މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް)އިން ތޮމްޕްސަންސް ހޮލިޑޭސް އާއެކު ދެކުނު އެފްރިކާގައި ޖޮއިންޓް މާކެޓިންގ ޕްރޮގްރާމެއް ފަށައިފިއެވެ.
އޭޕްރީލް 2023ން ޖުލައި 2023 ގެ ނިޔަލަށް ކުރިއަށްދާ މި ކެމްޕޭންގެ ދަށުން ޑިޖިޓަލް މީޑިއާ، ސޯޝަލް މީޑިއާ، އައުޓްޑޯ އިސްތިހާރު އަދި ބީޓުބީ އިވެންޓްތަކުގައި ތަފާތު ގިނަ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ކެމްޕެއިންގެ މަގުސަދަކީ ދިވެހިރާއްޖެ އަކީ ލޯންގް-ހޯލް ދަތުރުފަތުރަށް އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި ގާއިމްކޮށް، އެކި ސެގްމަންޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.
ތޮމްޕްސަންސް ހޮލިޑޭސް އަކީ ދެކުނު އެފްރިކާގެ އެންމެ މަގުބޫލް އެއް ޓުއަރ އޮޕަރޭޓަރެވެ. 40 ވުރެ ގިނަ އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ތޮމްޕްސަންސް ހޮލިޑޭސް އަކީ ދުނިޔޭގެ އެންމެ މަޝްހޫރު މަންޒިލްތަކަށް ހޮލިޑޭ ޕެކޭޖް ވިއްކާ ކުންފުންޏެކެވެ. މީގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެއެވެ. ތޮމްޕްސަންސް ހޮލިޑޭސް ފަދަ މަގުބޫލް ބްރޭންޑަކާއެކު ކުރިއަށް ގެންދާ ކެމްޕޭނެއްގެ ސަބަބުން ދެކުނު އެފްރިކާގެ މާކެޓުގައި ދިވެހިރާއްޖެ ބްރޭންޑް އިތުރަށް ހަރުދަނާކުރެވޭނެއެވެ.
މި ކެމްޕެއިންގެ ދަށުން ޖުމްލަ 18 ހަރަކާތެއް ކުރިއަށް ގެންދާނެއެވެ. މީގެ ތެރޭގައި ޓްރެވަލްއޭޖެންޓް އިންސެންޓިވް ޕްރޮގްރާމެއް ވެސް ހިމެނެއެވެ. މިއީ އެޖެންޓުން ދިވެހިރާއްޖެއަށް ބުކިންގވިއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން ހިންގޭ ޕްރޮގްރާމެކެވެ. މީގެ އިތުރުން، ތޮމްޕްސަންސް ހޮލިޑޭސްއިން ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ޚާއްސަ ސޯޝަލް މީޑިއާ ކެމްޕޭނަކާއި އައުޓްޑޯރ ކެމްޕޭނެއް ކުރިއަށް ގެންދާނެއެވެ.
2021 ވަނަ އަހަރު ދެކުނު އެފްރިކާއިން ދިވެހިރާއްޖެއަށް 16,347 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު 2022 ވަނަ 14,840 ފަތުރުވެރިން ދެކުނު އެފްރިކާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. 2023 ވަނަ އަހަރުގެ ޖެނުއަރީ މަހު މި މާކެޓުން 643 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކުރިއެވެ. އަދި 2021 ވަނަ އަހަރު މި މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރި އަދަދު ޕެންޑަމިކްގެ ކުރީގެ އަދަދުތަކާ އަޅާބަލާއިރު އިތުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ ސަބަބުން ދެކުނު އެފްރިކާ މާކެޓްގައި އިތުރަށް ކުރިއެރުމުގެ ފުރުސަތު އޮތްކަން ހާމަކޮށްދެއެވެ. މިދިޔަ އޭޕްރީލް މަހު ޑަބްލިޔުޓީއެމް އެފްރިކާގައި އެމްއެމްޕީއާރުސީއިން ބައިވެރިވެ، މި ހަރަކާތުންވެސް ދެކުނު އެފްރިކާ މާކެޓުގެ މުހިންމުކަން ފާހަގަކުރެވުނެވެ. އެހެންކަމުން މި މާކެޓުގައި ދިވެހިރާއްޖެ ބްރޭންޑް އިތުރަށް ހަރުދަނާކުރުމަށް އެމްއެމްޕީއާރުސީއިން ގިނަ މަސައްކަތްތަކެއް ރާވާފައިވެއެވެ.