ކ. މާލެ
|
1 ޖޫން 2023 | ބުރާސްފަތި 16:20
ސޫދާން ހަނގުރާމައާއެކު އެގައުމުގެ ސިއްހީ ދާއިރާ އޮތީ ނާޒުކު ހާލަތެއްގައި
ސޫދާން ހަނގުރާމަ
ގަދަވަމުންދާ ސޫދާން ހަނގުރާމައިގެ ތެރޭގައި ސޫދާން ޑޮކްޓަރުންގެ ޚިދުމަތް ހިލޭ ސާބަހަށް!
ހަމަލާ ބަދަލުކުރުންތައް ކުރިއަށްދަނީ އަސްކަރީ ބާރުގެ ފައުޖުތަކާއި އާރްއެސްއެފްގެ ފައުޖުތަކާ ދެމެދު
ސޫދާނުގެ ސިއްހީ ނިޒާމު މިހާރު އޮތީ މުޅިންހެން ފުނޑުފުނޑުވެފައި

ސޫދާނުގެ އަސްކަރިއްޔާއާ އެ ގައުމުގެ ޕެރަމިލިޓްރީ ރެޕިޑް ސަޕޯރޓް ފޯރސަސް (އާރްއެސްއެފް)އާ ދެމެދު ހަމަލާ ބަދަލުކުރުންތައް ފެށީ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. ހަމަލާތައް ހޫނުވެ، މަސްރަހު ގޯހުން ގޯހަށް ގޮސް، ހަނގުރާމައިގެ ނާމާން ކޮޅިގަނޑެއްގައި ގައުމު ޖެހިފައިވާއިރު، ހަމަލާ ބަދަލުކުރުން މަޑުޖައްސައިލުމާބެހޭ އެއްބަސްވުމަށް އަމަލުކުރުން، އެ ގައުމުގެ އަސްކަރިއްޔާއިން މިހާރު ވަނީ ހުއްޓައިލާފައެވެ. ހުރިހާ ދެރައަކާއި ނުތަނަވަސްކަމެއް އާންމު ރައްޔިތުންނަށެވެ. ހަނގުރާމައެއްގައި އެންމެ މުހިންމު އެއް ދާއިރާއަކަށް ވެގެންދަނީ ސިއްހީ ޚިދުމަތުގެ ދާއިރާ ކަމުގައި ވީނަމަވެސް، ސޫދާނުގެ ސިއްހީ ނިޒާމު މިހާރު އޮތީ މުޅިންހެން ފުނޑުފުނޑުވެ، ވިއްސިވިހާލިވެފައެވެ.

ސޫދާނުގެ ސިއްހީ ދާއިރާއަށް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތަކުގެ ލިސްޓު، ކޮޅު ނެތް ކޮޅަށް ދެމިގެން ދެއެވެ. އުމްރާނީގޮތުން ލިބިފައިވާ ގެއްލުންތައް އޭގެ އިންތިހާއެވެ. ވަރުގަދަ ހަމަލާ ބަދަލުކުރުންތަކުގައި ގެއްލުން ލިބި، ނުވަތަ މުޅިން ސުންނާފަތިވެ ބިމާ ހަމަވެފައިވާ ހޮސްޕިޓަލުތަކުގެ އަދަދު ގިނައެވެ.

ހަމަލާ ބަދަލުކުރުންތައް ކުރިއަށްދަނީ އަސްކަރީ ބާރުގެ ފައުޖުތަކާ އާރްއެސްއެފްގެ ފައުޖުތަކާ ދެމެދުގައި ކަމަށް ވީނަމަވެސް، މި ފަހަކަށް އައިސް ވަރުގަދަ ކުރަމުންދާ ހަމަލާތަކުގެ ޝިކާރައަކަށް ވަނީ އާންމު ރައްޔިތުންނެވެ. އާންމުންގެ ތެރެއިން އެތައް ސަތޭކަ ބައެއްގެ ފުރާނަ ގެއްލިއްޖެއެވެ. 1.3 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު، އަމިއްލަ ވަޒަނުގައި ގެއްލިފައިވާކަމަށް ލަފާކުރެވެއެވެ. އިތުރު 1 މިލިއަނެއްހާ މީހުން މިހާރު ތިބީ، ކޮންމެހެން ބޭނުންވާ ޚިދުމަތް ނުވަތަ ސިއްހީ ޚިދުމަތްދޭ ފެސިލިޓީތަކަށް ދެވޭނެ ގޮތެއް ނެތިފައެވެ.

