ކ. މާލެ
|
22 މެއި 2023 | ހޯމަ 12:43
ޗައިނާގެ ޒުވާނުންގެ ތެރެއިން ވަޒީފާ ނެތް ޒުވާނުންގެ އަދަދު ވަނީ ރިކޯޑް އަދަދު އުފުލިފައި
ޗައިނާގެ ޒުވާނުންގެ ތެރެއިން ވަޒީފާ ނެތް ޒުވާނުންގެ އަދަދު ވަނީ ރިކޯޑް އަދަދު އުފުލިފައި
ރޮއިޓާސް
ޗައިނާގައި ވަޒީފާނެތް ޒުވާނުންގެ ނިސްބަތް
ޗައިނާގައި ވަޒީފާނެތް ޒުވާނުންގެ ނިސްބަތް ރިކޯޑު އަދަދަކަށް، ހާލަތު ދަނީ ގޯސްވަމުން
އުމުރުން 16 އަހަރާއި 24 އަހަރުގެ ޒުވާނުންގެ ތެރެއިން ވަޒީފާނެތް ޒުވާނުންގެ ނިސްބަތް ވަނީ 20.4 އިންސައްތަ އަށް އަރާފައި

ޗައިނާ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އިގުތިސާދެވެ. ކުރިއަރާފައިވާ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ގުނާލެވޭ ޗައިނާއަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަަށް ވެގެންގޮސްފައި މިވަނީ އެގައުމުގެ ޒުވާނުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުންނަކީ ވަޒީފާއެއް ނެތް ޒުވާނުންނަށް ވުމެވެ. ޗައިނާގެ ޒުވާނުންގެ ތެރެއިން ވަޒީފާ ނެތް ޒުވާނުންގެ އަދަދު ވަނީ ރިކޯޑް އަދަދު އުފުލިފައެވެ. އަދި ކުރިއަށް އޮތްތާގައި މިއައަދު އުފުލިގެން ދިއުމުގެ ފުރުސަތު ބޮޑުއިރު، މިއީ އެގައުމުގެ ސިޔާސަތުތައް ކަނޑައެޅުމުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެކެވެ.

ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، އޭޕްރިލް 2023ގައި، އެގައުމުގެ އުމުރުން 16 އަހަރާއި 24 އަހަރުގެ ޒުވާނުންގެ ތެރެއިން ވަޒީފާނެތް ޒުވާނުންގެ ނިސްބަތް ވަނީ 20.4 އިންސައްތަ އަށް އަރާފައެވެ. އަދި މިއަހަރުގެ ޖޫން/ޖުލައި ހިސާބު 11.58 މިލިއަން ދަރިވަރުން ކިޔަވައި ނިމި، ވަޒީފާގެ މާހައުލަށް ނުކުންނަށް މަސައްކަތްކުރަން ފެށުމުން ސަރުކާރާ ކަމާގުޅުންހުރި އިދާރާތަކަށް ކުރިމަތިވާ ޕްރެޝަރު އިތުރުވެގެންދާނެއެވެ.

ވަޒީފާ ނެތް މީހުންގެ އަދަދު ޗައިނާގައި އިތުރުވެގެން ދިއުމަކީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެގައުމުގެ އިގުތިސާދަށް ކުރިމަތިވި ލޮޅުންތަކުން އަރައިގަންނަމުން ދިޔަ ނަމަވެސް، އަދިވެސް ޗައިނާގެ އިގުތިސާދަށް އައު މަސައްކަތްތެރިން ވެއްދުމުގައި ގޮންޖެހުންތަކާ ކުރިމަތިވަމުންދަ ކަމުގެ ހެތްކެކެވެ.

ޖުލައި މަހުގެ ތެރޭގައި ވަޒީފާ ހޯދުމަށް މަސައްކަތްކުރާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށާއި، ތައުލީމީ ފެންވަރު މަތި މީހުންނަށް ވަޒީފާ ނުލިބުމަކީ ޒުވާނުންގެ މެދުުގައި ވަޒީފާނެތް މީހުންގެ ނިސްބަތް އިތުރުވެގެން ދިއުމުގެ ސަބަބަކަށްވުން އެކަށީގެންވާކަމަށް ޖޯންސް ލޭންގް ލަސައްލޭގެ ގްރޭޓަރ ޗައިނާގެ ޗީފް އިކޮނޮމިސްޓް، ބްރޫސް ޕޭންގް ފާހަގަކުރައްވައެވެ.

ވަޒީފާނެތް މީހުންގެ އަދަދު އިތުރުވުމަކީ ޒުވާނުން، އެމީހުންގެ ކުރިމަގާއި އިޖުތިމާއީ-އިގުތިސާދީ ހާލަތާމެދު މާޔޫސްވެ އެމީހެންގެ މެދުުގައި ރުޅިވެރިކަން އިތުރުވުމަށް ދީމާވާ ސަބަބެކެވެ. އެގޮތުން، އެއް އިރެއްގައި ވަޒީފާ ހޯދުމަށް މަގުބޫލު ސިނާއަތްތައް ކަމަށްވާ ޓެކްނޮލޮޖީ އާއި ތައުލީމީ ޓެކްނޮލޮޖީ ފަދަ ސިނާއަތްތަކުން އެއްފަހަރާ ގިނަ ބަޔަކު ވަޒީފާއިން ވަކިކުރަމުން ދިޔުމުން، މުސްތަގުބަލުގައި ޒުވާނުންނަށް ރަނގަޅު ވަޒީފާގެ ފުރުސަތުތައް ހުންނާނެ ކަމާމެދު މިހާރު ޒުވާނުން ވަނީ ޝައްކުކުރަން ފަށައިފައެވެ.

