ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް މުހިންމުވަނީ މިސަރުކާރުން ރައްޔިތުންނަށް ގެނެސްދީފައިވާ ހެޔޮ ބަދަލުތަކާއި، ސިޔާސަތުތައް އިތުރަށް ތަންފީޒު ކުރުމަށް ކަމަށް އެޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަނަސް ވިދާޅުވީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ހުރިހާ ގޮތަކުން އެމްޑީޕީއަށް މުހިންމު އިންތިޚާބެއް ކަމަށާއި، މިހާރު މިއޮތް އެމްޑީޕީގެ ސަރުކާރު ދިފާއު ކުރަންޖެހޭ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން ވެސް އަނަސް ދެއްވިއެވެ.
2008 ވަނަ އަހަރަށް އިޝާރާތް ކުރައްވައި އަނަސް ވިދާޅުވީ އޭރުގެ އެމްޑީޕީ ސަރުކާރުގައި ރައްޔިތުންގެ ހިިޔާލު ހޯދުމަށްފަހު އެކުލަވާލި މެނިފެސްޓޯއާ އެއްގޮތަށް ގިނަ ކަންކަން ތަންފީޒު ކުރި ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއި ގުޅިގެން ބައެއް ސިޔާސަތުތައް އުވާލައި، ރައްޔިތުންނަށް ގެއްލުން ލިބޭ ގޮތަށް ބައެއް ކަންކަން ކޮށްފައިވާ ކަމަށް އަނަސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެފުރުސަތު މިހާރު އެއްވެސް ބަޔަކަށް ދޭން ބޭނުންނުވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ ކާމިޔާބު ކުރަންޖެހޭ ކަމަށާއި، އެ އިންތިޚާބު ކާމިޔާބު ކުރުމަށް ގިނަ މަސައްކަތްތައް ކުރަންޖެހޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ތާރީހުގައި ވެސް 2008 ގައި އަމަލުކުރަން މިފެށުނު ގާނޫނު އަސާސީއަށްފަހު އަދި ނެތް ވިދިވިދިގެން ދެ ދައުރުގެ ސަރުކާރެއް އެއްވެސް ވެރިއަކު ކާމިޔާބު ކުރައްވާފައި. އެއްވެސް ޕާޓީއަކުން ވެސް ވިދިވިދިގެން ދެ އިންތިޚާބު ކާމިޔާބު ކުރައްވާފައި ނެތް. އެހެންވީމަ އެމްޑީޕީއަށް މިއިންތިޚާބު މުހިންމު ވާ ސަބަބަކީ އެމްޑީޕީން 2008 ވަނަ އަހަރު އުފެދުނު ސަރުކާރުގައި އެމްޑީޕީގެ ސަރުކާރުން ވަރަށް މުހިންމު ބަދަލުތަކެއް ރައްޔިތުންނާއި ހަމައަށް ގެނެސްދިން. އެބަދަލުތަކަކީ ވެސް ރައްޔިތުންނާ ގާތަށް ގޮސްގެން ރައްޔިތުންގެ ފަރާތުން ބޭނުންފުޅު ވަނީ ކޮންކަމެއްތޯ ސާފުކޮށް އަޅުގަނޑުމެން ރައްޔިތުން ވިއްކި މެނިފެސްޓޯގައި ހުރި ކަންކަން ތަންފީޒު ކުރުން. ނަމަވެސް އޭގެ ފަހުން ސަރުކާރުތަކުން ވަނީ އެ ހެޔޮ ބަދަލުތައް ނައްތާލާފައި. ގެނެވުނު ބަދަލުތައް އަލުން އަނބުރާ އިޔާދަކޮށްފައި އެބަހުރި ނުވަތަ ގެނެވުނު ހެޔޮ ބަދަލުތަކުން ބައެއް ކަންކަން އުވާލާފައި ވެސް އެބަހުރި. ހިނގަމުން މިދާ ސަރުކާރުގަ މިގެނެވުނު ހެޔޮ ބަދަލުތައް އަޅުގަނޑުމެން ގަސްތުކުރަން އިތުރަށް އެ ހަރުދަނާ ކުރަންއެމްޑީޕީގެ ތަރުޖަމާނު، އަނަސް އަބްދުއްސައްތާރު
އެމްޑީޕީން ގެނައި ހެޔޮ ބަދަލުތަކަށް އަލިއަޅުއްވާލައްވައި އަނަސް ވިދާޅުވީ އާސަންދަ ޚިދުމަތާއި، ޓެކްސްގެ ޚިދުމަތް އަދި ލާމަރުކަޒީ ގާނޫނުން ރައްޔިތުންނަށް ދީފައިވާ ބާރުން ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަތޮޅުތެރޭގެ ރަށްތައް އިތުރަށް ތަރައްގީ ކުރުމަށް ލާމަރުކަޒުގެ ގާނޫނަށް ގެނެވުނު ހެޔޮ ބަދަލާއެކު ކުރިއަށް އޮތްތަނުގައި އެގޮތަށް ނުވަތަ އެއަށްވުރެ ވެސް ހަރުދަނާކޮށް މަސައްކަތް ކުރަން ބޭނުންވާ ކަމަށް އަނަސް ވިދާޅުވިއެވެ.
އެގޮތުން ރައްޔިތުންނާއި ގާތުން ހެޔޮ ވެރިކަމެއްކޮށް އެވެރިކަން ދެމެހެއްޓުމަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ބޭނުންވާ ކަމަށް އަނަސް ވިދާޅުވިއެވެ.