ކ. މާލެ
|
20 މެއި 2023 | ހޮނިހިރު 10:48
އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުން
އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުން
އެތްލެޓިކްސް އެސޯސިއޭޝަން
އިންޓަރ ސްކޫލް އެތުލެޓިކްސް
އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައިފި
މި މުބާރާތަކީ ގައުމީ ޓީމަށް ކުޅުންތެރިން ފާހަގަކުރާ އެންމެ ބޮޑު ހަރަކާތް

ގިނަ ހުނަރުތަކެއް ފެނިގެންދިޔަ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހުޅުމާލޭ ދުވާ ޓްރެކުގައި ކުރިޔަށްދިޔަ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހުކުރު ދުވަހު ހަވީރުއެވެ. ޖުމްލަ ހަތް ސްކޫލަކުން ވަނީ އެކި އުމުރުފުރާތަކުން އެންމެ މޮޅު ސްކޫލަށް ހޮވިފައެވެ. ދެ ކެޓެގަރީ އަކުން ޗެމްޕިއަންކަން ހޯދި ހަމައެކަނި ސްކޫލަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. އަޙްމަދިއްޔާ ޗެމްޕިއަންކަން ހޯދީ 20 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައިންނެވެ.

17 އަހަރުން ދަށުގެ ފިރިހެން ބައިން މަޖީދިއްޔާ ސްކޫލް އެއްވަނަ ހޯދިއިރު، އެ އުމުރުފުރާގެ އަންހެން ބައިން އެއްވަނަ ހޯދީ ޝަރަފުއްދީން ސްކޫލުނެނެވެ. 15 އަހަރުން ދަށުގެ ބަޔަށް ބަލާއިރު، ފިރިހެން ބައިން ޗެމްޕިއަންކަން ހޯދީ އިސްކަންދަރު ސްކޫލުންނެވެ. އަދި އަންހެން ބައިން ޗެމްޕިއަންކަން ހޯދީ ކަލާފާނު ސްކޫލެވެ. މުބާރާތުގެ އެންމެ ހަގު އުމުރުފުރާ ކަމަށްވާ 13 އަހަރުން ދަށުގެ ބައިން ފިރިހެން ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ މިލަންދޫ ސްކޫލެވެ. އަދި އަންހެން ޗެމްޕިއަނަކަށް ހޮވުނީ ޢަފީފުއްދީން ސްކޫލެވެ.

މި މުބާރާތުގެ 20 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވިފައިވަނީ ދާންދޫ ސްކޫލުގެ އާމިނަތު ލަޔާނާ މުހައްމަދެވެ. ލަޔާނާ ވަނީ 100މ، 200މ، އަދި 400މ ދުވުމުން ރަން މެޑަލް ހޯދާފައެވެ. އޭގެތެރެއިން 100މ އާއި 400މ ގައި ލަޔާނާ ވަނީ އުމުރުފުރާ ރިކޯޑު ހަދާފައެވެ. މި އުމުރުފުރާގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވޮފައިވަނީ ގައުމީ ޔުނިވަރސިޓީގެ އިބްރާހިމް އާދަމް އެވެ. އޭނާ ވަނީ 800މ، 1500މ އަދި 5000މ ގައި ރަންމެޑަލް ހޯދާފައެވެ.

800މ އަދި 1500މ ދުވުމުން ރަންމެޑަލް ހޯދާ، 1500މ ދުވުމުގެ އުމުރުފުރާ ރިކޯޑް ހަދާ، 17 އަަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވިފައިވަނީ މަޖީދިއްޔާގެ ޒައިން ޒައިދް އަބްދުﷲ އެވެ. 17 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ޖަލާލުއްދީން ސްކޫލުގެ އަހުނާ ނިޒާރެވެ. އޭނާ ވަނީ 100މ އަދި 200މ ދުވުމުން އުމުރުފުރާ ރިކޯޑަކާއެކު ރަން މެޑަލް ނަގާފައެވެ. އޭގެއިތުރުން އޭނާ ވަނީ ޓްރިޕަލް ޖަމްޕްގެ ރަންމެޑަލް ގައުމީ ރިކޯޑަކާއެކު ހޯދާފައެވެ.

15 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓަކަށް ހޮވުނީ އިސްކަންދަރު ސްކޫލުގެ މުހައްމަދު އިލާން އިމްރާނެވެ. އޭނާ ވަނީ 100މ، 200މ އަދި ލޯންގް ޖަމްޕްގެ ރަންމެޑަލް ހޯދާ، 100މ ދުވުމުގެ އުމުރުފުރާ ރިކޯޑް ހަދާފައެވެ. އިލާން އަކީ މޮޅަށް ފުޓުބޯޅަވެސް ކުޅޭ ކުޅުންތެރިއެކެވެ. މިވަގުތު ވެލެންސިއާގެ ސީނިއާ ޓީމަށް ކުޅުމުގެ ފުރުސަތު އިލާން އަށް ލިބެއެވެ. މި އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ހިތަދޫ ސްކޫލުގެ އާމިނަތު ޒީވާ އާމިރެވެ. ޒީވާ ވަނީ 200މ އަދި 400މ ދުވުމުން ރަންމެޑަލް ހޯދާފައެވެ.

މި އަހަރުގެ މުބާރާތުގައި އަތޮޅުތެރޭގެ ރަށްތައް ހިމެނޭހެން ޖުމްލަ 47 ސްކޫލަކުން 1500 އަށް ވުރެ ގިނަ އެތުލީޓުން ވަނީ ބައިވެރިވެފައެވެ. ޒުވާން ގިނަ ކުދިންތަކެއްގެ ހުނަރުތައް ފެނިގެންދިޔަ މި މުބާރާތަކީ ގައުމީ ޓީމަށް ކުޅުންތެރިން ފާހަގަކުރާ އެންމެ ބޮޑު ހަރަކާތެވެ.

- ކޮމެންޓް