ޗައިނާގައި ވަޒީފާނެތް ޒުވާނުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދާކަމީ އެގައުމުގެ ލީޑަރުންގެ ސަމާލުކަމަށްވެސް އައިސްފައިވާ މައްސަލައެކެވެ. އޭޕްރިލް މަހު، އެގައުމުގެ މިނިސްޓަރ އޮފް ހިއުމަން ރިސޯރސަސް އެންޑް ސޯޝަލް ސެކިއުރިޓީމ ވޭންގް ޝައޯޕިންގ ވަނީ އެގައުމުގައި ވަޒީފާނެތް މީހުންގެ އަދަދު ކުކުރުމަށް މަސައްކަތްކުރުމަކީ ސިޔާސީ ބޮޑު މަސްއޫލިއްޔަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މީގެ އިތުރުން އެގައުމުގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ އިތުރު ވަޒީފާތައް އުފައްދައި ވަޒީފާނެތް މީހުންގެ އަދަދު މަދުކުރަން ޖެހޭ ކަމަށް ބުނެފައެވެ. އަދި އެގައުމުގެ އިންޑަސްޓްރިއަލް އައުޓްޕުޓް އާއި ރީޓެއިލް ސޭލްސް އަދި ފިކްސްށް އިންވެސްޓްމެންޓްގެ ޑޭޓާތައް އާންމުކޮށް، މިހުރިހާ ނަންބަރުތަކެއްވެސް މައްޗަށް ޖެެހެމުންދަނީ އުންމީދުކުރާ ވަރަށްވުރެ ލަހުންކަމަށް ޗައިނާގެ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ފާހަގަކޮށްފައެވެ.

އެއިދާރާއިން ވަނީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހުކޮށްދިނުމަށް ކުރާ މަސައްކަތްތައް އިތުރަށް ފުޅާކުރަންޖެހޭކަމަށް ބުނެފައެވެ.

ކަމާގުޅުންހުރި ފަރާތްތަކުން ވަނީ މިމައްސަލަ ހައްކުރުކުރަމަށްޓަކައި ފިޔަވަޅުތަކެއްވެސް އަޅަން ފަށައިފައެވެ. ޗައިނާ ސަރުކާރުން ވަނީ ސަނަދު ހާސިލުކޮށް ވަޒީފާގެ މާހައުލަށް ނުކުންނަ ޒުވާނުންނަށް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުން ވަޒީފާގެ ފުރުސަތު ދިނުމަށް އެދިފައެވެ. ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް، މިދިޔަ މަހު ޗައިނާގެ ސްޓޭޓް ކައުންސިލުން ވަނީ ވަޒީފާދޭ ފަރާތްތަކުން ގިނަ މީހުންނަށް ވާޒީފާ ދޭނެ މަގު ފަހިކުރުމަށް، ކުންފުނިތަކަށް ސަބްސިޑީ ފޯރުކޮށްދިނުމަށާއި ތަފާތު އިންސެންޓިވްތައް ދިނުމަށް ނިންމައި ޕްލޭނެއްވެސް އާންމުކޮށްފައެވެ.

ޗައިނާގައި ވަޒީފާނެތް ޒުވާނުންގެ އަދަދު އިތުރުވެގެން ދިއުމުގެ އެއް ސަބަބަކީ މަސައްކަތުގެ މާކެޓުގައި "ސްކިލްސް މިސްމެޗް" ވުން ކަމަށް ޕެންތިއޯން މެކްރޯއިކޮނޮމިކްސްގެ ޗީފް ޗައިނާ އިކޮނޮމިސްޓް، ޑަންކެން ރިގްލޭ ފާހަގަކުރައްވައެވެ. އެގޮތުން، ޗައިނާގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން އެގައުމުގެ އެހެން ކުންފުނިތަކާ އަޅާބަލާއިރު ލޯ-އެންޑް ސަރވިސެސް ސެކްޓަރގެ ކުންފުނިތަކަށް ކުރާ ފައިދާ ބޮޑުކަމާއި، މީގެ ސަބަބުން ތައުލީމީ ފެންވަރު މަތީ މީހުންނަށް ބޭނުންވާ ފަދަ ގިނަ ވަޒީފާގެ ފުރުސަތުތައް ހުޅުވިގެން ނުދާކަމަށް އޭނާ ފާހަގަކުރެއެވެ.

ނަމަވެސް ބައެއް އިކޮނޮމިސްޓުން ޗައިނާގެ ވަޒީފާގެ ބާޒާރުގެ ކުރިމަގާ މެދު އެހާ ކަންބޮޑެއްނުވެއެވެ. އެގޮތުން، ޗައިނާގެ އިގުތިސާދު ކުރިއަރައިގެންދާ ބާރުމިނުގެ ސަބަބުން ޒުވާނުންގެ ތެރެއިން ވަޒީފާނެތް ޒުވާނުންނަށް ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް އެމީހުން ގަބޫލުކުރެއެވެ. އެހެން ނަމަވެސް، މިއީ ވަރަށް މަޑުމަޑުން އަންނާނެ ބަދަލެއްކަމެސް އިކޮނޮމިސްޓުން ފާހަގަކުރެއެވެ.

- ކޮމެންޓް