ކ. މާލެ
|
24 މެއި 2023 | ބުދަ 09:27
ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ
ޕީއެސްޖީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ނޭމާ
ރޮއިޓާސް
ޕީއެސްޖީ
ނޭމާ ހޯދުމުގެ މަޝްވަރާތަކެއް ޔުނައިޓެޑުން ޕީއެސްޖީއަކާ ނުކުރޭ
 
ޕީއެސްޖީ ދޫކޮށްލަން ނޭމާ ބޭނުންވޭ، އެކަމުގެ މަޝްވަރާތައް ޕީއެސްޖީގެ ތެރޭގައި ކޮންމެ ވެސް ވަރަކަށް އަންނަނީ ކުރެވެމުން

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ ހޯދުމުގެ މަޝްވަރާތައް މެންޗެސްޓަރ ޔުނައިޓެޑުން އެ ކުލަބާއެކު ކުރިއަށްނުގެންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ނޭމާ ޕީއެސްޖީއާމެދު ހިތްހަމަނުޖެހި ކުލަބު ދޫކޮށްލަން ބޭނުންވާ ވާހަކަތައް ވަނީ ދުވަސްކޮޅެއް ކުރިން މީޑިއާގައި ފެތުރިފަ އެވެ. އެކަމާ ގުޅިގެން ޕީއެސްޖީގެ ސަޕޯޓަރުންގެ ނުރުހުން އޭނާ އަށް އަމާޒުވީއިރު، ސަޕޯޓަރުން ވަނީ އޭނާ ދިރިއުޅޭ ގެ ކައިރިއަށް އެއްވެ ނޭމާއާ ދެކޮޅަށް އަޑު ވެސް އުފުލައިފަ އެވެ. ނޭމާ ހޯދުމުގެ ޝައުޤުވެރިކަން ފާޅުކޮށް ޔުނައިޓެޑުން ޕީއެސްޖީއާއެކު އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް މީގެ ކުރިން ބުނެފައިވީ ނަމަވެސް، ފްރާންސްގެ މީޑިއާ ތަކުގައި ވަނީ އެ ވާހަކަ ދޮގު ކޮށްފަ އެވެ. އެކަމާ ގުޅިގެން ޔުނައިޓެޑުގެ ވެރިންނާއި ޕީއެސްޖީއާ ދެމެދު މިހާތަނަށް އެއްވެސް ވާހަކައެއް ދެކެވިފައި ނުވާ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް ޕީއެސްޖީ ދޫކޮށްލަން ނޭމާ ބޭނުންވާ ކަމަށާއި، އެކަމުގެ މަޝްވަރާތައް ޕީއެސްޖީގެ ތެރޭގައި ކޮންމެ ވެސް ވަރަކަށް ކުރެވެމުން އަންނަ ކަމަށް ބުނެފައިވެ އެވެ. އަދި ޕީއެސްޖީން ބޭނުން ވަނީ އެކަމުގައި އެންމެ ރަނގަޅު ޙައްލެއް ހޯދުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ސްޕެއިންގެ ބާސެލޯނާ ދޫކޮށް 2017 ވަނަ އަހަރު ނޭމާ ޕީއެސްޖީ އަށް ބަދަލުވީ ރެކޯޑު އަގަކަށެވެ. ނަމަވެސް ބާސެލޯނާގައި ދެއްކި ފަދަ މޮޅު ކުޅުމެއް ނޭމާ އަށް ޕީއެސްޖީގައި ނުދެއްކޭ ކަމަށް ފުޓުބޯޅައިގެ ގިނަ ތަޖުރިބާ ކާރުން ބުނެ އެވެ. ނޭމާ ވަނީ މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 173 މެޗުގައި 118 ލަނޑު ޖަހައިފަ އެވެ. ޕީއެސްޖީ އަށް ބަދަލުވި ފަހުން ނޭމާ އަށް އަނިޔާގެ ގިނަ މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހުނެވެ. މިވަގުތު ވެސް އޭނާ ހުރީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ. ނޭމާ ވަނީ ޕީއެސްޖީއާއެކު މިހާތަނަށް 12 ތައްޓެއް ކާމިޔާބުކޮށްފަ އެވެ.

ނޭމާ ޕީއެސްޖީ ދޫކޮށްލަން ބޭނުންވާ ކަމުގެ އަޑުތައް ފެތުރުނު ނަމަވެސް، އެކުލަބުގެ ސަޕޯޓިން ޑިރެކްޓަރު ލުއިސް ކަމްޕޯސް އަދި ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ވަނީ ނޭމާ އެކުލަބުގައި ހުންނަން ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ. ހަމައެއާއެކު ނޭމާއާ ކުލަބާ ދެމެދު ދެބަސްވުމެއް ނުވަތަ ނުތަނަވަސްކަމެއް އޮތް ކަމަށް އެ ފަރާތްތަކުން ޤަބޫލެއް ވެސް ނުކުރެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް