އެޑްރިއާ ޔޫތު އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކޮށް ރާއްޖޭގެ ލައިބާ އަޙުމަދު މަޚްލޫފް (އެލީ) ރިހި މެޑަލް ހޯދައިފި އެވެ.
ކްރޮއޭޝިއާގެ އޮޕާޓިޖާގައި ކުރިއަށް ދިޔަ މުބާރާތުން ލައިބާ ރިހި މެޑަަލް ހޯދީ މިކްސް ޑަބަލްސް އިވެންޓުންނެވެ. 11 އަހަރުން ދަށުގެ އުމުރުފުރާގައި ލައިބާގެ ޕެއާ ޕާޓްނަރަކީ ސްލޮވީނިއާގެ މެޓިޗް ކެންޒް އެވެ. ފައިނަލްގައި ލައިބާގެ ޕެއާ އިން ވާދަކުރީ ސްލޮވީނިއާގެ މާކް ޕޮގާސާ އަދި ޕިއާ ކްރިޒްމަނިކްގެ ޕެއާއާ އެވެ. ސެމީ ފައިނަލްގައި ވެސް ލައިބާގެ ޕެއާ އިން ވާދަކުރަން ޖެހުނީ ސްލޮވީނިއާގެ ޕެއާއަކާ އެެވެ. ނަމަވެސް ސެމީ މެޗުގައި ލައިބާގެ ޕެއާ ވަނީ ކުރި ހޯދައިފަ އެވެ. ލައިބާގެ ޕެއާ ޕާޓްނަރު މެޓިޗް އަކީ އިޓަލީގައި އޮތް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވެސް ލައިބާގެ ޕެއާ ޕާޓްނަރެވެ.
މިއީ އިންޓަނޭޝަނަލް މުބާރާތެއްގެ ފައިނަލްގައި ލައިބާ ވާދަކުރި ފުރަތަމަ ފަހަރެވެ. އަދި ރިހި މެޑަލް ލިބުނު ވެސް ފުރަތަމަ ފަހަރު އެވެ. މުބާރާތުގެ ސިންގަލްސް ބައިގައި ވެސް ލައިބާ ވަނީ ވާދަކޮށްފަ އެވެ. ސިންގަލްސްގެ ކުއާޓާ ފައިނަލުން ލައިބާ ޖާގަ ހޯދި އެވެ. ކުއާޓާ ފައިނަލްގައި ބަލިވީ 21-19 އަދި 23-21 އިންނެވެ. ޑަބަލްސް އިވެންޓުގައި ލައިބާގެ ޕާޓްނަރަކީ ޕިއާ އެވެ. ޑަބަލްސްގެ ފުރަތަމަ މެޗުން ލައިބާގެ ޕެއާ މޮޅުވި ނަމަވެސް، ދެ ވަނަ މެޗުން ވަނީ ބަލިވެފަ އެވެ. އެއާއެކު ގްރޫޕްގެ ތިން ވަނައާއެކު ލައިބާގެ ޕެއާ އަށް ވަނީ ލޯ މެޑަލް ލިބިފަ އެވެ.
ކްރޮއޭޝިއާ މުބާރާތަކީ ލައިބާގެ އިންޓަނޭޝަނަލް ދެ ވަނަ މުބާރާތެވެ. ފުރަތަމަ މުބާރާތަކީ އިޓަލީ މުބާރާތެވެ. އެ މުބާރާތުގައި ވެސް ލައިބާ ވަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދައިފަ އެވެ.