ފްރާންސް ލީގުގައި އޮކްސެރޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އިން ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.
އާދިއްތަ ދުވަހުގެ ރޭ އޮކްސެރޭގެ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ވިދާލީ ޕީއެސްޖީ އަސް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އެވެ. އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ އޭނާ އެވެ. މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި އެމްބާޕޭ ފުރަތަމަ ލަނޑު ޖަހައި ޕީއެސްޖީ އަށް ލީޑު ހޯދައިދިނީ ފަބިއަން ރުއިޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އޭގެ ދެ މިނެޓު ފަހުން އެމްބާޕޭ އެ ޓީމަށް ލީޑު ފުޅާކޮށްދިނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗުގައި އޮކްސްރޭގެ ހަމައެކަނި ލަނޑު ލަސިން ސިނާޔޮކޯ ޖެހީ 51 ވަނަ މިނެޓުގަ އެވެ. އެއީ ނޫނޯ ޑާ ކޮސްޓާގެ އެހީތެރިކަމާއެކު އޭނާ ޖެހި ލަނޑެކެވެ.
މޮޅާއެކު ޕީއެސްޖީން އެއް ވަނައިގައި އޮތީ ހަ ޕޮއިންޓުގެ ލީޑަކުންނެވެ. ކުޅުނު 36 މެޗުން އެ ޓީމަށް ލިބެނީ 84 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް ލެންސް އަށް ލިބެނީ 78 ޕޮއިންޓެވެ. 11 ވަނަ ފަހަރަށް ފްރާންސް ލީގު ކާމިޔާބު ކުރުމަށް މިހާރު ޕީއެސްޖީ އަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ. ލީގުގައި އެ ޓީމަށް ދެން އޮތީ މި މަހުގެ 28 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ސްޓްރަސްބާގާ ދެކޮޅަށް ކުޅޭ މެޗެވެ.