ހަމަލާތައް އެންމެ ވަރުގަދަވެފައިވާ، ވެރިރަށް ޚާރްތޫމުގެ ރަށްވެހިންގެ ތެރެއިން ސިއްހީ ފަރުވާ ބޭނުންވާ މީހުން، އެހެން ސަރަހައްދުތަކުން އެ ޚިދުމަތް ހޯދާތާ މިހާރު މަހަކަށްވުރެ ގިނަ ދުވަސްވެއްޖެއެވެ. އެފަދަ އެކަކީ އާދަމް އަބޫބަކުރެވެ. އާދަމް ކިޔައިދިންގޮތުގައި އޭނާއަށް ހޮސްޕިޓަލެއް ފެނުނީ އެތައް ދުވަހަކު ހިނގައިގެން ކުރި މަސައްކަތުންނެވެ. އަލް-ހަސާހިސާ ސިޓީގެ ޑޮކްޓަރުންގެ ފަރާތުން އޭނާއަށް ސިއްހީ އެހީތެރިކަން ލިބުނުއިރު، އެއީ ޚާރްތޫމާ 100 އެތައް ކިލޯމީޓަރެއް ދުރުގައި އޮންނަ ސަރަހައްދެއްކަން ފާހަގަކުރަންޖެހެއެވެ.

ހޮސްޕިޓަލަކާ ބޭސްކޮޅެއް ހޯދަން އަހަރެން ހިނގީ ޚާރްތޫމުން އަބް-އުޝާރަށް. މަށަކީ ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހެއް. މީހުން އަހަންނަށް މަރުހަބާ ކިޔާ، އަލް-ހަސާހިސާ ހޮސްޕިޓަލަށް އަހަރެން ބަދަލުކުރީ. ޑޮކްޓަރުން މަށަށް އެހީވަނީ ހިލޭ ސާބަހަށް. އެމީހުން އިތުރު އެނދުތައްވެސް ހޯދައިގެން ގެނައި، ބަލި މީހުންނަށް މިތަނުގަ ތިބެވޭނެ ގޮތް ހަދައިދޭންވެގެން.
އާދަމް އަބޫބަކުރު؛ ސޫދާންގެ ބަލި މީހެއް

ކަން މިހެން އޮތްއިރު ހަސާހިސާ ހޮސްޕިޓަލު ހިންގަމުން ދަނީ އޭގެ އެންމެ އިންތިހާ ކެޕޭސިޓީގައެވެ. ޚާރްތޫމާއި އެހެންވެސް ސަރަހައްދުތަކުން ޚިދުމަތް ހޯދަން އަންނަ ބަލި މީހުންގެ އަދަދު، ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ހަމަލާ ބަދަލުކުރުންތަކުގައި ޚާރްތޫމް ސުންނާފަތިވެފައި ވާއިރު، ހަސާހިސާ ހޮސްޕިޓަލު މިއަދު ވެފައިވަނީ ސޫދާނުގެ މައި ހޮސްޕިޓަލަށެވެ.

