ކ. މާލެ
|
29 މެއި 2023 | ހޯމަ 09:48
ޤައުމީ ޓީމުތަކާއެކު މިނިސްޓަރު މަޚްލޫފް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ޤައުމީ ޓީމުތަކާއެކު މިނިސްޓަރު މަޚްލޫފް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން
ކުޅިވަރާ ބެހޭ ވުޒާރާ
ޔޫތު މިނިސްޓްރީ
ޤައުމީ ޓީމުތަކަށް މިނިސްޓަރު މަޚްލޫފް ހިތްވަރު ދެއްވައިފި
 
މިނިސްޓަރު ބައްދަލުކުރައްވާފައިވަނީ ޤައުމީ ހޭންޑް ބޯޅަ ޓީމު، ޤައުމީ ޓޭބަލް ޓެނިސް (ޓީޓީ) ޓީމު، ޤައުމީ އަންހެން ވޮލީ ޓީމުގެ އިތުރުން ޤައުމީ ފުޓުބޯޅަ ޓީމު އަދި ޤައުމީ ބާސްކެޓު ބޯޅަ ޓީމާ

ރާއްޖޭގެ ބައެއް ޤައުމީ ޓީމުތަކާ ބައްދަލުކުރައްވާ، ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް އެ ޓީމުތަކަށް ހިތްވަރު ދެއްވައިފި އެވެ.

ޤައުމީ ޓީމުތަކާ މިނިސްޓަރު ބައްދަލުކުރައްވާފައިވަނީ އާދިއްތަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގަ އެވެ. މިނިސްޓަރު ބައްދަލުކުރައްވާފައި ވަނީ ޤައުމީ ހޭންޑް ބޯޅަ ޓީމު، ޤައުމީ ޓޭބަލް ޓެނިސް (ޓީޓީ) ޓީމު، ޤައުމީ އަންހެން ވޮލީ ޓީމުގެ އިތުރުން ޤައުމީ ފުޓުބޯޅަ ޓީމު އަދި ޤައުމީ ބާސްކެޓު ބޯޅަ ޓީމާ އެވެ.

މީގެ ތެރެއިން 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ޤައުމީ ހޭންޑް ބޯޅަ ޓީމު ވަނީ އައިއެޗްއެފް ޓްރޮފީގެ ސެންޓްރަލް އޭޝިއާ ޒޯނުގައި ވާދަކޮށް ލޯ މެޑަލް ހޯދައިފަ އެވެ. ޤައުމީ ޓީޓީ ޓީމު ވަނީ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް މުބާރާތުން ރާއްޖެއަށް 8 މެޑަލް ހޯދައިދީފަ އެވެ. މީގެ އިތުރުން ނޭޕާލްގެ ކަތަމަންޑޫގައި ކުރިއަށްދިޔަ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) އަންހެން ވޮލީ މުބާރާތުގައި ޤައުމީ އަންހެން ވޮލީ ޓީމު ވަނީ ވާދަކޮށްފަ އެވެ. އަނެއްކޮޅުން އަންނަ މަހު އިންޑިއާގެ ބެންގަލޫރުގައި އޮންނަ ސާފް ޗެމްޕިއަންޝިޕްގައި ޤައުމީ ފުޓުބޯޅަ ޓީމު ވާދަކުރާނެ އެވެ. އަދި އަންނަ މަހު ރާއްޖޭގައި އޮންނަ ފައިވް ނޭޝަންސް ބާސްކެޓު މުބާރާތުގައި ޤައުމީ ބާސްކެޓު ޓީމު ވާދަކުރާނެ އެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު މަޚްލޫފް ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ބައިނަލްއަޤުވާމީ ޓީޓީ މުބާރާތަށްފަހު ކުރެވުނު މަސައްކަތުން މިހާރު ނަތީޖާ ބަދަލުވެފައިވާ ކަމަށެވެ. އެހެންކަމުން ޓީޓީގެ ކުޅުންތެރިންނާއި، އޮފިޝަލުން ކުރި މަސައްކަތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ. ހަމައެއާއެކު ހޭންޑް ބޯޅައިގައި ރާއްޖެ އަށް ފުރަތަމަ ފަހަރަށް މެޑަލެއް ހޯދައިދިން ހޭންޑް ބޯޅަ ޓީމަށް ވެސް ޝުކުރު އަދާ ކުރެއްވި އެވެ. މީގެ އިތުރުން އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކުޅިވަރު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކުރައްވާފަ އެވެ. ހަމައެއާއެކު ޤައުމީ ފުޓުބޯޅަ ޓީމުން ސާފް ޗެމްޕިއަންޝިޕާއި އަންނަ މަހު އޮންނަ ބާސްކެޓު މުބާރާތުގައި ވާދަކޮށް ރާއްޖެ އަށް މެޑަލެއް ގެނެސްދިނުމަކީ ވަރަށް ބޮޑު އެދުމެއްކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޤައުމީ އަންހެން ޓީމުގައި މިއަދު ފެންވަރު ހުރި ކަމަށެވެ. ނަމަވެސް އެންމެ ފަހުން ނިމުނު މުބާރާތުގައި ދިމާވި މައްސަލަ އަކީ ޕްރެޝަރު ވަގުތުގައި ނުކުޅެވުން ކަމަށް ފާހަގަކުރައްވާ މިނިސްޓަރު ވަނީ މިހާރު ޓީމު އޮތް ގޮތުގައި މަސައްކަތްކޮށް، ކުރިއަށް ހުރި މުބާރާތްތަކުން މެޑަލް ހޯދުމަށް ހިތްވަރު ދެއްވައިފަ އެވެ. ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ކުރިން އިތުރު މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ކުޅިވަރު އެސޯސިއޭޝަންތަކުން ކުޅިވަރު ކުރިއެރުވުމަށް ދެމުން އަންނަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް