ކ. މާލެ
|
30 މެއި 2023 | އަންގާރަ 07:28
މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ
މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ
ޕެންޝަން އޮފީސް
ފައިނޭންސް ފޯރަމް
ފިންޓެކް އާއި އޭއައި ސްޓާޓްއަޕްތަކަށް މި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ: ޝައުނާ
ފިންޓެކްގެ އެހީއާއެކު މާލީ ހަމަހަމަކަން ރަށްތައް ގެނައުމަށް ހުރި ދަތިތައް ނައްތާލެވޭނެ
ރާއްޖޭގައި ހުރި ޑިޖިޓަލް ކަންބޮޑުވުންތަކުގެ އެންމެ ކުރީ ސަފުގައި އޮތީ ޑޭޓާގެ ރައްކާތެރިކަން ކަށަވަރުކުރުން
ފިންޓެކް ދާއިރާއިން ކުރިއަށްދިއުމަށް ރާއްޖެ އޮތީ ތައްޔާރަށް

ފައިނޭންޝިއަލް ޓެކްނޮލޮޖީ (ފިންޓެކް) އާއި އަރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސްޓާޓްއަޕް ވިޔަފާރިތަކަށް މި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ ދެއްވައިފިއެވެ.

ޝައުނާ މިފަދައިން ވިދާޅުވީ ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ 10 ވަނަ ފައިނޭންސް ފޯރަމް ފެށުމުގެ ގޮތުން ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން، ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ފިންޓެކުގެ މުހިންމު ކަމަށް އޭނާ އަލިއަޅުއްވާލެއްވިއެވެ.

ޝައުނާ ވިދާޅުވީ ގުދުރަތީގޮތުން ރާއްޖެއަކީ ރަށްތައް ވަކިން އޮންނަ ޤައުމަކަށްވާއިރު އޭގެ ސަބަބުން މާލީ ހަމަހަމަކަން ރަށްތައް ގެނައުމަށް ދަތިވާ ކަމަށެވެ. ނަމަވެސް ފިންޓެކްގެ އެހީއާއެކު މި ދަތިތައް ނައްތާލެވޭނެ ކަމަށާއި މީގެ ސަބަބުން ފައިނޭންސްގެ ދާއިރާއިން ރަށްތައް ގުޅާލެވި، ހުރިހާ ރަށަކަށްވެސް މާލީ ކަންކަމާއި ގުޅޭ ހިދުމަތްތައް ފޯރުކޮށްދެވިގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

ފިންޓެކް ދާއިރާއިން ކުރިއަށްދިއުމަށް ރާއްޖެ އޮތީ ތައްޔާރަށްކަން ފާހަގަކުރައްވައި ޝައުނާ ވިދާޅުވީ އެކަން މިދިޔަ އަހަރު ހެދި "ނޭޝަނަލް ފައިނޭންޝަލް އިންކްލޫޝަން ސާވޭ" އިން ވެސް އެނގޭ ކަމަށެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއް އިންޓަނެޓް އަދި މޯބައިލް ބޭންކިން ބޭނުން ކުރަމުން އަންނަ ކަމަށް މި ދިރާސާއިން ހާމަވެގެންދިޔަ ކަަމަށް އޭނާ ވިދާޅުވިއެވެ.

ޝައުނާ ވިދާޅުވީ ރާއްޖޭގައި ހުރި ޑިޖިޓަލް ކަންބޮޑުވުންތަކުގެ އެންމެ ކުރީ ސަފުގައި އޮތީ ޑޭޓާގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. ޑިޖިޓަލް ދާއިރާއާ ގުޅުންހުރި ކަންކަމުގެ ތެރެއިން މީހުންގެ ޒާތީ މައުލޫމާތާއި އެހެނިހެން މައުލޫމާތުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ޤާނޫނެއް އެކުލަވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަކަަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ފިންޓެކް ދާއިރާ ރާއްޖޭގައި ކުރިއަރަމުން އަންނައިރު އެކަމަށް އެކަމަށް ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ބޭނުންވާތީ، ސަރުކާރުން އެ މަސައްކަތް ވެސް ކުރަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝައުނާގެ ވާހަކަފުޅުގައި ފިންޓެކަކީ ހަމައެކަނި އިގްތިސާދު ކުރިއެރުވުމަށް އެހީތެރިވެދޭނެ ދައިރާއެއް ނޫންކަން ފާހަގަކުރައްވައި ވިދާޅުވީ އެއީ ފައިނޭންސް ޑިވެލޮޕްމަންޓާއި އައު އިޖާދުތައް ތައާރަފްކުރުމަށްވެސް އެހީތެރިވެދޭނެ ދާއިރާއެއްކަމަށެވެ. އަދި ފައިނޭންސް ޓެކްނޮލޮޖީގެ ދާއިރާއަށް އިންވެސްޓްކުރާ މިންވަރު އިތުރުކޮށް، އެ ދާއިރާ ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށާއި މިހާތަނަށް ސަރުކާރުން ތައާރަފުކޮށްފައިވާ ޑިޖިޓަލް ވަސީލަތްތަކަކީ މި ސަރުކާރުން އެ ދާއިރާ ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން، ޑިޖިޓަލް އައިޑީ އާއި ޖެމްސް ވޯކް ސްޕޭސް އާއި ބަނޑޭރި ޕޯޓަލް އަދި ޕޭމަންޓް ސިސްޓަމް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް ފާހަގަކުރެއްވިއެވެ.

"މޯލްޑިވްސް ފައިނޭންސް ފޯރަމް" އަކީ ޕެންޝަން އޮފީހުން 2012 ވަނަ އަހަރުން ފެށިގެން ބައްވަމުން އަންނަ ފޯރަމްއެކެވެ. ކޮންމެ އަހަރަކުވެސް ސަރުކާރުގެ އޮފީސްތަކާއި، އަމިއްލަ ކުންފުނިތައް ހިމެނޭހެން ގިނަ ބަޔަކު މި ފޯރަމްގައި ބައިވެރިވާއިރު މި ފޯރަމުގައި ދާއިރާއާ ގުޅޭ ތަފާތު އެކި ކަންކަމާއި ގުޅޭގޮތުން މަޝްވަރާތައް ކުރުމަށް ޕެނަލް ޑިސްކަޝަންތައްވެސް ބާއްވައެވެ. މިއަހަރުވެސް ރާއްޖެއާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުން މި ފޯރަމުގައި ބައިވެރިވެއެވެ.

- ކޮމެންޓް