Advertisement
ކ. މާލެ
|
21 މެއި 2023 | އާދީއްތަ 16:15
އަލިފުށީގައި ތަރައްގީކުރަމުންދާ ޓިވެޓް ސެންޓަރު
އަލިފުށީގައި ތަރައްގީކުރަމުންދާ ޓިވެޓް ސެންޓަރު
Higher Education Ministry
ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު
ދިއްދޫ ޖޫނިއަރ ކޮލެޖާއި އަލިފުށީ ޓިވެޓް ސެންޓަރުގެ ވަޒީފާތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މެނޭޖަރުންގެ މަގާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 23 މޭ 2023ގެ 13:30
ދެ އިންސްޓިޓިއުޓަށް އެޑްމިން އޮފިސަރުން ނެގުމަށްވެސް އިއުލާންކޮށްފައިވޭ

ހއ. ދިއްދޫގައި ތަރައްގީކުރަމުންދާ ޖޫނިއަރ ކޮލެޖާއި ރ. އަލިފުށީގައި ތަރައްގީކުރަމުންދާ ސްޓޭޓް-އޮފް-ދި-އާރޓް ޓިވެޓް ސެންޓަރުގެ ބައެއް މަގާމުތަކަށް ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ބުނެފިއެވެ.

ހަޔަރ އެޑިޔުކޭޝަނުން ބުނީ މި ދެ ތަނުގެ ޕޯސްޓް ކޮންސްޓްރަކްޝަން ސްޓޭޖުން އޮޕަރޭޝަނަލް ސްޓޭޖަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އިންސްޓިޓިއުޓް އެކަށީގެންވާ ފެންވަރަކަށް ހިންގުމަށްޓަކައި ދެ މެނޭޖަރުން ނެގުމަށް މިދިޔަ ހަފުތާގައި އިއުލާންކޮށްފައިވާކަމަށެވެ.

މި މެނޭޖަރުންގެ މައިގަނޑު މަސައްކަތަކީ މިތަންތަން ހުޅުވުމަށް ޕްރީއޯޕަނިންގ ސްޓޭޖުގައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގައި މޮނިޓަރ ކުރުމާއި، އޮޕަރޭޝަނަލް ޕްލޭނެއް ތައްޔާރުކޮށް ތަންފީޒުކުރުމާއި، އިންސްޓިޓިއުޓްގެ މަސައްކަތް ދުވަހުން ދުވަހަށް ހިންގުމާއި، މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ދިނުމާއި، ފަންނީ ލަފާ ފޯރުކޮށްދިނުމާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށޭނަ މާހައުލެއް ގާއިމްކުރުމުގެ އިތުރަށް އިންސްޓިޓިއުޓްގެ އިދާރީ ހިންގުމުގެ މަސައްކަތްތަކާއި ކިޔަވައިދިނުމުގެ އެންމެހައި ކަންކަން ހިންގައި ބެލެހެއްޓުމެވެ.

މެނޭޖަރުންގެ މަގާމަށްއެދި ހުށަހެޅުމުގެ ސުންގަޑިއަކީ 23 މޭ 2023ގެ 13:30އެވެ.

Advertisement

މީގެ އިތުރުން މި ދެ އިންސްޓިޓިއުޓަށް އެޑްމިން އޮފިސަރުން ނެގުމަށްވެސް ހަޔަރ އެޑިޔުކޭޝަނުން ވަނީ އިއުލާންކޮށްފައެވެ. އެޑްމިން އޮފިސަރުންގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 28 މޭ 2023ގެ 13:30އެވެ.

މި މަގާމުތަކަށް ހޮވޭ މީހުން ފުރަތަމަ 4-6 ހަފުތާގައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ހަޔަރ އެޑިޔުކޭޝަންގައެވެ. އަދި އިންސްޓިޓިއުޓްގެ ވޯރކް އޭރިއާ ސެޓަޕް ނިމުމާއެކު މަސައްކަތްތައް އިންސްޓިޓިއުޓުގެ އިމާރާތަށް ބަދަލުވެގެން ދާނެއެވެ.

ދިއްދޫގައި ތަރައްގީކުރަމުންދާ ޖޫނިއަރ ކޮލެޖާއި އަލިފުށީގައި މި އެޅޭ ޓިވެޓް ސެންޓަރަކީ އަތޮޅުތެރެއަށް މަސައްކަތުގެ ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް މިސަރުކާރުން އަހަންމިއްޔަތުކަމެއް ދީގެން ކުރަމުން އަންނަ މުހިންމު މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ. މި މަސައްކަތްތައް ނިމި ޚިދުމަތް ދޭން ފެށުމުން ގިނަ ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށާއި، ގިނަ އަދަދެއް ދަރިވަރުންނަށް މާލެއަށް ކިޔަވަން ނައިސް އެ ތަންތަނުން ކިޔެވުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.

Advertisement

Advertisement
- ކޮމެންޓް