ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން ރައީސް މައުމޫން މާކުރިންވެސް ރޭވިކަމަށް މުއްދު ބުނަނީ ވަޒީފާއަށްޓަކައި ކަމަށް ބުނެ މުންދު އެ ދެއްކި ވާހަކަތައް ރައީސް މައުމޫނުގެ އޮފީހުން ކުށްވެރިކޮށްފިއެވެ.
ރައީސް މައުމޫނުގެ އޮފީހުން މި ވާހަކަތައް ކުށްވެރިކޮށްފައިވަނީ އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އިންތިޚާބީ ރައީސް އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި ބެހޭގޮތުން ޤައުމީ ޓީވީ ޕްރޮގްރާމެއްގައި ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފް ދެއްކި ވާހަކަތަކާއި ބެހޭ ގޮތުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ދެހާސްތޭރަވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން ޕީ.ޕީ.އެމް ގެ ޕްރައިމަރީ ކާމިޔާބު ކުރުމުން، އެމަނިކުފާނާއި ޕާޓީގެ ރިޔާސީ ޓިކެޓު ޕާޓީގެ ރައީސް ހަވާލު ކުރިކަމަށާއި ރިޔާސީ އިންތިޚާބު ޕީ.ޕީ.އެމް ގެ ކެންޑިޑޭޓު ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ކާމިޔާބުކޮށްދިނުމަށް ރައީސް މައުމޫނާއި އެމަނިކުފާނުގެ އާއިލާއިން ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައި ކަމަށެވެ.
ޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފަށް ޕާޓީގެ ކަންކަން ހިނގަމުން ދާންފެށުމުންނާއި ސަރުކާރުގެ ތެރޭގައި ޤާނޫނު އަސާސީ ގެ ބޭރުން އެތައް ކަމެއް ހިނގަމުން ދިޔުމުން، އެކަންކަން ހައްލުކުރުމަށް ރައީސް މައުމޫން ވަނީ ޕާޓީގެ ތެރެއިން މަސައްކަތް ކުރައްވާފައި ކަމަށާއި އެކަމަށް މަސައްކަތް ފެއްޓެވުމުން ރައީސް މައުމޫނާއި އެމަނިކުފާނާއެކު އިސްލާހަށް މަސައްކަތް ކުރި ބޭފުޅުން ޕާޓީން ކަނޑާލުމަށްޓަކައި ވަނީ މަސައްކަތް ކޮށްފައިކަމަށެވެ.
މުންދުގެ ވާހަކަގައި ރައީސް މައުމޫން މާކުރިންވެސް ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރަން ރޭއްވިކަމަށް ބުނުމުން އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި އޭނާގެ ވާހަކަތަކަކީ މަޤާމުގެ ދިފާޢުގައި ދައްކާ ވާހަކަތަކެއް ކަމަށް ދެކޭކަމަށެވެ. އަދި އެ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް މައުމޫނާއި ގުޅިފައިވާ ޕާޓީތަކުން މިހާރު ފަށައިގެން ކުރިއަށް ގެންދާ އިސްލާހީ މަސައްކަތްތަކަކީ މިފަދަ މަޖުބޫރުކުރުންތަކުން، މިނިވަން މުއައްސަސާތަކާއި ޤައުމުގެ ރައްޔިތުން ސަލާމަތް ކުރުމަށް ކުރާ މަސައްކަތްތެއްކަމަށެވެ. އަދި މިއީ ދިވެހި ލޮބުވެތި ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރާ ޤައުމީ މަސައްކަތެއްކަމަށެވެ.