ކ. މާލެ
|
18 މެއި 2023 | ބުރާސްފަތި 19:39
އީގަލްސާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން
އީގަލްސާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދިވެހި ޕްރިމިއަރ ލީގު
އީގަލްސް އަތުން ޓީސީއަށް މުހިންމު ޕޮއިންޓެއް
 
މި ސީޒަންގައި އީގަލްސް އަދި އެއްވެސް މެޗަކުން ބައްޔެއްނުވޭ

ދިވެހި ޕްރިމިއަރ ލީގުގައި އީގަލްސާ އެއްވަރުކޮށް ޓީސީން މުހިންމު ޕޮއިންޓެއް ހޯދައިފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު ގަލޮޅު ދަނޑުގައި ގިނަ ލަނޑުތަކެއް ފެނިގެންދިޔަ ޓީސީއާއި އީގަލްސް ބައްދަލުކުރި މެޗު ނިމުނީ 4-4ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މެޗުގެ ހަތްވަނަ މިނެޓުގައި އީގަލްސްގެ ފުރަތަމަ ލަނޑުޖަހައި، ލީޑު ނަގައިދިނީ ޓީމުގެ ކެޕްޓަން، އަހުމަދު ރިޒްވާން (ރިޒޭ)އެވެ. ނަމަވެސް މާ ގިނަ އިރުތަކެއް ނުވަނީސް ޓީސީން އެއްވަރުކުރިއެވެ. މެޗުގެ 17 ވަނަ މިނެޓުގައި ޓީސީއަށް ލަނޑު ޖަހައިދިނީ މުހައްމަދު ސާދު ނިޒާރެވެ. އެ ލަނޑާއެކު ޓީސީއަށް އިތުރު ހިތްވަރެއްލިބި، މެޗުގެ 22 ވަނަ މިނެޓުގައި ހައިޝަމް ރަޝީދު ލަނޑު ޖަހައި، ޓީސީއަށް ކުރިހޯދައިނެވެ. ޓީސީއިން ކުރިހޯދުމާއެކު، އީގަލްސުން އިތުރަށް ކުޅުން ރަނގަޅުކޮށް، 26 ވަނަ މިނެޓުގައި ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އެ ލަނޑު އީގަލްސަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އިވާން ކާލޯސްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-2ން އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައި، 49 ވަނަ މިނެޓުގައި ޒަޔާން ނަސީރުގެ ލަނޑާއެކު އަނެއްކާވެސް ޓީސީން ލީޑު ނެގިއެވެ. އޭގެފަހުން މެޗުގެ 57 ވަނަ މިނެޓުގައި އައިހަމް ހަމްދޫން ލަނޑެއް ޖަހައި ޓީސީއަށް ލީޑު ފުޅާކޮށްދިނެވެ. ޓީސީން ދެ ލަނޑުގެ ލީޑެއް ނެގިނަމަވެސް، އީގަލްސުން ފަހުން ކުޅުން ރަނގަޅުކޮށްފައިވެއެވެ. މެޗުގެ 77 ވަނަ މިނެޓުގައި ރިޒޭ ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. މެޗުގެ 90 މިނެޓު ހަމަވާން ދެ މިނެޓަށް ވެފައިވަނިކޮށް އީގަލްސަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހީމް މަހުދީ ހަސަން (ފޭދޫ އިއްބެ)އެވެ.

އީގަލްސާ ޓީސީ ބައްދަލުކުރި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ޓީމުގެ ފަރާތުންވެސް ދެއްކި ގިނަ ވާހަކަތައް ދަނޑުމަތިން ފެނުނެވެ. އީގަލްސްގެ އެސިސްޓެންޓް ކޯޗު، މުއާވިޔަތު އިލްހާމް ވަނީ ރިޒޭއަށް ތައުރީފުކޮށް، ރިޒޭއަކީ މުޅި އީގަލްސްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އިވާންގެ ފަރާތުން ލަނޑެއް ފެންނާނެކަމަށް އުއްމީދުކުރާކަމަށް މުއާވިޔަތު ވަނީ ބުނެފައެވެ. މީގެއިތުރުން ޓީސީގެ އެސިސްޓެންޓް ކޯޗު އަހުސަން ރަޝީދު (ޗޭ) ބުނީ، ޓީސީން ނިކުންނާނީ ގިނަ ލަނޑުތަކެއް ޖަހަން ކަމަށެވެ. މެޗު ނިމުނުއިރު، ރިޒޭގެ ދެ ލަނޑުގެ އިތުރުން އިވާންގެ ލަނޑެއް ފެނިފައިވާއިރު، ޓީސީން ވަނީ ހަތަރު ލަނޑު ޖަހާފައެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ޓީސީއާއި އީގަލްސް ބައްދަލުކުރި މެޗަށްފަހު، އީގަލްސް ވަނީ ހަތް ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ޓީސީ އޮތީ ހަތަރު ޕޮއިންޓާއެކު ހަތަރު ވަނާގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
50%
0%
0%
0%
0%
50%
ކޮމެންޓް