ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 08:01
ސިފައިން އަދި އެމްއެންޔޫ ބައްދަލުކުރި މެޗުގެ ތެރެއިން
ސިފައިން އަދި އެމްއެންޔޫ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ވިމެންސް ފުޓްސަލް ޗެލެންޖް
ވިމެންސް ފުޓްސަލް ޗެލެންޖް: އަވަ އެފްޓީ އާއި ޓީރެކްސް އަށް ބޮޑު މޮޅެއް
އަވަ އެފްޓީ މޮޅުވީ ޒެނިތްއާ ވާދަކޮށް 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުން
އިކުއަޓޯރިއަލްއާ ވާދަކޮށް ޓީރެކްސް މެޗު ކާމިޔާބުކުރީ 2-9 ގެ ނަތީޖާއަކުން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ފުރަތަމަ ވިމެންސް ފުޓްސަލް މުބާރާތުގައި އަވަ އެފްޓީ އާއި ޓީރެކްސް ބޮޑު މޮޅެއް ހޯދައިފި އެވެ.  

މި މަހުގެ 9 އިން 20 އަށް، ޖުމްލަ 9 ޓީމާއިއެކު ފަށާފައިވާ މި މުބާރާތަކީ، އަންހެން ބޭފުޅުންނަށް އަމާޒުކޮށްގެމް އެފްއޭއެމްއިން ބާއްވާ ފުރަތަމަ ފުޓްސަލް މުބާރާތެވެ.

މުބާރާތުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުން އަވަ އެފްޓީ މޮޅުވީ ޒެނިތްއާ ވާދަކޮށް 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަވަ އެފްޓީގެ ފަދުވާ ޒާހިރު އެވެ. ދެވަނަ މެޗުގައި އިކުއަޓޯރިއަލްއާ ވާދަކޮށް ޓީރެކްސް އިން މެޗު ކާމިޔާބުކުރީ 2-9 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

އާދީއްތަ ދުވަހުގެ ރޭ އެފްއޭއެމްގެ އެއް ނަމްބަރު ޓާފް ދަނޑުގައި ފެށި މި މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބް އަދި  އެމްޕީއެލް ވަނީ އެޓީމު ކުޅުނު މެޗުތައް ކާމިޔާބުކޮށްފައެވެ.

ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ ގުރޫޕު 1 ގައި 5 ޓީމު ވާދަކުރާއިރު ގުރޫޕް 2 ގައި 4 ޓީމު ވާދަކުރެއެވެ. ގުރޫޕް 1 ގައި ހިމެނެނީ ދިވެހި ސިފައިންގެ ކުލަބާއި، އެމްޕީއެލް އާއި، ޕޮލިސް ކުލަބުގެ އިތުރުން، ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަދި އެމްއެންޔޫ އެސްސީ އެވެ. ގުރޫޕް 2 ގައި ހިމެނެނީ ޒެނިތް ސްޕޯޓްސް ކުލަބާއި، އިކުއަޓޯރިއަލް އާއި، ޓީރެކްސް ސްޕޯޓްސް އެކަޑަމީ އަދި އަވާ އެފްޓީއެވެ.

ވިމެންސް ފުޓްސަލް ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީގެން އެފްއޭއެމުން ކުރިއަށްގެންދާ މި މުބާރާތުގައި، ގައުމީ އަންހެން ފުޓުބޯޅަ ޓީމަށް ނިސްބަތްވާ އެއްވެސް ކުޅުންތެރިއަކަށް ނުކުޅެވޭނެއެވެ. މީގެ އިތުރުން ބިދޭސީ އެއްވެސް ކުޅުންތެރިއަކަށްވެސް މި މުބާރާތުގައި ނުކުޅެވޭނެއެވެ.

- ކޮމެންޓް