ކ. މާލެ
|
1 ޖޫން 2023 | ބުރާސްފަތި 16:46
ހުސައިން އަލް-މީސާވީ؛ ތޫނިސްގައި ހުރި އެންމެ ދޮށީ މީހާ
ގިނިސް ރެކޯޑް
ގިނިސް ފޮތަށް ނޭރިއަސް ހުސައިނަކީ ހަމަ ރެކޯޑެއް
 
ތޫނިސްއަށް އުފަން ހުސައިނަކީ ދުނިޔޭގެ ތާރީޚު ދުށް 1 ވަނަ ބޮޑު ހަނގުރާމައާއި 2 ވަނަ ބޮޑު ހަނގުރާމަ ތަޖުރިބާކޮށްފައިވާ މީހެއް
 
ހުސައިންގެ އުމުރާ އަޅައިބަލާއިރު، އޭނާއަށް ލިބިފައިވަނީ ފުރިހަމަ ސިއްހަތެއް

އެނގެނީ ބަސްތަކެއް ކިޔާކަމެވެ. އޭނާގެ ހަނދާންތައް ގުޅިފައިވަނީ ފަރަންސޭސިންގެ އިސްތިއުމާރީ ބާރުގެ ދަށުގައި ތޫނިސް އޮތް ދުވަސްވަރާއެވެ. އެއީ ހުސައިން އަލް-މީސާވީއެވެ. ދާދި މިދާކަށް ދުވަހު އޭނާ އެ ފާހަގަކުރީ 119 ވަނަ އުފަންދުވަހެވެ. ހުސައިންގެ އުފަންދުވަހުގެ ސެޓްފިކެޓާއި އައިޑީ ކާޑުގައިވާ މައުލޫމާތަށް ރިއާޔަތްކުރާއިރު، މިވަގުތު ތޫނިސްގައި ހުރި އެންމެ ދުވަސްވީ މީހަކީވެސް ހަމަ އޭނާއެވެ.

ތޫނިސްއަށް އުފަން ހުސައިނަކީ ދުނިޔޭގެ ތާރީޚު ދުށް 1 ވަނަ ބޮޑު ހަނގުރާމައާއި 2 ވަނަ ބޮޑު ހަނގުރާމަ ތަޖުރިބާކޮށްފައިވާ މީހެކެވެ. ފަރުބަދަމަތީ ސަރަހައްދުގައި އޭނާ އެ ދުވަސްތައް ހޭދަކުރީ ވިނަ ކައިގެންނެވެ. ހުސައިންގެ އޭރުގެ ކަމަކަށް ވީ އިސްތިއުމާރީ ބާރުގެ ފައުޖުތައް ފެހުމެވެ. ތޫނިސްގެ އިރުމަތީގައި އޮންނަ ކެސަރީން ގަވަރުނަރޭޓުން އިސްތިއުމާރީ ބާރުގެ ފައުޖުތައް ބޭރުކޮށް، 1961 ވަނަ އަހަރުގެ ބިޒަރޓްގައި ކުރިއަށްދިޔަ ހަމަލާ ބަދަލުކުރުންތަކާ ހިސާބަށް އެ ފައުޖުތައް ގެންދިއުމުގައިވެސް ހުސައިންގެ ދައުރު ބޮޑެވެ. އެއީ ފަރަންސޭސި އިސްތިއުމާރީ ބާރުތަކުން ތޫނިސްއަށް އަތްގަދަކުރަމުން ދިޔަ ދިއުމުގެ ނިމުމެވެ.

ހުސައިންގެ އެންމެ ހަގު ފިރިހެން ކޮއްކޮ، އަލީ އަލް-މީސާވީގެ އުމުރުންވެސް މިހާރު 83 އަހަރު ފުރިއްޖެއެވެ. އަލީ ކިޔައިދިންގޮތުގައި އޭނާގެ ބޭބެ، ހުސައިނަކީ ތޫނިސްއަށް މިނިވަންކަން ހޯދައިދިނުމުގެ ހިއްސާދާރެކެވެ.

