ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 12:56
އާސެނަލް އަށް ކުޅެމުން އަންނަ ޗިލީގެ ކެޕްޓަން އެލެކްސަސް ސަންޗޭޒް
އާސެނަލް އަށް ކުޅެމުން އަންނަ ޗިލީގެ ކެޕްޓަން އެލެކްސަސް ސަންޗޭޒް
ގޯލް.ކޮމް
އެލެކްސަސް ސަންޗޭޒް
ސަންޗޭޒް 80 މިލިއަން ޕައުންޑަށް ވިއްކާލަން އާސެނަލް އޮތީ ތައްޔާރަށް
ސަންޗޭޒް ހޯދުމަށް ސިޓީ އަދި ބަޔާން އިން އަންނަނީ މަސައްކަތްކުރަމުން
ސިޓީން ވަނީ މީގެކުރިން ސަންޗޭޒް ހޯދުމަށް 50 މިލިއަން ޕައުންޑު ހުށަހަޅާފައި

އާސެނަލް އަށް ކުޅެމުން އަންނަ އެލެކްސަސް ސަންޗޭޒް 80 މިލިއަން ޕައުންޑަށް ވިއްކާލަން އެ ކްލަބް އޮތީ ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސަންޑޭ މިރާ އިން ބުނީ ސަންޗޭޒް ވިއްކާލުމަށް އާސެނަލް އޮތީ ތައްޔާރަށް ކަމަށާއި، އެޓީމުން އޭނާ ވިއްކާލަން ބޭނުންވަނީ 80 މިލިއަން ޕައުންޑަށެވެ.

އެގޮތުން އެ ނޫހުން ބުނީ ސަންޗޭޒް ވިއްކާލަން އާސެނަލް އިން މަސައްކަތްކުރަނީ މެންޗެސްޓާ ސިޓީއަށް ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން ސިޓީން ވަނީ ސަންޗޭޒް ހޯދުމަށް މީގެކުރިން 50 މިލިއަން ޕައުންޑު ހުށަހަޅާފައެވެ.

ސިޓީގެ އިތުރުން ސަންޗޭޒް ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަދި ބަޔާން މިއުނިކްވެސް ހިމެނެއެވެ.

ކޮންފެޑެރޭޝަންސް ކަޕަށްފަހު ކެރިޔަރާ މެދު ގޮތެއް ނިންމާނެކަން މީގެކުރިން ސަންޗޭޒް ބުނެފައިވާއިރު، އޭނާ އަދި ޓްރާންސްފާއާ ގުޅިގެން އެއްވެސް ވާހަކަ ދައްކާފައެއް ނުވެއެވެ.

ސަންޗޭޒް ބުނީ އޭނާ އާސެނަލްގައި މަޑުކުރުމަށްވެސް އަދި ކްލަބް ދޫކޮށްލަންވެސް ނުނިންމާ ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ކުރިމަގު ވަރަށް ސާފުކަމަށާއި، އެކަމަށް މިވަގުތު ފޯކަސްކުރަން ބޭނުންނުވާ ކަމަށެވެ.

ސަންޗޭޒް ހޯދުމަށް ކްލަބްތަކުން މަސައްކަތްކުރަމުން އަންނައިރު، އާސެނަލްގެ ކޯޗު އާސެން ވެންގާ ދާދި ފަހުން ބުނީ ސަންޗޭޒް އެ ކްލަބުގައި މަޑުކުރާނެ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް އޭނާ ކްލަބާއެކު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ބެލެވެއެވެ.

މީގެ ކުރިން ބާސާ އަށް ވެސް ކުޅެފައިވާ ސަންޗޭޒް އާސެނަލްގައި މޮޅު ކުޅުމެއް އޭނާ ބަދަލުވި ފުރަތަމަ ސީޒަންގައި ދެއްކި ނަމަވެސް އަނިޔާގައި ހުރުމާ އެކު އެ ކްލަބާ އެކު ހޭދަކުރި ދެވަނަ ސީޒަނުގައި އެދެވޭ ކުޅުމެއް ވަނީ ދެއްކޭ ގޮތް ނުވެފައެވެ. އެހެންނަމަވެސް އޭނާ ވަނީ މި ސީޒަނުގައި އާސެނަލްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ކުޅުނު 54 މެޗުގައި އޭނާ ވަނީ 21 ލަނޑު ކާމިޔާބުކޮށްފައެވެ.
ބާސާގައި ހޭދަކުރި ތިން ސީޒަނުގައި އެ ކްލަބަށް ކުޅުނު 141 މެޗުގައި 47 ލަނޑު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ މިހާތަނަށް އާސެނަލް އަށް ކުޅުނު 145 މެޗުގައި 72 ލަނޑު ކާމިޔާބުކޮށްފަ އެވެ.
ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތް ޖެހިޖެހިގެން ދެ ފަހަރު ޗިލީއާ އެކު ކާމިޔާބުކޮށްފައިވާ ސަންޗޭޒް ހޯދި ކާމިޔާބީތަކަށް ބަލާއިރު، އޭނާ ވަނީ ބާސާއާ އެކު ލަލީގާ، ކޮޕާ ޑެލްރޭ، ދެ ސްޕެނިޝް ސުޕާކަޕް، ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އާސެނަލްއާ އެކު ދެ އެފްއޭކަޕްގެ އިތުރުން ދެ އެފްއޭ ކޮމިއުނިޓީ ޝިލްޑް ކާމިޔާބުކޮށްފައެވެ.

ޗިލީ ގައުމީ ޓީމާއެކު 20 އަހަރުން ދަށުގެ ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ ސަންޗޭޒް ވަނީ އެގައުމުގެ ސީނިއާ ޓީމާއެކު ކޮޕާ އެމެރިކާ ދެފަހަރު ކާމިޔާބުކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް