އިސްރާއިލު ސިފައިން، ފަލަސްތީނުގެ ސެކިއުރިޓީ އޮފިސަރަކު މަރާލައިފިއެވެ.
ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުން، ހޯމަ ދުވަހު، ޖެނިންގެ ބޯޑަރު ކައިރީ ހިނގި ކުރިމަތިލުމެއްގައި އިސްރައީލްގެ ސިފައިން ވަނީ ފަލަސްތީންގެ ސެކިއުރިޓީ އޮފިސަރެއް މަރާލައިފައެވެ.
މިކަމާ ގުޅިގެން އިސްރާއިލްގެ ސިފައިން ބުނެފައި ވަނީ އެމީހުން އެސަރަހައްދުގައި، މީހަކު ހައްޔަރު ކުރުމަށް މަސައްކަތްކުރަމުން ދަނިކޮށް، ފަލަސްތީންގެ އޮފިސަރުން ބަޑީގެ ހަމަލާތައް ދޭން ފެށިކަމަށާއި އަދި ރައްދުގައި އެމީހުންވެސް ހަމަލާދޭން ފެށިކަމަށެވެ.
ފަލަސްތީންގެ ރައީސް މަހްމޫދު އައްބާސްގެ ފަތަހް ޖަމާއަތުން މައުލުމާތު އާންމުކޮށްފައިވާގޮތުން މަރުވެފައި ވަނީ އަޝްރަފް ޝެއިޚް އިބްރާހިމް ނަމަކަށް ކިޔާ އޮފިސަރެކެވެ. އަދި މިއީ ފަތަހް ޖަމާއަތާ ގުޅުމެއް އޮންނަ އަލް އަޤްސާ ޝަހީދުންގެ ބްރިގޭޑިއަރ ހަނގުރާމަވެރި ޖަމާއަތުގެ މެމްބަރެއްކަމަށް އެ ޕާޓީން ބުނެއެވެ.
އިސްރާއިލްގެ ސިފައިންގެ ހަމަލާތަކާއި، މިފަދަ ކުރިމަތިލުންތަކުގައި މަރުވަނީ ހަަމައެކަނި ފަލަސްތީނުުގެ ސެކިއުރިޓީ އޮފިސަރުންނެއް ނޫނެވެ. އިސްރާއިލް ސިފައިންގެ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ކުޑަކުދިންނާ އަންހެނުން ހިމެނޭހެން ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ފުރާނަވެސް ދަނީ ގެއްލެމުންނެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
