ސައުދީ މާކެޓުގައި ރާއްޖެ އިތުރަށް ޕްރޮމޯޓްކޮށް އިސްތިހާރުކުރުމަށް ސައުދީ އަރަބިއްޔާގައި މި މަހު ކުރިއަށްދިޔަ އެ ޤައުމުގެ އެންމެ ބޮޑު އެއް ފެއާ ކަމަށްވާ ރިޔާދު ޓްރެވަލް ފެއާ (އާރުޓީއެފް) ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބައިވެރިވެއްޖެއެވެ.
މި މަހުގެ 22 އިން 24 އަށް ކުރިއަށްގެންދިޔަ މި ފެއާގައި އެމްއެމްޕީއާރުސީއާއެކު 15 ކުންފުނި ތަމްސީލު ކުރާ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ 26 ޕާޓްނަރުން ބައިވެރިވިއެވެ. އެމްއެމްޕީއާރުސީން މި ފެއާގައި ބައިވެރިވީ ސައުދީ މާކެޓުގައި ރާއްޖޭގެ ބްރޭންޑު ހަރުދަނާކޮށް އެ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ހަލާލް ޓޫރިޒަމް ޕްރޮމޯޓު ކުުރުމުގެ އިތުރުން މެދުއިރުމަތީގެ ލަގްޒަރީ ސެގްމަންޓަށް އަމާޒުކޮށް ރާއްޖެ ޕްރޮމޯޓު ކުރުމުގެ ބޭނުމުގައެވެ.
އާރުޓީއެފް އަކީ ކޮންމެ އަހަރަކު ސައުދީގެ ވެރިރަށް ރިޔާދުގައި ކުރިއަށްގެންދާ އެ ޤައުމުގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ހަރަކާތެވެ. މި ފެއާގައި ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބޮޑެތި ކުންފުނިތަކުން ބައިވެރިވެއެވެ. މިއީ ފަތުރުވެރިކަމުގެ އުފެއްދުންތަކާއި ޚިދުމަތްތައް އިންވެސްޓަރުންނަށް އެއްތަނަކުން ދައްކާލެވޭ އެންމެބޮޑު އެއް ހަރަކާތެވެ.
މި ފެއާގައި ކޯޕަރޭޓް ޓްރެވަލް ޑިސިޝަން މޭކެރުންނާއި، އިންވެސްޓަރުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި، ވީއައިޕީ ކްލައިންޓުން ތަމްސީލުކުރާ ޓްރެވަލް އޭޖެންޓުން އަދި އިންޑަސްޓްރީގެ ތަޖުރިބާކާރުން ބައިވެރިވާއިރު މިއީ އައު ޚިދުމަތްތަކާއި އުފެއްދުންތައް ތައާރަފު ކުރުމަށް ވެސް ރަނގަޅު ފެއާއެކެވެ.
އެމްއެމްޕީއާރުސީން އާރުޓީއެފްގައި ބެހެއްޓި ސްޓޭންޑަކީ ރާއްޖޭގެ އަމާންކަމާއި ރީތިކަން ފެންނަގޮތަށް ފަރުމާކޮށްފައިވާ ސްޓޭންޑެކެވެ. އެ ސްޓޭންޑު މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ސެގްމަންޓުތައް ދައްކާލާފައިވާއިރު ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހާއްސަ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގައި ރާއްޖެ އިސްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ދުނިޔޭގެ ބޮޑެތި ފެއާތަކުގައި ބައިވެރިވުމާއި ކެމްޕޭނުތަކުގައި ބައިވެރިވުމާއި ރޯޑްޝޯ އާއި ޓީވީތަކާއި ރޭޑިއޯ އަދި މެގަޒިންތައް މެދުވެރިކޮށް ވެސް އެ ކުންފުނިން އަންނަނީ ރާއްޖެ އިސްތިހާރު ކުރަމުންނެވެ.
ސައުދީ އަކީ މިއަހަރުގެ މިހާތަނަށް 19 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާ ޤައުމެވެ.