ސޫރިޔާގައި ޓީޗަރެއްގެގޮތުގައި ޚިދުމަތްކުރުމަށްފަހު މަގާމުން މުސްކުޅިވެ، ހަވާސާވެގެން އިން ޣަޒާލީގެ ހުރިހާ ވަގުތެއްހެން ހުސްކޮށްލަނީ، އެހީތެރިކަން ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން، މީގެ ވިއްސަކަށް އަހަރު ދުވަސް ކުރިން، އޭނާގެ އެކުވެރިންނާއެކު އުފެއްދި މަރުކަޒުގައި ތިބި މީހުންގެ ބޭނުންތައް ފުއްދައިދިނުމަށެވެ.
އިގްތިސާދީ ހީނަރުކަން އޭގެ އެންމެ ފުނަށް ފެތުރިފައިވާ ސޫރިޔާގައި، އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހުންގެ އަދަދު، %40އާ %50އާ ދެމެދު މިންވަރަކަށް އިތުރުވެގެން ގޮސްފައިވާއިރު، އެހީ ލިބޭ މިންވަރު ދިޔައީ ދަށަށްކަން، އުމުރުން 72 އަހަރުގެ ޣަޒާލީ ވަނީ ފާހަގަކޮށްފައެވެ.
ސޫރިޔާއަށް މިއަދު ކުރިމަތިލާންޖެހިފައިވާ އިގްތިސާދީ ހީނަރުކަމުގެ ވަޅުގަނޑަށް އެ ގައުމު ވައްޓައިލި އެތައް ސަބަބެއްވެއެވެ. އެތައް އަހަރަކަށް ދިގުލައި ދިޔަ ހަނގުރާމަ، ހުޅަނގުން ތަންފީޒު ކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތައް، އަވަށްޓެރި ލުބްނާނަށް ކުރިމަތިވެފައިވާ މާލީ ހީނަރުކަމުގެ ސަބަބުން ފައިސާ ލިބުން ދަތިވުން، އަދި ސޫރިޔާގައި ތެޔޮ އުފައްދައި ސަރަހައްދުތަކުގެ ކޮންޓްރޯލް ސަރުކާރަށް ގެއްލުންފަދަ އެތައް ސަބަބެކެވެ.
ސޫރިޔާ ފައިސާގެ އަގު ވެއްޓުމާއެކު، މުދަލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ކާބޯތަކެއްޗާއި ކަރަންޓާއި އެނޫންވެސް ޒަރޫރީ މުދަލާއި ޚިދުމަތްތައް ހޯދައި ލިބިގަތުމަކީ މިއަދު ސޫރިޔާގެ ރައްޔިތުންނަށް އުފުލަންޖެހިފައިވާ ބޮޑު ތަކުލީފެކެވެ.
ތެދެއް! އެހީ ލިބޭވަރު ވަރަށް ބޮޑަށް މަދުވެއްޖެ. އެކަމަކު، އަހަރުމެން އެއްވެސް މީހަކު ކުށްވެރިއެއް ނުކުރަން. ދީލަތިކަމަކީ، އެމީހަކަށް ލިބޭ އެއްޗަކާ ގުޅިފަ އޮންނަ ކަމެއް ވީމަ. މީގެ ކުރިން ބޮޑެތި އަދަދުތަކުން ހަދިޔާ ދީފަ، މިހާރު މަދުން ދިނަސް، އެއީ އަހަރުމެންނަށް ލިބޭ ރަހުމަތެއް ކަމަށް އަހަރުމެން ދެކެނީ. ހަމަ ތެދެއް! އެހީ ވަރަށް މަދުވެއްޖެ. އެކަން ފޫބައްދަނީ އަހަރުމެންގެ މަސައްކަތުން.ޣަޒާލީ ޖަރަމަނީ؛ ސޫރިޔާގައި ހިލޭ ސާބަހަށް މަސައްކަތްކުރާ މީހެއް
"ސޯޝަލް ޗެރިޓަބަލް އެސޯސިއޭޝަން އިން ޖަރަމާނާ"ގެ ނަމުގައި ހިންގާ މި ޖަމިއްޔާއިން ދަނީ ހައި ސްކޫލް ދަރިވަރުންގެ ތެރެއިން ޕްރައިވެޓް ޓިއުޝަން ބޭނުންވާ ދަރިވަރުންގެ ތެރެއިން އެކަމަށް ބޭނުން ޖެހިފައިވާ ދަރިވަރުންނަށް ކުލާސްތައް ނަގައިދެމުންނެވެ. ކާބޯތަކެތީގެ އެހީ ބޭނުންވާ މީހުންނަށް އެތަކެތި ފޯރުކޮށްދެމުންނެވެ. އަދި ވަޒީފާ ބޭނުންވާ މީހުންނަށް، ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތްވެސް މި ޖަމިއްޔާއިން ކުރެއެވެ.
