ކ. މާލެ
|
31 މެއި 2023 | ބުދަ 17:42
އުފެއްދުމެއްގެ އޯނަރޝިޕް ބަޔާން ކުރާ ޤަރާރެއް ދޫކުރުމުން، ބައިނަލްއަޤުވާމީ ނީލަންތަކުގައިވެސް އުފެއްދުންތައް ހިމެނުމުގެ ފުރުޞަތު ތަނަވަސްވޭ
އަތްތެރި މަސައްކަތް
ހަނގުރާމާގައި މާޔޫސްވި އަތްތެރި މަސައްކަތުގެ ފަންނުވެރިންނަށް ޢުއްމީދުގެ އަލިކަން!
ފަރުމާތައް އަޅާފައި ހުންނަން ޖެހެނީ އަމިއްލަ އަތުން ކުރާ މަސައްކަތުން
އެ އުފެއްދުމެއް ވާންޖެހެނީ، ވަކި އުކުޅުތަކަކާއި ވަކި އާލާތްތަކެއް ބޭނުންކޮށްގެން ތައްޔާރު ކުރާ އުފެއްދުންތަކަކަށް
އަތްތެރި މަސައްކަތްތެރިންގެ އަމިއްލަ ޚިޔާލު ބޭނުން ކޮށްގެން އުފައްދާ އާދަޔާ ޚިލާފު ކޮންމެ އުފެއްދުމަކަށް، އެ އުފެއްދުމެއްގެ އޯނަރޝިޕް ބަޔާން ކުރާ ޤަރާރެއް ދޫކުރޭ

ފަންނުވެރި މަސައްކަތްތެރިންގެ އުފެއްދުންތައް ލޫޓުވާ، އެ ތަކެތިން ނާޖާއިޒު ފައިދާ ނެގުމުގެ މައްސަލައަކީ، އެތައް އަހަރަކަށް ދިގުލާ ދިޔަ ހަނގުރާމައިގެ ސަބަބުން، އިހު އުޅުނު ދިރިއުޅުމަށް އަދިވެސް ފުރިހަމައަށް ރުޖޫއަވެވިފައި ނުވާ ސޫރިޔާގައި ބޮޑުވެފައިވާ މައްސަލައެކެވެ. އެންމެ ބޮޑަށް، މި ތަކުލީފުތައް އުފުލަން ޖެހިފައިވާ އެއް ބަޔަކީ، ސޫރިޔާގައި ތިބި އަތްތެރި މަސައްކަތުގެ ދާއިރާގެ ފަންނުވެރިންނެވެ. ފަންނުވެރިންގެ މަސައްކަތްތައް ލޫޓުވާ، އެތަކެތީގެ ވަގު ވިޔަފާރީގެ މައްސަލަ އިންތިހާއަށް ބޮޑު ވެފައި ވާ އިރު، ސޫރިޔާގެ ކްރާފްސްޓްމަން ސިންޑިކޭޓުން މިހާރު ވަނީ، ފަންނުވެރިންގެ މަސައްކަތްތައް ކިތާބީ ހެކީގެ ގޮތުގައި ރައްކާކޮށް، އެ އުފެއްދުމެއް ތައްޔާރު ކުރުމުގެ މަރުހަލާތައް އަރުޝީފުކޮށް، އެ އުފެއްދުމެއްގެ އަމިއްލަވަންތަކަން ކަށަވަރު ކޮށްދިނުމަށް ހާއްސަ މަޝްރޫއެއް ފަށާފައެވެ.

އާ މަޝްރޫޢުގެ ދަށުން، އަތްތެރި މަސައްކަތްތެރިންގެ އަމިއްލަ ޚިޔާލު ބޭނުން ކޮށްގެން އުފައްދާ އާދަޔާ ޚިލާފު ކޮންމެ އުފެއްދުމަކަށް، އެ އުފެއްދުމެއްގެ އޯނަރޝިޕް ބަޔާން ކުރާ ޤަރާރެއް ދޫކުރެއެވެ. އެ ޤަރާރުގައި، އެ އުފެއްދުމެއްގެ ފަރުމާގައި ހުރި ތަފްސީލުތަކާއި، އުފެއްދި ތާރީޚުވެސް ޖަހާފައި އޮވެއެވެ.

ދޫމާރް ހެރިޓޭޖް އިންކިއުބޭޓަރގެ ޑައިރެކްޓަރ، ލުއޭ ޝާއްކޮ ފާހަގަ ކުރި ގޮތުގައި، މި ގޮތަށް މިކަން ކުރުމުން، ބައިނަލްއަޤުވާމީ ނީލަންތަކުގައިވެސް އުފެއްދުންތައް ހިމެނުމުގެ ފުރުޞަތު ތަނަވަސްވެއެވެ.

