ޔޫރޮޕާ ލީގުގެ ފައިނަލަށް ހޯސޭ މޮރީނިއޯގެ ރޯމާ އާއި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ސެވިއްޔާ ދަތުރުކޮށްފި އެވެ.
ރޯމާ ފައިނަލުން ޖާގަ ހޯދީ ޖަރުމަނުގެ ބަޔާން ލެވަކޫސަންއާ ދެކޮޅަށް ކުުޅުނު މެޗު 0-0އިން އެއްވަރުކޮށް ދެ މެޗުގެ އެގްރީގޭޓުން 1-0އިން ކުރި ހޯދައިގެންނެވެ. ރޯމާ ކާމިޔާބުކުރީ މި ދެ ޓީމު އިޓަލީގެ ރޯމުގައި ކުޅުނު މެޗެވެ.
ސެވިއްޔާ ފައިނަލުން ޖާގަ ހޯދީ އިޓަލީގެ ޔުވެންޓަސްގެ މައްޗަށް 3-2އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު އިޓަލީގައި ކުޅެ 1-1އިން އެއްވަރުވި މެޗަށް ފަހު ސްޕޭނުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ވެސް ނިމުނީ 1-1އިން އެއްވަރުވެގެންނެވެ. ސެވިއްޔާއިން ލީޑް ނެގީ އިތުރު ވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި އެރިކް ލަމެލާ ޖެހި ގޯލުންނެވެ.
ސެވިއްޔާ އަކީ މި މުބާރާތް ހަ ފަހަރު ކާމިޔާބުކޮށްފައިވާ އެންމެ ކާމިޔާބު ޓީމެވެ. އަނެއްކޮޅުން މިއީ ހޯސޭ މޮރީނިއޯ މި މުބާރާތުގެ ފައިނަލް ކުޅޭ ދެ ވަނަ ފަހަރެވެ. އޭނާވަނީ މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ވެސް މި ތަށި ހޯދައިދީފަ އެވެ. މޮރީނިއޯ ޔޫރޮޕާ ލީގަށް މި ސީޒަނުގައި ކޮލިފައިވީ މިދިޔަ އަހަރު ތައާރަފްކުރި ޔޫއޭފާ ކޮންފަރެންސް ލީގުގެ ތަށި ހޯދައިގެންނެވެ. މި ފަހަރު ޔޫރޮޕާ ލީގު ލިބިއްޖެނަމަ އިޓާލިއަން ލީގުގެ ގަދަ ހަތަރެއްގައި ނުހިމެނުނަސް ރޯމާ އަށް ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނެ އެވެ. ލީގުގައި ރޯމާ މިވަގުތު އޮތީ ހަ ވަނާގަ އެވެ.