ކ. މާލެ
|
24 މެއި 2023 | ބުދަ 19:33
ދައުދާ ގަބޫލުކުރާގޮތުގައި އެންމެ ފެންވަރު ރަނގަޅު ސެންޓު އުފެއްދެނީ އެންމެ އިހުގެ ގޮތަށް މަސައްކަތް ކޮށްގެން
ސެންޓު އުފެއްދުން
ދައުދާގެ މާފެން ހެދުން، އާއިލީ ތަރިކައަކަށް
މަލުގެ ތާސީރު އެކުލެވޭ ފެން ތައްޔާރުކުރުމުގެ މަސައްކަތް، ދައުދާ ދަސްކުރީ އޭނާގެ މަންމައާއި މާމަގެ ގާތުން
އިހުގެ ގޮތަށް ތައްޔާރުކުރާ ސެންޓާއި، މަލުގެ ތާސީރު އެކުލެވޭ ފެނުގެ ކޮލިޓީ މާ ރަނގަޅުކަމަށް ދައުދާ ގަބޫލުކުރޭ

ކޮންމެ އަހަރެއްގެވެސް ބަހާރު މޫސުމުގެ ދުވަސްވަރަކީ، ތޫނިސްއަށް އުފަން، ދައުދާ ބިން ސަލީމް އެންމެ އިންތިޒާރުކުރާ ދުވަސްވަރެވެ. އޭނާގެ މާބަގީޗާގައި ހުރި ގަސްތަކުގައި މާ އަޅައި، އެ މާތައް ފޮޅޭ ދުވަސްވަރަށް ދައުދާ އިންނަނީ ކެތްމަދުވެފައެވެ. ބަހާރު މޫސުމުގެ ދުވަސްވަރަކީ، ތޫނިސްގައި އެންމެ އިހު އެވޭލާ ޒަމާނުއްސުރެ މާފެން އަޅަމުން އައިގޮތަށް، މާފެން ތައްޔާރުކުރުމުގެ މަސައްކަތުގައި ދައުދާ އެންމެ އަވަދިނެތި އުޅޭ ދުވަސްވަރެވެ.

މާރޗް މަހަށް ފެށުނީއްސުރެ މެއި މަސް ނިމެންދެން، ދައުދާގެ ކޮންމެ ދުވަހެއް ފެށިގެން އަންނަނީ މާ ބިނުމުގެ މަސައްކަތުގެ ތެރެއިންނެވެ. އުމުރުން 63 އަހަރުގެ ދައުދާ ކޮޅުކޮޅަށް ހެލިފެލިވަނީ، ފިނިފެންމަލާއި އޮރެންޖު މަލުގެ އިތުރުން ހުވަނދުމަލާއި އެނޫންވެސް އެފަދަ މާމެލާމެލި ބިނުމަށެވެ.

މާ ބިނުމަށްފަހު އޭނާގެ ދަރު އުނދުން ރޯކުރެއެވެ. އުނދުނަށް އުދައި ރަތުލޯ ތެއްޔަކަށް ފެން އަޅައި، އޭގެތެރެއަށް މާތައް އަޅައެވެ. ތެލީގައި ޖަހާ މަތިގަނޑަކީވެސް ޚާއްސަ ގޮތަކަށް ފަރުމާކޮށްފައިވާ މަތިގަނޑެކެވެ. މަތިގަނޑު ފަރުމާކޮށްފައި ހުންނަނީ ސެންޓު ތިކިތަކަށް ފެން ބަދަލުވުމުގެ ކުރިން، އާވި ބޭރުވެގެން ދާ ގޮތަށެވެ. ރަނގަޅަށް މާފެންގަނޑު ތައްޔާރުވުމުން، ހޫނު ކެނޑެންދެން އެ ބެހެއްޓުމަށްފަހު، ފުޅިފުޅީގައި ބަންދުކުރަނީ، ޚުދު ދައުދާގެ އަމިއްލަ ބަގީޗާތެރޭގައެވެ.

