ޕޮޗެޓީނޯ: ޗެލްސީއަށް ދިޔައީ ދަރިފުޅު ވެސް ގޮވައިގެން
ޕޮޗެޓިނޯ
ކ. މާލެ |

އެސްޕަނިޔޯލް އާއި ސައުތެމްޓަން އަދި ޓޮޓެންހަމާއި ޕީއެސްޖީގެ ކުރީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ޗެލްސީގެ ކޯޗުކަމާ ހަވާލުވީ އިއްޔެ އެވެ. މިއީ އިނގިރޭސި ލީގުން އޭނާ ފެނިގެންދާނެ ތިންވަނަ ފަހަރެވެ. އޭނާ އަކީ ޗެލްސީގެ ވެރިކަންކުރަން ޓޮޑް ބޮއެލީ ފެށިތާ އަހަރެއްގެ ތެރޭގައި އައްޔަންކުރި ތިން ވަނަ ކޯޗެވެ.

ޕޮޗެޓީނޯ ޗެލްސީގެ ކޯޗުކަމާ މިހަވާލުވީ ދަތި ވަގުތެއްގަ އެވެ. އޭނާ އަށް ކުލަބުގެ ވެރިންގެ ސަޕޯޓާއި ފައިސާ އިންތިހާ އަށް ލިބެން އެބައޮތެވެ. ނަމަވެސް އަންނަ ސީޒަން ފެށުމުގެ ކުރިން އޭނާ އަށް ކުރަން ޖެހިފައިވަނީ ބުރަ މަސައްކަތެކެވެ. ޓީމުގައި ތިބޭނެ ކުޅުންތެރިންނާއި އަލަށް ގެންނާނެ ކުޅުންތެރިންނާއި މުޅި ޓީމުގެ ހައިރާކީ އާއި އުސޫލުތައް އެކުލަވާލައި ޓީމަށް ދިރުން ގެނައުމަކީ އޭނާއަށް އޮތް އެންމެ ބޮޑު ޗެލެންޖެވެ.

އުމުރުން 51 އަހަރުގެ ޕޮޗެޓީނޯ އަކީ ތަށިތަކެއް ހޯދި ކޯޗެއް ނޫނެވެ. ނަމަވެސް އެސްޕަނިޔޯލް އާއި ޓޮޓެންހަމް އޭނާގެ ބެލުމުގެ ދަށުން ކުރިއަރައި ދިޔަ ގޮތުން އޭނާ އަށް އިތުބާރާއި އިހްތިރާމް ލިބފައިވެ އެވެ. ޕީއެސްޖީގެ ތަރިންގެ ޓީމުގޮވައިގެން ފްރެންޗް ލީގު ކާމިޔާބުކުރި އެވެ. މިހެންވެ ޗެލްސީގެ ވެރިން އޭނާ އަށް ދެނީ އޭ ރިޕޯޓެކެވެ. އެކަމަކު ޔޫރަޕުގައި ނަން ހިނގާ ގަދަ ކޯޗަކަށްވުމަށް އޭނާ އަށް ލިބޭ ފަހު ފުރުސަތަކީ ޗެލްސީ ކަމަށް ދެކޭ މީހުން ވަރަށް ގިނަ އެވެ.

ޕޮޗެޓީނޯ އާއި ދަރިފުޅު ސެބަސްޓިއަން (ވ) - ގޫގުލް

ޗެލްސީ އިހްތިޔާރުކުރީ ކީއްވެ؟

ޗެލްސީގެ ކޯޗުކަމާ ޕޮޗެޓީނޯ ހަވާލުވީ ދެ ފަހަރެއްގެ މަތީން ހުށަހެޅުމުން ގަބޫލުނުކުރުމަށްފަހު އެވެ. ކުރީ ދެ ފަހަރު އޭނާ މި ހުށަހެޅުން ދޫކޮށްލި ދެ ސަބަބެއްވެ އެވެ. ފުރަތަމަ ސަބަބަކީ ޗެލްސީގެ ފުރިހަމަ ކޮންޓްރޯލް އޭނާ އަށް ނުލިބުމެވެ. ދެ ވަނަ ކަމަކީ ޗެލްސީ އާއި ޓޮޓެންހަމަކީ ވެސް ލަންޑަނަށް ނިސްބަތްވާ ދެ ޓީމަށްވެފައި ޓޮޓެންހަމާއި އޭނާއާ އޮތް ގުޅުމާއި އަލުން އެކުލަބުގެ ކޯޗުކަމަށް ދިއުމުގެ ޝައުގުވެރިކަން އޮތުމެވެ.

ޕީއެސްޖީގައި ޕޮޗެޓީނޯ ދަސްކުރި އެންމެ މުހިންމު ކަމަކީ ކުލަބުގެ އެކަޑަމީން ފެށިގެންގޮސް އޭނާ އަށް ފުރިހަމަ ކޮންޓްރޯލް އޮތުމުގެ މުހިންމުކަމެވެ. ޗެލްސީގެ ވެރިން ފަހުން ވަނީ މިކަންކަމަށް އެއްބަސްވެފަ އެވެ. މިހެންވެ ޕޮޗެޓީނީ ބޭނުން ކޮންމެ ކުޅުންތެރިއަކު ފޮނުވާލައި ގެނެވިދާނެ އެވެ.