އަހަރެންގެ ބޭބެ، ހުސައިނަކީ ތޫނިސް މިނިވަންކުރުމުގަ ބައިވެރިވި މީހެއް. އިންގިލާބުގެ ދުވަސްވަރު ބޭބެ ދިޔައީ ފަރުބައްދަމައްޗަށް. ބޭބެ ވީ ތަންވެސް އޭރު އަހަރެމެންނަށް ގެއްލުނު. ދެތިން މަސް ވަންދެން ބޭބެ އެތަނެއްގަ އުޅުނީ. އަހަރެމެންނަށް ނުވެސް ފެނޭ. ތޫނިސްއަށް މިނިވަންކަން ލިބުނުފަހުން ބޭބެ އަހަރެމެން ހޯދަން ފެށީ. އެންމެ ފަހުން އަހަރެމެންނާ ބައްދަލުވެ، އެކަކު އަނެކަކާ ދިމާވި.
އަލީ އަލް-މީސާވީ؛ ހުސައިންގެ އެންމެ ހަގު ކޮއްކޮ

ކެސަރީންގައި ދޮށީ އުމުރުގެ މީހުން ބަލަހައްޓާ ގެއެއްގެ އޮފިޝަލު، އަލްފަލާހް ޔިހްޔާވީ ނިސްބަތްވަނީ ތޫނިސްގެ އިރުމަތީގައި އޮންނަ ސްބެއިތުލާ ގަވަރުނަރޭޓަށެވެ. އިހްޔާވީގެ ޓީމަކީ، ހުސައިންގެ ސިއްހީ ހާލަތު ވަރަށް ގާތުން ބަލަމުންދާ ޓީމެކެވެ.

މަށަކަށް ނޭނގެ ކިތައް އަހަރު ކަމެއް ވީކީ. އަހަންނެއް ނުގުނަން ކިތައް އަހަރުތޯއެއް... މީގެ ދޮޅުމަހެއްހާ ދުވަސް ކުރިން، ހެލިފެލިވެ އުޅެން ކުޑަކޮށް ދަތިވާން ފެށި. ހިނގާބިނގާވެއެއް ނޫޅެވޭ. އަހަރެންގެ އަންހެނުން އަދިވެސް އެބައިން ހަމަ ހެޔޮ ހާލުގަ. އެއްތަނުން އަނެއް ތަނަށް ގޮސް ހަދަން، އޭނަ އެހީވޭ.
ހުސައިން އަލް-މީސާވީ؛ ތޫނިސްގައި ހުރި އެންމެ ދޮށީ މީހާ

ޑރ. ލަމީން ބުއާޒީއާ ހުސައިނާ ދެމެދު، ގާތް ރަހުމަތްތެރިކަމުގެ ގުޅުން އޮންނަތާ މިހާރު އަށެއްކަ އަހަރު ވެއްޖެއެވެ. ޑރ. ބުއާޒީ ވިދާޅުވާގޮތުގައި، ހުސައިންގެ އުމުރާ އަޅައިބަލާއިރު، އޭނާއަށް ލިބިފައިވަނީ ފުރިހަމަ ސިއްހަތެކެވެ. ދޭތެރެއަކުން ހުޅުތަކުގައި ރިއްސައިލުމާއި، އެނޫންވެސް ކުދިކުދި ކަންކަން ފިޔަވައި، ދާއިމީ އެއްވެސް ބައްޔެއް ހުސައިންގެ ހަށިގަނޑުގައި ނެތްކަން، ޑރ ބުއާޒީ ވަނީ ފާހަގަކުރައްވާފައެވެ.

ހުސައިން އުފަންވެފަ ވަނީ 1904 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު. އޭނަގެ 119 ވަނަ އުފަން ދުވަސް އެ ފާހަގަކުރީ ވަރަށް ފަހުން. އަހަރެމެން އޭނަގެ ސިއްހީ ހާލަތު ބަލަން. ޚާއްސަ ޑިވައިސްތައް ބޭނުންކޮށްގެން އޭނަގެ ހިތުގެ މަސައްކަތްތައް ބަލަން. ނަތީޖާ ވަރަށް ރަނގަޅު. ލޭ މައްޗަށްދޭ. އެކަމަކު، އާންމު ބޭސްފިހާރަތަކުން ލިބޭ އެންމެ އާދައިގެ ބޭސް ބޭނުންކޮށްލައިގެން އެކަން ހަމަޖައްސާލާ އެބަ. ބޭސް ކަނީ، ކޮންމެހެން ބޭސް ކާން ޖެހިއްޖެކަމަށް އޭނައަށް އިހުސާސް ކުރެވުނީމަ. އަޑުއިވުމުގަ އުޅޭ ދަތިކަމެއް. ހުޅުހުޅުގަ ރިއްސާތީވެސް އުޅޭ. އެއީ އާންމުކޮށް އުމުރުން 50އާ 60ގެ މީހުން ތަހައްމަލުކުރާ ކަމެއް. އެކަމަކު، ޖުމުލަ ގޮތެއްގަ ހުސައިން ހުރީވަރަށް ފުރިހަމަ ސިއްހަތެއްގަ.
ޑރ ލަމީން ބުއާޒީ؛ މެޑިކަލް ޓީމުގެ މެންބަރެއް

