް ފަށާފައިވާ ކަމަށާއި، ވަރަށް އަވަހަށް ކޯސްޓާގެ އެއްބަސްވުމާ މެދު ގޮތެއް ނިމިގެންދާނެ ކަމަށެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކުރިޔަށް އޮތް ސީޒަނުގައި ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ގެންގުޅޭ ގޭމް ޕްލޭނަށް ކޯސްޓާ ނުފެތެއެވެ. އެގޮތުން ކޮންޓޭ ވަނީ ކޯސްޓާ ދޫކޮށްލަން ނިންމާފައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ކޯސްޓާ ހޯދުމަށް އޭނާގެ ކުރީގެ ކްލަބް އެޓްލެޓިކޯ މެޑްރިޑުން ވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އެޓްލެޓިކޯއާ ބެހޭ ގޮތުން ދާދިފަހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޯސްޓާ ބުނީ ވަރަށް ގިނަ ކަންތަކާ ވިސްނަންޖެހޭ ކަމަށާއި، އެޓްލެޓިކޯއަށް ބަދަލުވެވިއްޖެ ނަމަވެސް އޭނާ އުފާވާނެ ކަމަށެވެ.
މިދިޔަ ޖެނުއަރީ ޓްރާންސްފާގައި ވެސް ޗައިނީޒް ސުޕާ ލީގުގެ ކްލަބްތަކުން ކޯސްޓާ ހޯދުމަށް މަސައްކަތްކޮށްފައިވާއިރު، އޭނާ ވަނީ އެ ހުށަހެޅުންތައް ރިޖެކްޓްކޮށްފައެވެ. ޗައިނާ ކްލަބްތަކުގެ އިތުރުން ޔޫރަޕްގެ ވެސް ގިނަ ކްލަބްތަކުން އަންނަނީ ކޯސްޓާއަށް ފާރަލަމުންނެވެ.
އެޓްލެޓިކޯ މެޑްރިޑް ދޫކޮށްލުމަށްފަހު 2014 ވަނަ އަހަރު ޗެލްސީއާ ގުޅުނު ކޯސްޓާ ވަނީ މިވީތަނަށް އެޓީމަށް ކުޅުނު 119 މެޗުގައި 58 ލަނޑު ކާމިޔާބުކޮށް، އެޓީމާއެކު ޕްރިމިއާ ލީގު ދެފަހަރު އަދި ލީގް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.