ފަހު ކަމަކީ އޭނާގެ ބެކްރޫމް ސްޓާފުންނަށް ޗެލްސީން ރުހުން ދިނުމެވެ. އޭނާގެ އެސިސްޓެންޓަކަށް ހުންނާނީ ޖެސޫސް ޕެރޭޒެވެ. އޭނާ އަކީ މިވީހާތަނަށް ޕޮޗެޓީނީގެ އެންމެ އަރިސް މީހާ އެވެ. މި ދެ މީހުން އެކުގައިވަނީ ފާއިތުވެދިޔަ އަހަރެއްހާ ދުވަހު ކޯޗިންގެ ވަރަށް ގިނަ ކަންކަން ދަސްކުރަން ވަގުތުހޭދަކޮށްފަ އެވެ. އެސިސްޓެންޓް ކޯޗެއްގެ ގޮތުން ދެން ހަރަކާތްތެރިވާނީ މިގުއަލް އޮގަސްޓީނޯ އެވެ. ސްޕޯޓްސް ސައިންޓިސްޓަކަށް ހުންނާނީ ޕޮޗެޓީނޯގެ ދަރިފުޅު ސެބަސްޓިއަން ޕޮޗެޓީނޯ އެވެ. ގޯލްކީޕިން ކޯޗަކީ ޓޯނީ ޖިމިނޭޒެވެ. މި އެންމެނަކީ ވެސް މިދިޔަ ހައެއްކަ އަހަރު އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރި ރަހުމަތްތެރިންނެވެ.

މައުރީސިއޯ ޕޮޗެޓީނޯ - ގެޓީ އިމޭޖަސް

ހުސްކޮށްހުރެ ޕޮޗެޓީނޯ ކުރީ ކޮންކަމެއް؟

ޕީއެސްޖީގެ ކޯޗުކަމުން ވަކިކުރުމުން ޕޮޗެޓީނޯ ގިނައިން އުޅުނީ ޗުއްޓީގަ އެވެ. ޖަޕާނަށް އާއިލާ ގޮވައިގެން ދިޔަ އެވެ. ޖަޕާނަށް އެންމެ ފަހުން އޭނާ ދިޔައީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ކުޅެން އާޖެންޓީނާ ޓީމާއެކުގަ އެވެ.

އެންމެ ގިނަ ވަގުތު ހޭދަކުރީ އިނގިރޭސިވިލާތާއި ސްޕޭނާ ދެމެދު ދަތުރު ކުރުމަށެވެ. ސަބަބަކީ ދަރިފުޅު ދަރިފުޅު މައުރީޒިއޯ ސްޕޭނުގެ ތިން ވަން ޑިވިޝަނުގައި ކުޅޭތީވެ އެމެޗުތައް ބަލާލުމަށެވެ. ޕީއެސްޖީގައި ޕޮޗެޓީނޯ ހުންނަން ޖެހުނީ ކޮވިޑްގެ ދުވަސްވަރު އެވެ. ހޮޓަލުގައި ހޭދަކުރި އެކަހެރި ދުވަސްތަކުގައި އިނގިރޭސިވިލާތުގައި ދިރިއުޅުނު އަންހެނުންނާއެކު އޭނާއާ ބައްދަލުވީ މަދު ފަހަރެއްގަ އެވެ. މިހެންވެ މިދިޔަ 12 މަސްދުވަހު އޭނާ ގިނައިން އުޅުނީ އަންހެނުންނާއެކު ވަގުތު ހޭދަކުރުމުގަ އެވެ.

ނަމަވެސް ޗެލްސީގެ ކޯޗުކަމަކީ މުޅިން ތަފާތު ތަޖުރިބާއަކަށްވާނެ އެވެ. މިއީ ޕޮޗެޓީނޯ އަށް ތަށިތަކުން އޭނާގެ ހަރުގަނޑު ފުރާލަން ލިބޭ ރަނުގެ ފުރުސަތެކެވެ. މި ފުރުސަތު ނަގާލައިފިނަމަ އޭނާ އަށް ދެން ބޮޑު ކުލަބެއްގެ ކޯޗުކަން ލިބުން ދުރުވާނެ ކަމަށް ގިނަ ބަޔަލު ގަބޫލުކުރާއިރު މިއީ ޕޮޗެޓީނީ ވެސް ޗެލްސީގެ ވަޒީފާ ވަރަށް ސީރިއަސްކޮށް ނަގާ ސަބަބެކެވެ. އޭނާގެ ކުރިމަތީގައި އޮތީ ޗެލްސީ ހަމައަކަށް އަޅުވައި، ކާމިޔާބީގެ އައްސޭރިއަށް ގެންދިއުމަށް ހުރަސްތައް ގިނަ ރާސްތާއެކެވެ. މިހެންވެ ފުރަތަމަ ކަމަށް އޭނާ ކުރާނެ ކަމަކީ ސީޒަނުގެ ފަހު ބައިގައި ޗެލްސީއަށް ކޯޗުކޮށްދިން ކުލަބުގެ ލެޖެންޑް ފްރޭންކް ލަމްޕާޑާ ބައްދަލުކޮށް ކަންކަން އޮޅުންފިލުވުމެވެ. މަސައްކަތް ފަށައިގަންނާނީ އެއަށްފަހުގަ އެވެ.