ކ. މާލެ
|
17 މެއި 2023 | ބުދަ 08:06
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ސިޓީއާ ދެކޮޅަށް ނުކުންނަން ރެއާލް އޮތީ އެންމެ ވަރުގަދަޔަށް: އަންޗެލޮޓީ
 
މެޗަަށް ނުކުންނައިރު ރެއާލްގައި އޮތީ ވަރަށް ވަރުގަދަ ހިތްވަރެއް ކަމަށް އަންޗެލޮޓީ ބުނި

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނުކުންނަން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑު އޮތީ އެންމެ ވަރުގަދަޔަށް ތައްޔާރަށް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ މިހެން ބުނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި އެ ޓީމާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަމުންނެވެ. އަންޗެލޮޓީ ބުނީ މެޗަށް ކުރިމަތިލާއިރު ރެއާލްގައި އަނިޔާގެ މާ ބޮޑު މައްސަލައެއް ނެތް ކަމަށެވެ. އަދި އެންމެ ފަހުން ސެޕްނިޝް ލީގުގައި ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުގައި ގިނަ ކުޅުންތެރިންނަށް އަރާމު ކުރަން ފުރުސަތު ދިނީ ކުރިއަށް އޮތް މެޗަށް ވިސްނާފައި ކަމަށާއި ރެއާލުން އެ މެޗަށް ނުކުންނާނީ ވެސް އިތުބާރާއެކު ކަމަށެވެ. އެ މެޗަަށް ނުކުންނައިރު ރެއާލްގައި އޮތީ ވަރަށް ވަރުގަދަ ހިތްވަރެއް ކަމަށް އަންޗެލޮޓީ ބުންޏެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ އޭނާގެ ޓީމު އޮތީ ހިތްހަމަ ޖެހޭ ފެންވަރެއްގައި ތައްޔާރަށް ކަމަށެވެ. ޚާއްސަކޮށް ފާލަންޑް މެންޑީ ވެސް އަނިޔާ އިން އެނބުރި އައިސް، ރަނގަޅު ކުޅުމެއް ދެއްކި ކަމަށް އޭނާ ފާހަގަ ކުރި އެވެ. އެހެންކަމުން ބުދަ ދުވަހުގެ ރޭ އޮންނަ މެޗަށް ރެއާލުން ނުކުންނާނީ ހުރިހާ ކުޅުންތެރިން އެންމެ ފުރިހަމަ އަށް ތައްޔާރަށް ތިބެ، ކުރަން ޖެހޭ މަސައްކަތް ރަނގަޅަށް އެނގިގެން ކަމަށް އޭނާ ބުންޏެވެ. އަނިޔާ އިން އެނބުރި އައި މެންޑީ އާއި އެޑާ މިލިޓާއޯ ސިