ކ. މާލެ
|
23 މެއި 2023 | އަންގާރަ 14:51
ލެސްޓާ އާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން
ލެސްޓާ އާއި ނިއުކާސަލް ބައްދަލުކުރި މެޗުގެ ތެރެއިން
ރޮއިޓާސް
އިނގިރޭސި ޕްރިމިއަރ ލީގު
އަމިއްލަ ބާރު ގެއްލި ލެސްޓާ ހާސްކަމުގެ ތެރެެއަށް
ލެސްޓާ އަކީ 2016 ވަނަ އަހަރުގެ ޗެމްޕިއަނުން

އިނގިރޭސި ޕްރިމިއަރ ލީގުގައި ދެމިއޮތުމަށް ލެސްޓާގެ އަމިއްލަ ބާރު ގެއްލި ހާސްކަން އިތުރުވެއްޖެއެވެ.

ނިއުކާސަލްއާ އެއްވަރުވި މެޗަށްފަހު ނިއުކާސަލް 20 އަހަރަށްފަހު ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ އުފާ ފާޅުކުރި އިރު، ލެސްޓާ ކުޅުންތެރިންގެ މޫނުމަތިން ފެނުނީ ރެލިގޭޓް ވެދާނެ ކަމުގެ އިހުސާސްތަކާ މާޔޫސްކަމެވެ. އެ މެޗުން އެއްވަރުވުމާ ގުޅިގެން، ކުރިޔަށް އޮތް ވެސްޓް ހޭމް މެޗުން މޮޅުވިޔަސް، ލީގުގައި ދެމިހުންނާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

ލެސްޓާގެ ކޯޗު، ޑީން ސްމިތު ބުނީ، ވެސްޓް ހޭމް ކައިރިން މޮޅުވުމަކީ އުނދަގޫ ކަމަކަށް ވީނަމަވެސް، ސަޕޯޓަރުންގެ އެހީތެރިކަމާއެކު މެޗުން މޮޅުވެވޭނެ ކަމަށެވެ. އޭނާ އިތުރަށް ބުނީ، އެ މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެކަމަށެވެ. ނަމަވެސް އެވަޓަން މޮޅުވެއްޖެނަމަ، ދެން ކުރާނެ ކަމެއް ނެތްކަމަށް އޭނާ ބުންޏެވެ.

17 ވަނައިގައި އޮތް އެވަޓަން އަށް 33 ޕޮއިންޓު ލިބިފައިވާއިރު، 18 ވަނައިގައި ލެސްޓާ އޮތީ 31 ޕޮއިންޓާއެކުއެވެ. އަދި 19 ވަނައިގައި ލީޑްސް ވެސް އޮތީ 31 ޕޮއިންޓާއެކުއެވެ. ނަމަވެސް ލީޑްސް ގެ ގޯލު ތަފާތު އުޅެނީ ބޮޑުތަނުން ފަހަތުގައެވެ. ލެސްޓާއަށް ފުރުސަތެއް އޮތީ ވެސްޓް ހޭމް ބަލިކޮށް، ބޯންމައުތު ކައިރިން އެވަޓަން ބަލިވުމުންނެވެ. އަދި ލީޑްސް އަށް ލީގުގައި ދެމި ހުރެވެން އޮތީ ލެސްޓާ އާއި އެވަޓަން ބަލިވެ، ޓޮޓެންހަމް ކައިރިން ލީޑްސް މޮޅުވެގެނެވެ.

އާދިއްތަ ދުވަހު އެވަޓަންގެ ދަނޑުގައި ބޯންމައުތު ކައިރިން އެވަޓަން މޮޅުވެއްޖެނަމަ، 2016 ވަނަ އަހަރުގެ ލީގު ޗެމްޕިއަން ލެސްޓާ ރެލިގޭޓް ވާނެއެވެ. 2014 ވަނަ އަހަރުގެ ފަހުން ކޮންމެ ސީޒަނެއްގައިވެސް ޕްރިމިއަރ ލީގުގައި ލެސްޓާ ވާދަކުރެއެވެ.

- ކޮމެންޓް