ފ. އަތޮޅުގެ ދެ ރަށެއްގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް, މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ބުދަ ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ބޭއްވި ޚާއްސަ ހަފްލާއެއްގައި، ފ. ބިލެތްދުއާއި ފ. ނިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި ދެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ޕަރމަނަންޓް ސެކްރެޓަރީ، ޒީނިޔާ އަހުމަދު ހަމީދެވެ. އަދ،ި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ.
ބިލެތްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް ބަލާއިރު، އެރަށުގެ ބަނދަރު ބޭނުންކުރުމުގެ ދަތިކަމާއި ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެއެވެ.
މި މަޝްރޫއުގެ ދަށުން، ރަށުގެ ހުޅަނގުދެކުނު ބަނދަރުގައި 133 މީޓަރުގެ ކޮންކްރީޓް ޖެޓީ, 224 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް، 440 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ރިޕްރޮފައިލްކުރުން، 21 މީޓަރުގެ ނެރުފައިކަށި ރިޕްރޮފައިލްކުރުން، 84 މީޓަރުގެ ބޮޑިހިލަ ބޭރުތޮށ،ި 95 މީޓަރު ފުޅާ ދޯނިއެހެލާ ސަރަހައްދާއެކު 225 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް، އަލަށް އިތުރުކުރެވޭ ބަނދަރުގެ އެއްގަމު ފަޅީގައި 250 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް، 5 މީޓަރު ފުޅާ ޕޭވްމަންޓް، ބަނދަރު ސަރަހައްދާއި ނެރު ފުންކުރުން، ބަނދަރު ނެރުބައްތި އަދި ހާބަރު ލައިޓް ޖެހުމާއި އިރުއުތުރު ފަރާތުގައި 44 މީޓަރުގެ ބޮޑުހިލައިގެ 7 ބޭރުތޮށި ލުން ހިމެނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 72,319,518.36 ރުފިޔާއަށެވެ.
ނިލަންދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް ބަލާއިރު، އެ ރަށުގައި ފާހަގަކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރެވިގެންދާނެއެވެ.
އެގޮތުން ރަށުގެ އިރުއުތުރު ފަރާތުގައި 130 މީޓަރުގެ ބޮޑުހިލައިގެ ނެރުފައިކަށި، 131 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް، 194 މީޓަރުގެ ސޭންޑް ފިލްޑް ބްރޭކްވޯޓަރ، 30 މީޓަރު ދިގުމިނުގެ ޓީޖެޓީ، 237 މީޓަރުގެ ކޮންކޮރީޓް ކީވޯލް، 100 މީޓަރުގެ ކޮންކްރީޓް ޖެޓީ، ކޮންކްރީޓް ރޭމްޕް، ގޮނޑުދޮށް ހިމާޔަތްކުރުމަށް 75 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް، އަދި 5 މީޓަރު ފުޅާ ޕޭވްމަންޓާއެކު އައު ބަނދަރު ބައްތި އަދި އެކްސެސް ޕްލެޓްފޯމް ގާއިމްކުރުން ހިމެނެއެވެ.
މިމަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 510 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 66،695528.52 ރުފިޔާއަށެވެ.