ކ. މާލެ
|
10 ޖުލައި 2017 | ހޯމަ 08:06
އެވަޓަން އަށް ކުރިން ކުޅުނު ވޭން ރޫނީ އަލުން އެ ކްލަބަށް ބަދަލުވެ އެއްބަސްވުމުގައި ސޮއިކުރަނީ
އެވަޓަން އަށް ކުރިން ކުޅުނު ވޭން ރޫނީ އަލުން އެ ކްލަބަށް ބަދަލުވެ އެއްބަސްވުމުގައި ސޮއިކުރަނީ
ޓްވިޓަރ
ވޭން ރޫނީ
އެވަޓަންގައި ރޫނީ ލާނީ ލުކާކޫގެ 10 ނަމްބަރު ޖޯޒީކަމަށް އެ ކްލަބުން ބުނެފި
ރޫނީ އަކީ ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ
ރޫނީ ލާނީ 10 ނަމްބަރު ޖޯޒީ ކަމަށް އެވަޓަން އިން ބުނީ ޓުވިޓާ މެދުވެރިކޮށް

އެވަޓަންގައި އިނގިރޭސި ކެޕްޓަން ވޭން ރޫނީ ލާނީ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫގެ 10 ނަމްބަރު ޖޯޒީކަމަށް އެ ކްލަބުން ބުނެފި އެވެ.

އެވަޓަންގެ ރަސްމީ ޓުވީޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނީ ކުރިޔަށް އޮތް ސީޒަނުގައި ރޫނީ ބޭނުންކުރާނީ 10 ނަމްބަރު ޖޯޒީ ކަމަށެވެ.

ޔުނައިޓެޑުގައި 13 އަހަރު ހޭދަކުރުމަށްފަހު، އާދީއްތަ ދުވަހު އޭނާގެ ކުރީގެ ކްލަބް އެވަޓަން އަށް ބަދަލުވެފައިވާއިރު، އެ ކްލަބަށް ރޫނީ ބަދަލުވާނެ ކަމަށް އަޑުތައް ފެތުރެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.

ރޫނީ އެވަޓަން އަށް ބަދަލުވުމާ ގުޅިގެން އެ ކްލަބުގެ ކޯޗު ރޮނަލްޑް ކޯމަން ބުނީ އޭނާ އަކީ ޓީމަށް މޮޅުވުމުގެ ރޫހު ގެންނަ ފަދަ ކުޅުންތެރިޔެއް ކަމަށާއި، އޭނާ އެނބުރި އަލުން އެވަޓަންއާ ގުޅުމުން ވަރަށް އުފާވާ ކަމަށެވެ.

ކޯމަން ބުނީ ރޫނީ އެނބުރި އެވަޓަން އަށް ބަދަލުވާން ބޭނުންވާވަރު އެނގޭ ކަމަށާއި، ރޫނީގެ އުމުރުން 31 އަހަރުވިޔަސް އަދިވެސް އޭނާ އަކީ ރަނގަޅު ކޮލެޓީއެއް ހުރި ހުނަރުވެރި ކުޅުންތެރިޔެއް ކަމަށެވެ.

ރޫނީ އެވަޓަން އަށް ސޮއިކުރުމާ ގާތަށް އައިސްފައިވާއިރު، އެވަޓަންގެ ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ ޔުނައިޓެޑަށް ސޮއިކުރުމާ ގާތަށް އައިސްފައެވެ. އެގޮތުން ލުކާކޫއާ އެކު ޔުނައިޓެޑަށް އެއްބަސްވުމަކަށް އާދެވިފައިވާކަމަށް އެ ކްލަބުން ވަނީ ހޮނިހިރު ދުވަހު އިއުލާންކޮށްފައެވެ. އަދި ވަރަށް އަވަހަށް ލުކާކޫ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށްވެސް އެ ކްލަބުން ބުނެއެވެ.

އެވަޓަން ދޫކޮށްލުމަށްފަހު އުމުރުން 31 އަހަރުގެ ރޫނީ ޔުނައިޓެޑާ ގުޅުނީ 2004 ވަނަ އަހަރެވެ. އޭނާ އެ ކްލަބަށް ބަދަލުވީ 27 މިލިއަން ޕައުންޑަށެވެ. އެގޮތުން ރޫނީ ވަނީ މިހާތަނަށް އެ ކްލަބާ އެކު ގިނަ ކާމިޔާބީތައްވެސް ހޯދާފައެވެ.

ރޫނީ އެވަޓަން އަށް ބަދަލުވަނީ ފްރީ ޓްރާންސްފާއެއްގެ ދަށުން ކަމަށް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ. އޭނާ އެކި ފަހަރު މަތިން އެވަޓަންއާ އެކު މަޝްވަރާކޮށްފައިވާއިރު، މިފަހަރު އޭނާ އެ ކްލަބަށް ބަދަލުވާނެ ކަމަށް ބެލެވެއެވެ.

ޔުނައިޓެޑަށް މިހާތަނަށް 253 ލަނޑު ކާމިޔާބުކޮށްފައިވާ ރޫނީ އަކީ އެ ކްލަބުގެ ތާރީހުގައިވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ އެ ކްލަބާއެކު ފަސް ޕްރިމިއާ ލީގު، ތިން ފުޓުބޯޅަ ލީގް ކަޕް، ތިން އެފްއޭ ކޮމިއުނިޓީ ޝިލްޑް، އެއް ޔުއެފާ ޗެމްޕިއަންސް ލީގު، އެއް ޔުއެފާ ޔޫރޮޕާ ލީގު އަދި އެއް ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފައެވެ.

އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރަމުން އަންނަ ރޫނީ ވަނީ ގައުމީ ޓީމަށް ކުޅުނު 119 މެޗުގައި 53 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް