ކ. މާލެ
|
17 މެއި 2023 | ބުދަ 16:13
މާލެ ސަރަހައްދުގައި ހިނގާފައިވާ ބައެއް ނުރައްކާތެރި އެކްސިޑެންޓްތައް
މާލެ ސަރަހައްދުގައި ހިނގާފައިވާ ބައެއް ނުރައްކާތެރި އެކްސިޑެންޓްތައް
ރާއްޖެއެމްވީ
އެކްސިޑެންޓްތައް ގިނަވުން
އެކްސިޑެންޓްތައް ވަނީ ގިނަ، ކޮން ބައެއްގެ އިހުމާލެއް؟
 
މަގުމަތި ބޭނުންކުރުމުގައި ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކުރަންޖެހޭ
 
ނިމިދިޔަ ރަމަޟާންމަހު މާލެ ސަރަހައްދުގައި 321 އެކްސިޑެންޓް ހިނގާފައިވޭ
 
ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން ހިނގާ އެކްސިޑެންޓްތައް ގިނަ

އަމާން ރައްކާތެރި މަގުމައްޗެއްގައި ހިނގާލާ ދުއްވާލަން ކޮންމެ މީހަކު ވެސް ބޭނުންވާނެއެވެ. އެކަމަށް އުންމީދު ވެސް ކުރާނެއެވެ. ބޭރަށް ނުކުމެ، އެކްސިޑެންޓެއް ނުވަތަ އަނިޔާއެއްވާކަށް އެކަކު ވެސް ބޭނުމެއް ނުވާނެއެވެ. މީގެ އިތުރުން އެއަމާންކަމާއި ރައްކާތެރިކަން އާންމު ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ކަމާގުޅޭ އިދާރާތަކުން ވެސް ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެފަހު ޓެކްނޮލޮޖީ ބޭނުން ކޮށްގެން ވެސް މައްސަލަތައް ހައްލު ކުރުމަށް އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މަގުމައްޗަކީ އެންމެނަށް ވެސް އަމާން ރައްކާތެރިތަނަކަށް ހެދުމަށް ފުލުހުން މަސައްކަތް ކުރަމުންދާއިރު، މަގުމައްޗާއި ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތައް ވެސް އެކުލަވާލައި ތަންފީޒު ކުރާ މައިގަނޑު އެއްސަބަބަކީ އާއްމު ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. ނަމަވެސް މި މަސައްކަތުގެ އެކަށީގެންވާ ނަތީޖާއެއް އާއްމު ރައްޔިތުންގެ އެއްބާރުލުމާއި ނުލައި ނުފެންނާނެކަން ޔަގީނެއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓްރެފިކް ފުލުހުން ހިންގާ އެކިއެކި ހަރަކާތްތަކުގައި ޓްރެފިކް ގާނޫނާއި ގަވާއިދުތަކާއި ޚިލާފަށް އުޅަނދުތައް ދުއްވުމުގެ މައްސަލަތައް ފާހަގަކުރެވެއެވެ. އެގޮތުން ދުއްވަންޖެހޭ ސްޕީޑަށްވުރެ ބާރަށް ދުއްވުމާއި، އުޅަނދުތަކުގެ ޓެއިލް ލައިޓް ނުދިއްލި ނުވަތަ ލައިޓް އަނދާފައި ހުރުމާއި، އުޅަނދުތަކުގެ ނަންބަރު ބޯޑު ހަލާކުވެފައި ހުރުމާއި، ނަންބަރު ބޯޑު ލެމިނޭޓްކޮށްފައި ހުރުމާއި، ޒޯން ބަދަލުނުކޮށް ދުއްވުން ފަދަ މައްސަލަތައް ހިމެނެއެވެ.

ފުލުހުން ދަނީ ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ދުއްވާ އުޅަނދުތައް ހުއްޓުވައި ފިޔަވަޅު ވެސް އަޅަމުންނެވެ. ނަމަވެސް ފުލުހުން ކުރާ ޖޫރިމަނާއަކުން ނުވަތަ ވެހިކަލް ހިފެހެއްޓުމުން މައްސަލަ އާއި ކުރިމަތިވެދާނެ ނުރައްކަލަށް ހައްލެއް ލިބޭނެތޯ މިއީ އުފެދޭ ސުވާލެކެވެ. މިފަހުން މާލެ ސަރަހައްދުގައި ހިނގާ އެކްސިޑެންޓްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. ޚާއްސަކޮށް ޒުވާނުންނަށްޓަކައި ތަރައްގީ ކުރަމުންދާ ހުޅުމާލޭގައި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރެއެވެ. މިފަހުން ހިނގި އެކްސިޑެންްޓްތަކުގައި މީހުންގެ ފުރާނަ ވެސް ވަނީ ގެއްލިފައެވެ.

މިނިމިގެންދިޔަ ރަމަޟާން މަހު ހިނގާފައިވާ އެކްސިޑެންޓްތަކަށް ބަލާއިރު، މާލޭގައި 186 އެކްސިޑެންޓެއް ހިނގާފައިވެއެވެ. ހުޅުލެ، ހުޅުމާލޭގައި 135 އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި އަތޮޅުތެރޭގައި 22 އެކްސިޑެންޓެއް ހިނގާފައިވެއެވެ. މީގެ އިތުރުން ވެސް ރޯދަ މަސް ނިމިގެން މިދިޔަ ދުވަސްތަކުގެ ތެރޭގައި ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިނގާފައިވެއެވެ.

މާލެ ސަރަހައްހަދުގައި އުންމީދު ނުކުރާ ގޮތަށް ވެސް ނުރައްކާތެރި އެކްސިޑެންޓްތައް ވަނީ ހިނގާފައެވެ. އެގޮތުން ހުޅުލެ ހައިވޭގައި ވެހިކަލް ކަހާލައިގެން ދުއްވާފައި އަންނަ އެހެން ވެހިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައިވެއެވެ. އަދި ހެލްމެޓް ނައްޓައިގެން ދިއުމާއި، ވިއްސާރަ ކޯޓުގެ ސަބަބުން ވެސް އެކްސިޑެންޓްތައް ހިނގާފައިވެއެވެ. ގިނަ އެކްސިޑެންޓްތަކުގައި ވެހިކަލް ދުއްވާފައި ވަނީ ދުއްވަން ޖެހޭ ސްޕީޑަށްވުރެ ބާރު ސްޕީޑްގައެވެ. އަޅައިގެން ހުންނަ ހެލްމެޓް ނުވަތަ ލައިގެން ހުންނަ ވިއްސާރަ ކޯޓުގެ ސަބަބުން އެކްސިޑެންޓެއް ހިނގާފާނެ ކަމަށް އެކަކު ވެސް އުންމީދެއް ނުކުރާނެއެވެ. ނަމަވެސް ފަރުވާ ކުޑަކުރެވޭ މިފަދަ އަމަލުތަކުގެ ސަބަބުން ގިނަ ބައެއްގެ ފުރާނަ ނުރައްކަލަކަށް ހުށަހެޅިގެން ދިއުމަކީ ވަރަށް ދެރަކަމެކެވެ.

ދުއްވަންޖެހޭ ސްޕީޑަށް ވުރެ ބާރު ސްޕީޑްގައި ދުއްވާ މައްސަލަ ވެސް ހައްލުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސްޕީޑް ގަން ބޭނުން ކޮށްގެން 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބްރިޖާއި ހުޅުލެ ހައިވޭގައި ބާރު ސްޕީޑްގައި ދުއްވާ މީހުން މޮނިޓަރ ކުރުމުގެ މަސައްކަތް ފުލުހުން ފެށިއެވެ. އަދި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސްޕީޑް ކެމެރާ ބޭނުންކޮށްގެން އެސަރަހައްދު މޮނިޓަރ ކުރުމުގެ މަސައްކަތް ފެށިއެވެ. ނަމަވެސް ސްޕީޑް ގަން އަދި ސްޕީޑް ކެމެރާ ބޭނުންކޮށްގެން މީހުން ޖޫރިމަނާކޮށް ރަޝީދު ފޮނުވުމުގެ ބާރެއް ފުލުހުންނަށް ގާނޫނުން ދީފައިނުވެއެވެ. އެހެންކަމުން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މި މަސައްކަތުގެ ރަނގަޅު ނަތީޖާއެއް ނުފެނެއެވެ.

ބޭރުގެ ގައުމުތަކުގައި ސްޕީޑް ގަން އަދި ސްޕީޑް ކެމެރާ ބޭނުންކޮށްގެން މީހުން ޖޫރިމަނާކޮށް ރަޝީދު އެމީހަކަށް ފޮނުވައެވެ. އެގައުމުތަކުގައި ޚާއްސަ ނިޒާމެއްގެ ތެރެއިން އެ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގައި ވެސް މިފަދަ ނިޒާމެއް ގާއިމްކޮށް، ފުލުހުންނަށް އެބާރު ދޭން ޖެހެއެވެ. މިއަދުގެ ހަލާތަށް ބަލާއިރު، ފުލުހުންނަށް ބާރެއް ނެތް ނަމަވެސް ދުއްވާ މީހުންގެ އަދަދު އިތުރުވެ، ވެހިކަލްގެ އަދަދުތައް ދަނީ އިތުރުވަމުންނެވެ. މާލެސަރަހައްދުގެ އާބާދީ ވެސް ދަނީ އިތުރުވަމުންނެވެ. އަދި އެކްސިޑެންޓްތައް ވެސް ދަނީ ގިނަވަމުންނެވެ. އެހެންކަމުން މިކަމަށް އަވަސް ހައްލެއް ހޯދާ ގާނޫނު އޮނިގަނޑު އެކުލަވާލައި ފުލުހުންނަށް އެބާރު ދޭންޖެހެއެވެ.

މީގެ އިތުރުން މަގުމަތި ބޭނުންކުރުމުގައި ކޮންމެ މީހަކު ވެސް ފަރުދީ ޒިންމާ އަދާކުރަންޖެހެއެވެ. އެކްސިޑެންޓްތައް މަދުކުރުމަށް އެންމެން އެކުވެ މަސައްކަތް ކުރަންޖެހެއެވެ. އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާއި ހެދިފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަންކަން ފުރިހަމަކުރުމަށްފަހު އުޅަނދުތައް ދުއްވުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހެއެވެ. ތިމާގެ އަމިއްލަ ސަލާމަތަށާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
18 މެއި 2023 | ބުރާސްފަތި 09:37
ވިލީ
ދުއްވާ މީހާގެ ޒިންމާ، ކޮންމެ މީހަކުވެސް ގާނޫނާ ގަވާއިދާ އެއްގޮތަށް ތިމާ އާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނަިގެން ދުއްވީމަ ރަނގަލހުވާނެ، އެކަމަކު އެއްބަޔަކު އެއާ ޚިލާފުވާނަމަ އެންމެނަށް އެކަމުގެ ނުރައްކާ ބޮޑު.