ކެނެޑާއާއި ސައޫދީ އަރަބިއްޔާއާ ދެމެދު އަލުން ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމަށް ނިންމައިފިއެވެ.
ދެ ގައުމުގެ މެދުގައި އަލުން ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށް، ސަފީރުން އައްޔަން ކުރަން އެއްބަސްވެފައިވާކަަމަށް ދެގައުމުން އިއުލާނުކޮށްފައިވަނީ ބުދަ ދުވަހުއެވެ. މިއީ 2018 ވަނަ އަހަރު ދެގައުމުގެ ދެމެދު ހިނގައިދިޔަ ކަންތައްތަކަށްފަހު، ދެގައުމުގެ ދެމެދު އޮތް ޑިޕްލޮމެޓިކް ގުޅުމާއި ވިޔަފާރީގެ ގުޅުން އިއާދަކުރަން ނިންމައި، އެކަން އިއުލާނުކުރި ފުރަތަމަ ފަހަރެވެ.
މިކަމާ ގުޅިގެން ކެނެޑާއާއި ސައޫދީން ނެރުނު ބަޔާންތަކުގައި ވާގޮތުން؛ މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ބެންގކޮކްގައި ކުރިއަށްދިޔަ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން ފޯރަމްގެ ހަވާސާގައި ކެނެޑާގެ ބޮޑުވަަޒީރު ޖަސްޓިން ޓްރޫޑޯއާއި ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ދެ ބޭފުޅުން ކުރިއަށްގެންދެވި މަޝްވަރާތަކަށްފަހު ނިންމެވި ނިންމެވުމެކެވެ.
މި ނިންމެވުން ނިންމަވާފައިވަނީ "ދެފަރާތުގެ އިހުތިރާމާއި މަސްލަހަތު ހިމެނޭ ކަންކަމުގައި ދެގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމްކުރުމަށް ދެފަރާތުން ބޭނުންވާތީ" ކަމަށް، ކެނެޑާއާއި ސައޫދީން ނެރުނު ބަޔާންތަކުގައިވެއެވެ.
2018 ވަނަ އަހަރު, ދެގައުމުގެ ދެމެދު އޮތް ގުޅުން ހީނަރުވާން ފަށާފައިވަނީ، އެ އަހަރުގެ ފަހުކޮޅު، ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރައިލުމުން، އެކަން ކެނެޑާއާއި ހުޅަނގުގެ ހުރިހާ ގައުމުތަކުން ކުށްވެރިކުރި ހިސާބުންނެވެ. އަދި އެކަން ފެށިގެން އައީ ސައޫދީ އަރަބިއްޔާގައި އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރަމުންދިޔަ އެކްޓިވިސްޓުންތަކެއް ހައްޔަރުކުރުމާ ގުޅިގެން، އެމީހުން ވަގުތުން ދޫކޮށްލުމަށް އިލްތިމާސްކޮށް، ރިޔާޒުގައި ހުންނަ ކެނެޑާގެ އެމްބަސީން އަރަބި ބަހުން ޓްވީޓެއް ކުރި ހިސާބުންނެވެ.
މިއާއެކު ސައޫދީން ވަނީ ކެނެޑާގައި ހުންނަ އެގައުމުގެ ސަފީރު އަނބުރައި ގައުމަށް ގެނެސް، ކެނެޑާއާއެކު ވިޔާފާރީގެ ގުޅުންތައްވެސް މެދުކަނޑާލާފައެވެ.
ކެނެޑާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުން، މިވީ މުއްދަތުގެ ތެރޭގައި ދެގައުމުގެ ދެމެދު އޮތް ވިޔަފާރީގެ ގުޅުމަށް ދިމާވި ސީދާ ގެއްލުންތައް ސާފު ނޫނަސް، އަލަށް އެއްބަސްވެފައިވާ އެއްބަސްވުމާއެކު ދެގައުމުގެ ދެމެދުގައި ވިޔަފާރި ކުރުމާ ދެކޮޅަށް އަޅާފައި ހުރި ފިޔަވަޅުތައް އުވާލާނެއެވެ.
ރަސްމީ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި 2021 ވަނަ އަހަރު އެ ސަރަހައްދުގައި ކެނެޑާގެ އެންމެ ބޮޑު އެކްސްޕޯޓް މާކެޓަކީ ސައޫދީ އަރަބިއްޔާއެވެ. އެގޮތުން އެކްސްޕޯޓުުގެ ޖުމުލަ އަދަދު 1.65 ބިލިއަން ޑޮލަރަށް އަރައެވެ.
ކެނެޑާއިން ސައުދީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމަށް އައްޔަނުކުރާނީ ޖީން ފިލިޕް ލަންޓޯއެވެ.
ކެނެޑާގެ ފޮރިން މިނިސްޓަރު މެލަނީ ޖޯލީ ވަނީ، ބައިނަލްއަގުވާމީ މަސްރަހަށް ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދުމަށް، ޚިޔާލުތަފާތުވުންތައް ހުންނަ މީހުންނާއެކުވެސް މަސައްކަތްކުރަން ޖެހޭނެކަމަށް ވިދާޅުވެފައެވެ.