މިއީ ރަޝިއާއާއެކު ބިނާކުރަނިވި މަސައްކަތްތަކެއް ކުރަންވީ ވަގުތު ކަމަށް ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިންއާއެކު ބޭއްވި ބައްދަލުވުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ ދެ ބޭފުޅުން ފުރަތަމަ ފަހަރަށް އެއްބޭފުޅަކު އަނެއް ބޭފުޅަކާ ބައްދަލުވި ބައްދަލުވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.
ޖީ 20 ސަމިޓްގައި ހުކުރު ދުވަހު ދެ ބޭފުޅުން ބައްދަލުކުރައްވާފައިވާއިރު ޓްރަމްޕް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒުފޯރުވަން ރަޝިއާއިން މަސައްކަތްކުރިކަމަށް ބުނާ ވާހަކަ ރައީސް ޕޫޓިން ހަރުކަށިކަމާއެކު ދޮގުކުރައްވާކަމަށެވެ.
ނަމަވެސް ރައީސް ޓްރަމްޕްގެ ނިންމެވުމަށް އެމަނިކުފާނުގެ ސަރުކާރުގެ އިސް އޮފިޝަލުންވެސް ދެކޮޅު ހައްދަވައެވެ.
ރަޝިއާއަކީ އޮންލައިން ސެކިއުރިޓީގެ ދާއިރާއިން އެމެރިކާގެ ބައިވެރިއެއްކަމަށް ހެދުމަށް ހުށަހެޅުއްވި ހުށަހެޅުއްވުން ހާމަކުރުމާއެކު ޓްރަމްޕްގެ ޕާޓީގެ ތެރެއިންވެސްދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ.
ރައީސް ޓްރަމްޕްވަނީ ރައީސް ޕޫޓިންއާއެކު "އިލެކްޝަން ހެކްކުރުމާއި އެނޫންވެސް އިދިކޮޅު އަމަލުތަކުން ރައްކާތެރިކޮށް ބަލަހައްޓައިދޭނެ ފޫއަޅުވާ ނުލެވޭނެ ސައިބަރ ސެކިއުރިޓީ ޔުނިޓެއް" އުފެއްދުމަށް މަޝްވަރާ ކުރެއްވިކަމަށް ޓްވީޓް ކުރައްވާފައެވެ.
ގާނޫނުހަދާމަޖިލީހުގެ މެމްބަރު މާކޯ ރޫބިއޯ ވިދާޅުވީ އެފަދަ އިސްނެންގެވުމެއް ވެގެންދާނީ ސީރިޔާގެ ރައީސް ބަޝާރުލް އަސަދާއެކު ކެމިކަލް ހަތިޔާރު ބެހޭ އެއްބަސްވުމަކަށް ދިއުންފަދަ ކަމަކަށް ކަމަށެވެ.
ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ސެނޭޓަރ ލިންޑްސީ ގްރަހަމް އެމްއެސްއެންބީސީގައި ވިދާޅުވީ " އެއީ އަހަރެންނަށް އިވުނު އެންމެ ގަމާރު ޚިޔާލެއްނޫން އެއާ ވަރަށް ގާތްކުރޭ"
އެމެރިކާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ނިކީ ހޭލީ ވިދާޅުވީ އެމެރިކާއަށް ރަޝިއާއަށް އިތުބާރު ނުކުރެވޭނެ ކަމަށާއި އަދި ދުވަހަކުވެސް އިތުބާރު ކުރަން ބޭނުން ނުވާކަމަށެވެ.
ސީއެންއެންގައި ވާހަކަދައްކަވަމުން އެކަމަނާ ވިދާޅުވީ ރަޝިއާއާ ވާހަކަދެއްކުމަކީ އެމެރިކާގެ މިސްރާބު ބަދަލުވާންޖެހޭ ސަބަބެއް ނޫންކަމަށެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަން ވިދާޅުވީ 2016ވަނަ އަހަރުގެ އިންތިޚާބަށް ނުފޫޒުފޯރުވުން ވެފައި އޮތީ ރަޝިއާއެކު ގުޅުން ރަނގަޅު ކުރުމަށް އޮތް ހުރަހަކަށް ކަމަށެވެ.
މިދިއަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވި އިންތިޚާބަށް ނުފޫޒުފޯރުވުމަށް ރަޝިއާއިން ކުރިކަމަށް ތުހުމަތުކުރެވޭ މަސައްކަތުގައި ރައީސް ޓްރަމްޕް ބައިވެރިވެވަޑައިގެންފައިވޭތޯ ޚާއްސަ ޕްރޮސިކިއުޓަރަކު ގެންދަވަނީ ތަހުގީގު ކުރައްވަމުންނެވެ.
ޖަރުމަނުގެ ހެމްބާގްގައި ބޭއްވުނު ޖީ 20 ބައްދަލުވުމުގައި ރަޝިއާގެ މައްޗަށް ތުހުމަތުކުރެވޭ ވާހަކައާމެދު ދެފަރާތުންވެސް ވާހަކަދެއްކި ކަމަށް ކަށަވަރުކޮށްދެއެވެ.
ނަމަވެސް އޭގެ ނަތީޖާއަށް ސީދާ އެއްބަސްވި ކަމަކަށް ނުފެނެއެވެ.
ރަޝިއާގެ ފޮރިން މިނިސްޓަރ ސަރްގޭ ލަވްރޯވް ވިދާޅުވީ ރަޝިއާއާމެދު ކުރެވޭ ތުހުމަތުތަކަކީ ދޮގެއްކަމަށް ރައީސް ޕޫޓިން ވިދާޅުވާ ވިދާޅުވުން ޓްރަމްޕް ގަބޫލްފުޅު ކުރައްވާފައިވާކަމަށެވެ.