މީ އަހަރެންގެ ކަމަކީ. މީ އަހަރެން ވަރަށް ގަޔާވާ ކަމެއް. އެންމެ އިހުގެ ގޮތަށް މި ތައްޔާރުކުރަން އަހަރެން ލޯބިކުރަން. ބޮޑުވެގެން އައި ދުވަސްވަރާ، ކައިވެނިކުރި ދުވަސްވަރު އަހަރެން މިކަން ދަސްކުރިން. އަދިވެސް އަހަރެން މި ބޭނުންކުރަނީ ހަމަ އެ އުކުޅުތައް. އެއީ މިގޮތަށް މިކަން ކުރީމަ، އަހަންނަށް ވާ ފައިދާ ބޮޑުވީމަ. ގޭސް ބޭނުންކުރުން ކަހަލަ، އެހެން ގޮތްގޮތް ހަދަން ފެށީމަ އެ ދާ ޚަރަދަށްވުރެ، ޚަރަދުވެސް ކުޑަ.
ދައުދާ ބިން ސަލީމް؛ މާފެން ހަދާ މީހެއް

މަލުގެ ތާސީރު އެކުލެވޭ ފެން ތައްޔާރުކުރުމުގެ މަސައްކަތް ދައުދާ ދަސްކުރީ އޭނާގެ މަންމައާއި މާމަގެ ގާތުންނެވެ. އެއީ އެ އާއިލާގެ އެތައް ޖީލަކަށް ވާރުތަވެފައިވާ ޚާއްސަ ހުނަރެކެވެ. އާއިލީ އާދަކާދަ ދެމެހެއްޓުމުގެ ގޮތުން، ދައުދާ ވަނީ އޭނާގެ އަންހެން ދަރިންނަށްވެސް މި މަސައްކަތް ދަސްކޮށްދީފައެވެ.

މަންމަ މި މަސައްކަތް ފެށީ ވަރަށް ކުރާ ހިތުން ކުރާ ކަމެއްގެ ގޮތުގަ. މަންމަ މިހާރު ވަނީ، މިކަމުގެ ހުރިހާ ކަމެއް އަހަރެމެންނަށް ދަސްކޮށްދީފަ. އަހަރެމެން ބޭނުންވި ޒަމާނާ އެއްގޮތަށް، ވަގުތު ސަލާމަތް ކުރަން، ބައެއް މަރުހަލާތަކަށް ބަދަލު ގެންނަން. އާ ގޮތްގޮތަށް މި ތައްޔާރުކުރަން. ގޭސް ބޭނުންކުރަން. އެކަމަކު، އަންދަލުސްގެ ދަރުއުނދުން ބޭނުންކުރީމަ އެ ނުކުންނަ ރަހައެއް، ވަހެއް ނުހުރޭ. އެހެންވެ، މަންމަ ހަދާގޮތަށް ހަދަމުން މި ދަނީ. މިހާރު އަހަރެމެން މި ދަނީ، އަހަރަމެންގެ ދަރިންނަށްވެސް މިކަންކަން ދަސްކޮށްދެމުން. މި އާދަ، ދަމަހައްޓަން.
ސުހައިލާ ބިން އަލީ؛ ދައުދާގެ ދަރިފުޅު

ޒަމާނީ ޓެކްނޮލޮޖީއަށް އެތައް ބަޔަކު ލެނބިފައިވާ އަދުގެ ދުނިޔޭގައި، ދައުދާ އަދިވެސް ގަބޫލުކުރާގޮތުގައި އެންމެ ފެންވަރު ރަނގަޅު ސެންޓު އުފެއްދެނީ އެންމެ އިހުގެ ގޮތަށް މަސައްކަތްކޮށްގެންނެވެ. އެއީ ކިތަންމެ ވަގުތަކާއި ހިތްވަރެއް ބޭނުންވިނަމަވެސް، އިހުގެ ގޮތަށް ތައްޔާރުކުރާ ސެންޓާއި، މަލުގެ ތާސީރު އެކުލެވޭ ފެނުގެ ކޮލިޓީ މާ ރަނގަޅުކަމަށް ދައުދާ ގަބޫލުކުރެއެވެ.

ތޫނިސްގެ އެކި ހިސާބުތަކުގައި ސަގާފީ ސިނާއަތްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އެކިއެކި މައުރަޒުތަކުގައި ދައުދާ ބައިވެރިވެއެވެ. ދައުދާގެ އުފެއްދުންތަކަކީ ތޫނިސްގައި ބޮޑު ޑިމާންޑެއް އޮންނަ އުފެއްދުންތަކެއްވެސް މެއެވެ.

ރޯޒްވޯޓަރ ނުވަތަ ފިނިފެނަކީ ތޫނިސްގައި ޒަރޫރީ ބާވަތެއް ކަމުގައިވެސް ދެންނެވިދާނެއެވެ. ކެއްކުމުގެ އިތުރުން ޒީނަތްތެރިވުމުގެ އެކި ކަންކަމުގައި މާފެން ބޭނުންކުރާއިރު، އެކި ކަހަލަ ތަދުތައް ކުޑަކުރުމަށްޓަކައި، ބޭސްވެރިކަމުގެ ތެރޭގައިވެސް ތޫނިސްގައި މާފެން ބޭނުންކުރެއެވެ.

- ކޮމެންޓް