ކ. މާލެ
|
30 މެއި 2023 | އަންގާރަ 11:02
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
ތަށި ހޯދުމަށް ބޭނުންވާނަމަ ކުޅުންތެރިން ހޯދުމަށް ޚަރަދު ކުރަން ޖެހޭނެ: ޓެން ހާގް
އެ ނޫން ނަމަ، ތަށި ކާމިޔާބު ކުރުމުގެ އެއްވެސް ފުރުސަތެއް ޔުނައިޓެޑަށް ނޯންނާނެ

ކާމިޔާބީ އަށް ވާސިލްވެ ތަށި ހޯދުމަށް ބޭނުންވާ ނަމަ ކުޅުންތެރިން ހޯދުމަށް ޚަރަދު ކުރަން ޖެހޭނެ ކަމަށް މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

ޓެން ހާގް މިހެން ބުނީ ކުރިއަށް އޮތް ޓްރާންސްފާ މާކެޓާ ގުޅުވައިގެން ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ އެންމެ ފަހުގެ ޓްރާންސްފާ މާކެޓުގައި އެެހެން ކުލަބުތަކުން ސްކޮޑު ވަރުގަދަ ކުރުމަށް ކުޅުންތެރިން ހޯދުމުގައި ގިނަ ހޭދަ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޔުނައިޓެޑުން އޭރު މާ ބޮޑު ހޭދައެއް ނުކުރާ ކަމަށާއި އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ވާދަކޮށް، ތަށިތައް ކާމިޔާބު ކުރަން ބޭނުންވާނަމަ، ކުޅުންތެރިން ހޯދުމަށް ޚަރަދު ކުރަން ޖެހޭނެކަން ކުލަބަށް ވެސް އެނގޭނެކަން އޭނާ ފާހަގަކުރިއެވެ. އެ ނޫން ނަމަ، ތަށި ކާމިޔާބު ކުރުމުގެ އެއްވެސް ފުރުސަތެއް ޔުނައިޓެޑަށް ނޯންނާނެ ކަމަށާއި، ވާދަވެރި އެހެން ކުލަބުތަކުން އެކަން ޙާސިލްކުރާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އިތުރަށް އޭނާ ބުނީ ކުރިން ވެސް ބުނެފައިވާ ފަދައިން، ކުޅުންތެރިން ހޯދުމަށް ޚަރަދު ކުރަން ޖެހޭނީ އެކަމަށް އެކަށީގެންވާ ޕްލޭނަކާ އެކު ކަމަށެވެ. އެ ނޫން ނަމަ ކުލަބުގެ ކަންކަން ބޮއްސުންލައިގެން ދާނެ ކަމަށާއި، އެއީ އެއްވެސް ކުލަބަކުން ބޭނުންވާނެ ގޮތެއް ނޫން ކަމަށް އޭނށ ބުންޏެވެ. މީގެ ކުރިން ޓެން ހާގް ބުނީ ޔުނައިޓެޑުން ފައިސާ ޚަރަދު ކުރުމުގައި އެއްވެސް ކަހަލަ ޕްލޭނެއް ނުގެންގުޅެފި ނަމަ، ވާދަވެރި ޗެލްސީ އަށް ދިމާވި ޙާލަތު މެދުވެރިވެދާނެ ކަމަށެވެ.

ޔުނައިޓެޑުގެ ކޯޗުކަމާ ޓެން ހާގް ހަވާލުވީ މިދިޔަ އަހަރު އެވެ. އެ ކުލަބާ ހަވާލިވެ އޭނާ ވަނީ ކާމިޔާބު ސީޒަނެއް ނިންމާލައިފަ އެވެ. އޭނާ ހަވާލުވީއިރު ޔުނައިޓެޑަށް ގަދަ ހަތަރެއްގެ އުންމީދު ނެތް ނަމަވެސް، ސީޒަން ނިންމާލީ ލީގު ތާވަލްގެ ތިން ވަނައިގަ އެވެ. އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުން ވެސް ޔުނައިޓެޑު ވަނީ ޖާގަ ކަށަވަރުކޮށްފަ އެވެ. އޭނާ ބުނީ ސީޒަން ފަށައިގެން އައިއިރު ޔުނައިޓެޑު އޮތް ހިސާބާއި، ސީޒަން ނިމުނުއިރު ޔުނައިޓެޑު އޮތް ހިސާބު ފެންނާނެ ކަމަށެވެ. އަދި މިހާރު ޔުނައިޓެޑު ކުރިއަށް ދަނީ ރަނގަޅު މިސްރާބުގައިކަން ފާހަގަކޮށް އޭނާ ބުނީ، ކުރިއަށް އޮތް ތަނުގައި ވެސް ރަނގަޅު ކުރަން ޖެހޭ ބައިވަރު ކަންކަން ހުރި ކަމަށެވެ.

- ކޮމެންޓް