ކ. މާލެ
|
27 މެއި 2023 | ހޮނިހިރު 11:17
ރައީސް ނިލަންދުއަށް ވަޑައިގަތުން
ރައީސް ނިލަންދުއަށް ވަޑައިގަތުން
ރައީސް އޮފީސް
ރައީސްގެ ފ އަތޮޅު ދަތުރުފުޅު
ޚިޔާލުތަފާތުވުންތަކާއެކު ވެސް ރައްޔިތުންގެ ބޭނުންވާ ތަރައްގީ ރަށްތަކަށް ގެންނާނަން: ރައީސް
ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ނިލަންދޫއަށް ވަޑައިގެން، ކޮށްދެއްވާނެކަމަށް ވިދާޅުވި ގިނަ ކަންކަން ކުރެވިފައިވާކަމަށް ވިދާޅުވި
ނިލަންދޫ މަގު ހެދުމުގެ މަސައްކަތުގެ ޕްލޭނެއް އެބައޮތްކަމަށް ވިދާޅުވި
ނިލަންދޫ ފަޅުން ދެ ރަށެއް ހިއްކައި ފަތުރުވެރިކަމަށް ދޫކުރަން ވަނީ ނިންމާފައި

ޚިޔާލުތަފާތުވުންތައް ހުރިނަމަވެސް ރައްޔިތުން ބޭނުންވާ ތަރައްގީ, ރައްޔިތުން ބޭނުންވާ ގޮތަށް ރަށްތަކަށް ގެނެސްދެއްވާނެ ކަމަށް, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގެ ނިލަންދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ، ނިލަންދޫގައި މި ސަރުކާރުން މަޝްރޫއުތައް ހިންގިނަމަވެސް އަދިވެސް ގިނަ ކަންކަން ކުރުމަށް ރައްޔިތުން އެދޭކަމަށެވެ. އަދި އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ނިލަންދުއަށް ވަޑައިގެން، ކޮށްދެއްވާނެ ކަމަށް ވިދާޅުވި ގިނަ ކަންކަން، ވައުދުތަކާ އެއްގޮތަށް ކޮށް ނިމިފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރުން އިސްކަންދެނީ ހުރިހާ ރަށަކަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުރިހަމަކޮށް, ޚިޔާލު ތަފާތުވުންތަކާއެކު ވެސް ރައްޔިތުން ބޭނުންވާ ތަރައްގީ ރަށްތަކަށް ގެނައުމަށް ކަމަށެވެ. އަދި ވެރިކަންކުރާ މާލެއަށް ހިޖުރަކުރުން މަދުކުރުމަށް މި މަޝްރޫއުތައް ކުރިއަށްގެންދިއުމަކީ މުހިންމު ކަމެއް ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނިލަންދޫގެ ޒުވާނުންނާއި އެ ރަށާ ކައިރި ރަށްރަށުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ފަތުރުވެރިކަމުގެ ދާއިރާ ތަަރައްގީކުރަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކަން ކުރުމަށް ނިލަންދޫ ފަޅުން ދެ ރަށެއް ހިއްކައި ފަތުރުވެރިކަމަށް ދޭން މި ސަރުކާރުން ނިންމާފައިވާކަމަށެވެ.

ވަޒީފާތައް އުފައްދަން، ޓޫރިޒަމް ހަރަކާތްތައް ހިންގަން އެބަޖެހޭ. މި ރަށު ފަޅު ތެރޭގަ އިތުރު ދެ ރަށް ހިއްކާ, ޓޫރިޒަމަށް ދޭން އަޅުގަނޑުމެން ވަނީ ނިންމާފަ. އޭގެ ސަބަބުން ޒުވާން ޖީލަށް ރަށާ ކައިރިން, އާއިލާ ކައިރީ ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސް އިތުރަށް ވިދާޅުވީ ނިލަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބަނދަރުގެ ދަތިކަމުގެ މައްސަލަ ކަމަށާއި، އެކަން ހައްލުކުރުމަށް ރައްޔިތުން ބޭނުންވާގޮތަށް ބަނދަރު ތަރައްގީކުރުމަށް ކޮންޓްރެކްޓް ކުރެވިފައިވާކަމަށެވެ. އަދި ނިލަންދޫގައި ނަރުދަމާ ނިޒާމެއް އޮތްނަމަވެސް އެއީ ތުރާލެއްގެ ގޮތުގައި ރައްޔިތުން ދެކެމުން އަންނަ ކަމަށާއި، އެކަންވެސް ހައްލުކުރުމަށް މިހާރު މަސައްކަތް ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން އެ ރަށުގެ ނަރުދަމާ އަޕްގްރޭޑްކުރުމުގެ މަސައްކަތް ނިމުމާއެކު, މަގު ހެދުމުގެ މަޝްރޫއެއް ހިންގުމަށް ސަރުކާރުން ނިންމާފައި ވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ނިލަންދޫއަށް ސިއްހީ ދާއިރާއިންނާއި ތައުލީމީ ދާއިރާއިން ލިބިފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން, އެ ރަށުގެ ހޮސްޕިޓަލް އަޕްގްރޭޑް ކުރެވިފައިވާކަމަށާއި، މިހާތަނަށް ސަރުކާރުގެ ހިލޭ ޑިގްރީގެ ދަށުން 104 ދަރިވަރުން ކިޔަވައި ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުން އެދޭފަދަ ތަރައްގީ ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

- ކޮމެންޓް