މުހައްމަދު އަބްދުލްގާދިރަކީ ހޮސްޕިޓަލުގެ ރަޖިސްޓްރާއެވެ. އޭނާ ބުނިގޮތުގައި އެ ހާލުގައިވެސް ހޮސްޕިޓަކުން ދަނީ، ވީ އެންމެ ފުރިހަމައަކަށް ބަލި މީހުންނަށް ޚިދުމަތް ދެވޭތޯ ބަލަމުންނެވެ. ނަމަވެސް، ވަސީލަތްތަކުގެ ދަތިކަން ކުރިމަތިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޚާރްތޫމުގަ އޮތް ތަޅާފޮޅުންތަކާހެދި އަހަރެމެންނަށް ވަރަށް ޕްރެޝަރު ބޮޑު. އަހަރެމެން މިދަނީ ވީ އެންމެ ފުރިހަމައަކަށް، ބަލި މީހުންނަށް ޚިދުމަތް ދެމުން. ހޮސްޕިޓަލަށް ބޭނުންވާ ކުއްލި ހާލަތުގެ ބޭހާ އާލާތްތައް މަދު. ވަކިން ޚާއްސަކޮށް އޮކްސިޖަން، ޓިއުބް، ނިއުޓްރިއަންޓްސް އަދި މެޑިކަލް ސޮލިއުޝަންތައް.
މުހައްމަދު އަބްދުލްގާދިރު؛ ހަސާހިސާ ހޮސްޕިޓަލުގެ ރަޖިސްޓްރާ

ހޮސްޕިޓަލުގެ ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި ޝައިޚް އިދްރީސްވެސް ވަނީ، މިވަގުތު ހޮސްޕިޓަލު އޮތް ނިކަމެތި ހާލާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޕޭޝަންޓް ލޯޑު އިތުރުވުމާ ވަސީލަތްތައް މަދުވުމުގެ އިތުރަށް، ދެން ކުރިމަތިވާ އަނެއް ގޮންޖެހުމަކީ ކަރަންޓުގެ ޚިދުމަތް މެދުކެނޑުން. އަހަރެމެންގެ ހުންނާނެ 3 ޖަނަރޭޓަރު. އެކަމަކު، ހޮސްޕިޓަލަށް ބޭނުންވަނީ ބޮޑެތި ޖަނަރޭޓަރު. ވަކިން ހާއްސަކޮށް ކިޑްނީ ޑައެލަސިސްއާ ސަރޖަރީ ސެކްޝަންތަކަށް. ގޮންޖެހުންތައް ބޮޑު މި ހާލަތުގަ. ވަސީލަތްތައް ވަރަށް ތަދު.
ޝައިޚް އިދްރީސް؛ ހަސާހިސާ ހޮސްޕިޓަލުގެ ޑައިރެކްޓަރ ޖެނެރަލް

ނިމިދިޔަ ރަމަޟާން މަހުގެ ފަހު 10ގެ ދުވަސްތަކާ ސޫދާންގެ ރައްޔިތުން ބައްދަލުކުރީ ހަނގުރާމައިގެ ބަނަ ވިލާގަނޑުގައި ޖެހި ތިބި ހާލުގައެވެ. ހަމަލާ ބަދަލުކުރުންތައް ފެށިފަހުން، ސޫދާނުގެ 70 ޕަސެންޓް ހޮސްޕިޓަލުގެ މަސައްކަތް ވަނީ ހުއްޓާލާފައެވެ. ސަބަބަކަށްވީ، ހަމަލާ ބަދަލުކުރުންތައް ކުރިއަށްދާ ސަރަހައްދުތަކާ، ހޮސްޕިޓަލުތައް ހުރި ހިސާބު މާ ކައިރިވުމެވެ.

ސިއްހީ ޚިދުމަތް ދިނުމަށް ބޭނުންކުރި ބައެއް މަރުކަޒުތައް ހަމަލާތަކުގެ އަމާޒަކަށްވި މަންޒަރުވެސް ވަނީ ފެނިފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިންވެސް ވަނީ އެކަން ކަވަރުކޮށްދީފައެވެ. ބޭހާއި އެނޫންވެސް ސިއްހީ އާލާތްތައް އދ.އާއި އެނޫންވެސް ޖަމިއްޔާތަކުން ސޫދާނަށް ހަދިޔާކުރިކަމުގައި ވީނަމަވެސް، ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއެކު އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގެއް ސޫދާނުގައި އަދި މިވަގުތަކު ނެތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް