މި ސަރުކާރުގެ އަމާޒަކީ އިސްލާމީ ޔުނިވަރސިޓީއަކީ އިސްލާމް ދީނުގެ ޞައްޙަ އަޤީދާއާ އެއްގޮތަށް ދީނީ ޢިލްމު ފަތުރާ މި ސަރަޙައްދުގައި ހުރި އެންމެ ބޮޑު މަރުކަޒަށް ހެދުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ޙަފުލާ 2023ގެ ދެވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައެވެ. މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ޒުވާނުން ތަރުބިއްޔަތު ކުރުމުގައި އިސްލާމީ ޔުނިވަރސިޓީން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ހަރުކަށި ފިކުރާ ދެކޮޅަށް، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ އެކުވެސް އިސްލާމީ ޔުނިވަރސިޓީން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އައިޔޫއެމްގެ ލެކްޗަރަރއިންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ތަޢުލީމީ ދާއިރާ ކުރިއެރުވުމަށްޓަކައި ބޮޑެތި ބަދަލުތަކެއް، ކުރިންވެސް ދެންނެވި ފަދައިން އަޅުގަނޑުމެން ކުރަމުން އެބަ ގެންދަން. ވައިސް ޗާންސެލަރ ވިދާޅުވި ފަދައިން، މި ދާއިރާގެ މުސާރައަށް ގެނެވުނު ބަދަލު. ހެޔޮ ބަދަލެއް އަޅުގަނޑުމެންނަށް ގެނެވިއްޖެ. އެހެން ނަމަވެސް، އަދިވެސް އިޞްލާޙް ކުރަންޖެހޭ ކަންތައްތައް އެބަހުރި. މި ޔުނިވަރސިޓީގެ ލެކޗަރަރއިންގެ މުސާރައާ ބެހޭގޮތުން ގެންނަންޖެހޭ ބަދަލުތަކެއް ހުރިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން، ފިނޭންސް މިނިސްޓްރީއާއި ޕޭ ކޮމިޝަނާ އެކީގައި މިހާރު އަޅުގަނޑުމެން މަސައްކަތްތަކެއް ކޮށް ނިމުމަކާ ހިސާބަށް ގޮސްފައިވާ ވާހަކަވެސް ތިޔަބޭފުޅުންނަށް މިރޭ އަޅުގަނޑު ދަންނަވާލަން.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
މި ޙަފްލާގައި އިސްލާމީ ޔުނިވަރސިޓީން އެކި ދަރަޖައިގައި ދަސްވެނިވި 709 ދަރިވަރުންނާ އަދި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރަކު ޙާޞިލުކޮށް އިނާމާ ސެޓްފިކެޓް ހާސިލުކޮށްފައިވެއެވެ. މީގެ ތެރޭގައި ރާއްޖޭގެ މިސްކިތްތަކުގެ އިމާމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ސަރުކާރުން ވީ ވަޢުދުގެ ދަށުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއާއި އިސްލާމީ ޔުނިވަރސިޓީ ގުޅިގެން 2020 ވަނަ އަހަރު ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ޙަފުލާގައި ދަސްވެނިވި 78 އިމާމުން ވެސް ހިމެނެއެވެ. މި އިމާމުންނާއި ބެސްޓް ސްޓޫޑެންޓް އެވޯޑް 9 ދަރިވަރުންނަށް އިނާމާއި އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ހަފުލާގައި، ކުއްލިއްޔާ އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް ޓީޗިންގ އެންޑް ލާރނިންގ އިން ދަސްވެނިވި ދަރިވަރުންނަށް ދަރަޖަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.