ފްރާންސް ލީގުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުރިއަށް އޮތީ ވަރަށް މުހިންމު މެޗެއް ކަމަަށާއި، ޓީމަށް މިވަގުތު ޕްރެޝަރު ބޮޑު ނޫން ކަމަށް އެ ޓީމުގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ބުނެފި އެވެ.
ލީގުގައި އޮކްސެރޭއާ ދެކޮޅަށް ނިކުންނަ މެޗުގެ ކުރިން ވާހަކަ ދައްކަމުން ގަލްޓިއޭ ބުނީ، ލޮރިއެންޓް އަތުން ބަލިވި މެޗަށްފަހު ޓީމުގައި ވަރުގަދަ ރޫހެއް އާލާވަމުން އަންނަތަން ފެންނަ ކަމަށެވެ. އެގޮތުން އޭގެ ފަހުން ޓްރޮޔީސް އަދި އަޖަސިއޯ އަތުން މޮޅުވި މެޗުގައި ވެސް ކުޅުންތެރިންގެ ފަރާތުން ފެނުނީ ޓީމު ރޫހު ކަމަށާއި، ކުޅުންތެރިން ބޭނުން ވަނީ ޓީމާއެކު ކާމިޔާބު ހޯދުމަށް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުވެފައި އޮތުމުން ޓީމުގައި މާ ބޮޑު ޕްރެޝަރެއް މިވަގުތު ނެތް ކަމަށާއި، އެންމެ ފަހުގެ ފަރިތަކުރުމުގައި ކުޅުންތެރިންގެ ފަރާތުން ސީރިއަސްކަން ފެނުނު ކަމަށް އޭނާ ބުންޏެވެ.
ގަލްޓިއޭ ބުނީ ކުރިއަށް އޮތީ ޓީމަށް ވަރަށް މުހިންމު މެޗެއް ކަމަށާއި، ޚާއްސަކޮށް ލީގު ނިމެންދާއިރު މޮޅުވުން ނޫން ގޮތެއް ބޭނުންނުވާ ކަމަށެވެ. އޭނާ ބުނީ އަަބަދު ވެސް ކުޅުންތެރިންގެ ގާތު ބުނަމުން އަންނަ ވާހަކަ އަކީ ވާދަވެރި ޓީމުތަކަށް ބެލުމެއް ނެތި، ޕީއެސްޖީ އެ ޓީމުގެ ރޫހުގައި ނިކުމެ މެޗުތައް ކާމިޔާބު ކުރުމަށް މަސަކަތް ކުރުމަށް ކަމަށެވެ. ޚާއްސަކޮށް އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި ޕީއެސްޖީގެ ފަހަތުން ދެ ވަނައިގައި އޮތް ލެންސް މިވަގުތު އެއްވެސް ޕޮއިންޓެއް ގެއްލުވާ ނުލާނެ ކަމަށާއި، އެހެންކަމުން އެއީ ޕީއެސްޖީން ސަމާލުވާން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އޭނާ ބުނީ އެހެންކަމުން ކުރިއަށް ދާނެ ގޮތެއް އޮތީ ޕީއެސްޖީގެ އަތް މަތީގައި ކަމަށެވެ. އިތުރަށް ގަލްޓިއޭ ބުނީ، އެންމެ ފަހުން ކުޅުނު ދެ މެޗާ ކުރިއަށް އޮތް މެޗަކީ މުޅިން ތަފާތު މެޗެއް ކަމަށެވެ.
އޭނާ ވަނީ އެ ޓީމަށް ކުޅެމުން އަންނަ ލިއޮނަލް މެސީ، ކީލިއަން އެމްބާޕޭ އަދި ނޭމާ ޖޫނިއާގެ ވާހަކަ ވެސް ދައްކައިފަ އެވެ. އޭނާ ބުނީ އެ ތިން ކުޅުންތެރިން އެކުގައި ދަނޑު މަތީގައި ވަރަށް މޮޅަށް ކުޅޭ ކަމަށެވެ. ނަމަވެސް އެކަން ފެނުނީ ސީޒަންގެ ވަކި ބައެއްގައި ކަމަށާއި، މިހާރު އެއް ކުޅުންތެރިޔަކު ކުޅުމާ ދުރުގައި ހުރުމުން އެކަން ނުފެންނަ ކަމަށެވެ. ލިބުނު އަނިޔާއެއްގެ ސަބަބުން މިވަގުތު ނޭމާ ހުރީ ކުޅުމާ ދުރުގަ އެވެ. ނަމަވެސް އެމްބާޕޭ އާއި މެސީ އަންނަނީ އެކުގައި ކުޅެމުންނެވެ.
ލީގުގައި ޕީއެސްޖީން އޮކްސެރޭއާ ދެކޮޅަށް ނިކުންނާނީ އާދިއްތަ ދުވަހުގެ ރޭ އެވެ.