އަހަރެން މިތަނަށް އައީ ބޭރުތެރޭން ވަޒީފާ ލިބުން ދަތިވެގެން. ﷲށް ހަމްދުކުރަން. މިތަނުން ވަޒީފާ ދޭ، ރަނގަޅު މުސާރައަކަށް. މަސައްކަތުގެ މާހައުލުވެސް ރަނގަޅު. ކުރަންޖެހޭ މަސައްކަތްވެސް ރަނގަޅު. ދިރިއުޅެން ފައިސާ ލިބޭ އެބަ. ވަޒީފާއެއް ނެތިގެން އުޅުމަށްވުރެ މި ގޮތް މާ ރަނގަޅު. އަމިއްލަ ވިޔަފާރިވެރިން ދެނީ ވަރަށް ކުޑަ އުޖޫރައެއް. ދިރިއުޅުންވެސް ހަމަޖައްސާނުލެވޭހާ ކުޑަ. އަމިއްލަ ވިޔަފާރިއެއް ފަށަން ފުދޭވަރެއްގެ ބޮޑު ރައުސުލްމާލެއް ބޭނުންވާނެ.މުހައްމަދު އަބޫ ރިޒާ؛ ޖަރަމަނީގެ ޖަމިއްޔާއިން އެހީ ހޯދާ މީހެއް
ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ ގޮތުގައި ހިންގާ "ސޯޝަލް ޗެރިޓަބަލް އެސޯސިއޭޝަން އިން ޖަރަމާނާ"ގެ ފަހަތުގައި ތިބީ 2003 ވަނަ އަހަރުން މަގާމުން މުސްކުޅިވެ، ހަވާސާވި 14 ޓީޗަރެކެވެ. މަސައްކަތް ފެށިގެންދިޔައީ، ޕްރައިވެޓް ޓިއުޝަން ބޭނުންވާ ދަރިވަރުންގެ ތެރެއިން މާލީ ތަނަވަސްކަން ނެތް ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ. އޭގެ ފަހުން ޖަމިއްޔާގެ ޚިދުމަތްތައް ފުޅާކުރަމުން ގޮސް، ފައިސާއާއި، އަންނައުނު އަދި ކާބޯތަކެތީގެ އިތުރުން ވަޒީފާއެއް ހޯދަން ބޭނުންވެ، އެފަދަ ފުރުސަތެއް ލިބިފައި ނެތް މީހުންނަށް ވަޒީފާ ހޯދައިދިނުމުގައި އެހީތެރިވުންފަދަ ކަންކަންވެސް ކޮށްދޭންފެށިއެވެ.
އަހަރުމެންމީ ޖަރަމާނާގެ އެކި ސްކޫލްތަކުގައި 30 އަހަރު 35 އަހަރު ކިޔަވައިދޭން އުޅެފަ ވަޒީފާއިން މުސްކުޅިވި އަންހެން ޓީޗަރުންގެ ގުރޫޕެއް. ޓީޗަރުންނަކީ ވަރަށް ގިނަ މީހުން ދަންނަ ބައެއް. ގިނަ ދަރިވަރުންތަކެއްގެ ހާލު ގާތުން ފެންނަ ބައެއް. ދިރިއުޅުމަށް އުފުލަމުންދާ ތަކުލީފުތައް ފެންނަ ބައެއް. ބޭނުން ޖެހިފަ ތިބި ދަރިވަރުންނާ، އިންތިހާ ފަގީރުކަމުގަ، ނިކަމެތި ހާލުގަ އުޅޭ ކުދިން ފެންނަ ބައެއް. އެހެންވެ، ރިޓަޔަރކޮށްފަ އަހަރުމެން އެއްތަންވެގެން ނިންމީ، ހުވަފަތްވެފަ ތިބި މީހުންނާ، ފަގީރުންނާ ބޭނުންޖެހިފަ ތިބި މީހުންނަށް (ވަކިން ޚާއްސަކޮށް) ސްކޫލްތަކާ ޔުނިވަރސިޓީ ދަރިވަރުންނަށް އެހީދޭނެ، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް އުފައްދަން. އެއީ އަހަރުމެން އަދާކުރަމުންދިޔަ ވަޒީފާއަށް ބަލާއިރު، އެންމެ ބޮޑަށް ބޭނުން ޖެހިފަ އޮތް އެއްޗަކީ ތައުލީމަށް ވީމަ.ޣަޒާލީ ޖަރަމަނީ؛ ސޫރިޔާގައި ހިލޭ ސާބަހަށް މަސައްކަތްކުރާ މީހެއް
"ސޯޝަލް ޗެރިޓަބަލް އެސޯސިއޭޝަން އިން ޖަރަމާނާ"އަކީ ތަރައްއާބެހޭ އދ.ގެ މަޝްރޫއު (ޔޫއެންޑީޕީ)ގެ އެހީ ލިބޭ ޖަމިއްޔާއެކެވެ. ޔޫއެންޑީޕީއާއެކު މި ޖަމިއްޔާއިން ދަނީ ފަހާތަނެއްވެސް ހިންގަމުންނެވެ. ވަޒީފާގެ އުސޫލުން ފަހާ މީހުން ގެންގުޅޭ މި ތަނުގައި ފަހާ އަންނައުނު ވިއްކަނީ ވަކިވަކި ވިޔަފާރިވެރިންނާއި ފިހާރަތަކަށެވެ.
ފަހާ އެއްޗިހި ވިއްކައިގެން ލިބޭ އާމްދަނީ ބޭނުންކުރަނީ ޖަމިއްޔާގެ ކަންކަމަށެވެ. އަދި ފަހާ ތަނާއި އެހެންވެސް ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ.
މީގެ އިތުރުން ޣަޒާލީގެ ޖަމިއްޔާއިން ދަނީ ސިއްހީލަފަޔާއި ބޭސްފަރުވާގެ އެހީތެރިކަން ބޭނުންވާ މީހުންނަށް އެ ޚިދުމަތްވެސް ފޯރުކޮށްދެމުންނެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ ޑޮކްޓަރުންނާ ބައިވެރިވެގެންނެވެ.
ސޫރިޔާގެ އަދުގެ ހާލަތަށް ބަލާއިރު، އާންމު ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް އޮތީ ބަދަލުވެފައެވެ. ޖަމިއްޔާގެ މަސައްކަތްތައް ފެށިއިރު، ގިނަ ބަޔަކު އެ ޖަމިއްޔާއަށް ދިޔައީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައިނަމަވެސް، މިއަދު އެ ޖަމިއްޔާއަށް ދާ ގިނަ މީހުންނަކީ އެހީތެރިކަން ބޭނުންވެގެން ދާ މީހުންނެވެ.