މި ޤަރާރަކީ އުފެއްދުންތައް، ސޫރިޔާގެ ފަންނުވެރި މަސައްކަތްތެރިންނަށް ރިޢާޔަތް ކުރާ ޤަރާރެއް. އެހެން ޤައުމެއްގެ ބަޔަކަށް ނޫން. ޤަރާރަށް ދުވަސް ވާ ވަރަކަށް، އުފެއްދުމުގެ އަގު އުފުލޭނެ. މި ގޮތަށް މިލްކުވެރިކަން ބަޔާން ކުރާ ޤަރާރުތައް ހެދީމަ، ބައިނަލްއަޤުވާމީ ނީލަންތަކާއި މަޢުރަޒުތަކަށްވެސް މި އުފެއްދުންތައް ލެވި، މަސައްކަތްތެރިންގެ އުފެއްދުންތަކުގެ އަގު އުފުލޭ.
ލުއޭ ޝާއްކޮ؛ ދުމާރު ހެރިޓޭޖު އިންކިއުބޭޓަރގެ ޑައިރެކްޓަރ

މުޙައްމަދު އަލް-ކޮޖޮކްއަކީ ސޫރިޔާގެ ފަންނުވެރި މަސައްކަތްތެރިއެކެވެ. ފަންނުވެރިންގެ މަސައްކަތްތަކަށް ޤަރާރުތައް ދޫކުރާ ގޮތަށް ގެނައި ބަދަލާއެކު އޭނާ ހުރީ އިތުރު އުފެއްދުންތަކެއް ނެރުމުގެ ވަރުގަދަ ޢަޒުމުގައެވެ. އަލް-ކޮޖޮކްގެ އުފެއްދުންތަކަކީ ޢައްޔޫބީ އަދި އިސްލާމީ ޙަޟާރާތުގެ ފަރުމާތައް އަސްލަކަށް ބަލައިގެން އުފައްދާ އުފެއްދުންތަކެކެވެ.

މީ އަހަރެންގެ އަމިއްލަ އަތުން ކޮށްފަ ހުރި މަސައްކަތް. މެޝިނަކުން ނޫން. މި ލަކުޑިއަކީ 3.5 ސެންޓިމީޓަރު ބޯމިނުގެ ލަކުޑި. އެތެރެ އޮންނަނީ ހޮއެކޮށް. އެތެރެ ހޮއެކޮށް ހުންނަ ލަކުޑިން މިކަހަލަ އުފެއްދުންތައް އުފެއްދުމަކީ ވަރަށް ބޮޑު ކަމެއް.
މުޙައްމަދު އަލް-ކޮޖޮކް؛ ސޫރިޔާގެ ފަންނުވެރިއެއް

އުފެއްދުމެއްގެ އޯނަރޝިޕް ހޯދުމަށްޓަކާ ފުރިހަމަ ކުރަން ޖެހޭ ބައެއް ޤަވައިދުތަކެއްވެސް ހުރެއެވެ. އެގޮތުން އެ އުފެއްދުމަކީ މީގެ ކުރިން އުފައްދާފައިވާ އުފެއްދުންތަކާ ވީހާވެސް ތަފާތު އުފެއްދުމަކަށް ވާންޖެހެއެވެ. ފަރުމާތައް އަޅާފައި ހުންނަން ޖެހެނީ އަމިއްލަ އަތުން ކުރާ މަސައްކަތުންނެވެ. އަދި އެ އުފެއްދުމެއް ވާންޖެހެނީ، ވަކި އުކުޅުތަކަކާއި ވަކި އާލާތްތަކެއް ބޭނުންކޮށްގެން ތައްޔާރު ކުރާ އުފެއްދުންތަކަކަށެވެ.

އުފެއްދުމެއްގެ މިލްކުވެރި ފަރާތް، އަހަރެންގެ ނަމުން، އެ ގަތް މީހާގެ ނަމަށް ބަދަލު ކުރާނެ. އެކަމަކު، އެ އުފެއްދުމެއްގެ މޭސްތިރި ފަންނުވެރިއަކީ ކޮބައިކަން އޮންނާނެ ސެޓްފިކެޓްގަ ފެންނަން. މިސާލަކަށް، މި އުފެއްދީ މުޙައްމަދު އަލް-ކޮޖޮކް ކަމަށް ލިޔެފަ އޮންނާނެ. އެކަން އެގޮތަށް އޮންނާނީ ތާ އަބަދަށް.
މުޙައްމަދު އަލް-ކޮޖޮކް؛ ސޫރިޔާގެ ފަންނުވެރިއެއް

ސޫރިޔާގެ ކްރާފްޓްސްމަން ސިންޑިކޭޓުން ދަފުތަރު ކުރަމުން ދަނީ އަތްތެރި މަސައްކަތްތެރިންގެ އާ އީޖާދުތަކެވެ. ކުރީގެ އުފެއްދުންތަކާ ބެހޭ ކަންކަން ބަލަހައްޓަނީ ސޫރިޔާގެ ދާރުލްއާޘާރުތަކާ ބެހޭ ޑައިރެކްޓަރޭޓޫންނެވެ.

ހަނގުރާމާގައި ހޭދަވި 12 އަހަރު ދުވަހުގެ ތެރޭގައި ފަންނުވެރި އުފެއްދުންތައް ލޫޓުވާ، އެ ތަކެތީގެ ވަގު ވިޔަފާރި ކުރި ކަމުގެ އެތައް ހާސް މައްސަލައެއް ވަނީ ރެކޯޑް ކޮށްފައެވެ. އޭގެ ނަތީޖާއަކަށްވީ، ސޫރިޔާގެ ތަރިކައިގެ ބޮޑު ބައެއް، ވީނުވީ ތަނެއްވެސް ނޭނގި ގެއްލިގެން ދިއުމެވެ.

- ކޮމެންޓް