ހުސައިންގެ އަންހެން ދަރިފުޅު، މަބްރޫކާ އަލް-މީސާވީ ފާހަގަކުރިގޮތުގައި އޭނާގެ ބައްޕަގެ ގައިގެ އެކި  ތަންތަނުގައި ހުރި ލަކުނުތަކަކީ، ފަރަންސޭސި އިސްތިއުމާރީ ފައުޖުތަކުގެ އަތްދަށުގައި އޭނާގެ ބައްޕަ އުފުލި ތަކުލީފުތަކުގެ ހެއްކެކެވެ. ބައްޕަ ކައިވެންޏެއް ކުރީވެސް އުމުރުން ވަރަށް ދޮށިވީ ފަހުން ކަމަށާއި، ހަމަޖެހުމާއި އަރާމު އިހުސާސްކުރަންފެށީ، ތޫނިސްއަށް މިނިވަންކަން ލިބުމަށްފަހު ކަމަށް މަބްރޫކާ ބުނެއެވެ.

އަހަރެމެން މި ގޭގަ މިއުޅެނީ ވަރަށް ދަތިކޮށް. ވަރަށް ދަތި ހާލެއްގަ. އަހަރެންގެ ބައްޕައަކީ އިސްތިއުމާރީ އަޅުވެތިކަމުގެ ދުވަސްވަރު ދިރިއުޅުނު މީހެއް. ބައްޕަ އަދިވެސް ދިރިއުޅެނީ އެދުވަސްވަރު އުޅުނު ގޮތަށް. މިހާރުވެސް ބައްޕަ ކާ ހަމަ އެކަނި އެއްޗަކީ ކުސްކުސްއާ ޒައިތޫނިތެޔޮ.
މަބްރޫކާ އަލް-މީސާވީ؛ ހުސައިންގެ ދަރިފުޅު

ފަގީރު ހާލުގައި، އާދައިގެ ޖިފުޓިގަނޑެއްގައި ދިރިއުޅެން ޖެހިފައި އޮތެއްކަމަކު، 119 އަހަރުގެ ހުސައިނަށް ވަނީ އަގު ނުކުރެވޭފަދަ ނިއުމަތެއް ލިބިފައެވެ. އެއީ އޭނާދެކެ އިންތިހާއަށް ލޯބިވާ އާއިލާއެކެވެ. މިއަދު އޭނާގެ ދަރިންގެ ތެރެއިން 9 ދަރިން ދުނިޔޭގައި ތިބިއިރު، ކާފަކިޔާ 40 ދަރިން އެބަތިއްބެވެ. ހުސައިންގެ ގާތްތިމާގެ މީހުންނާއި އަވައްޓެރިންވެސް ގަވައިދުން އޭނާ ގާތަށް ޒިޔާރަތްކޮށް ހަދައެވެ. ހުސައިން ދެއްކި ގަދަ ހިތްވަރުގެ ވާހަކަތައް އަޑުއަހައި، ކަންކަމުގައި އޭނާ ގާތުން ލަފާ ހޯދައިވެސް ހަދައެވެ.

ހުސައިންގެ އުމުރަކީ 119 ކަމުގައި ވީނަމަވެސް، ދުނިޔޭގެ ރެކޯޑްތައް ބަލަހައްޓާ ގިނިސްގެ ވެބްސައިޓްގައި، މިވަގުތު ދުނިޔޭގައި ހުރި އެންމެ ދޮށީ މީހެއްގެ ގޮތުގައި ލިސްޓުކޮށްފައިވަނީ ޢުމުރުން 115 އަހަރުގެ އަންހެނެކެވެ. އެއީ އެމެރިކާއަށް އުފަން، ސްޕެއިން މީހެއް ކަމަށްވާ މާރިޔާ ބްރަންޔާސް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަށް 3 ދަރިން ލިބިފައިވާއިރު، މާމަކިޔާ 11 ދަރިން، އަދި މުނިމާމަކިޔާ 13 ދަރިން ވަނީ ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް