ސްޕެނިޝް ލީގުގައި އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އެތުލެޓިކޯ މެޑްރިޑު ލީގު ތާވަލްގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.
އާދިއްތަ ދުވަހު އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ ޔަކީން ކަރަސްކޯ އެވެ. އެއީ އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު މެޗުގެ 62 ވަނަ މިނެޓުގައި ޖެހީ ސައުލް ނިގޭޒް އެވެ. އެއީ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް މެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެންނެވެ. އެތުލެޓިކޯގެ ފަހު ލަނޑު ރޮޑްރިގޯ ޑި ޕައުލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ އެންހެލް ކޮރެއާ އެވެ.
މޮޅާއެކު އެތުލެޓިކޯ އިން ދެ ވަނައިގައި އޮތީ 35 މެޗުން 72 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ތިން ވަނައިގައި ރެއާލް މެޑްރިޑު އޮތީ 71 ޕޮއިންޓާއެކު އެވެ. އެއީ ލީގުގައި ވެލެންސިއާ އަތުން ބަލިވުމުންނެވެ.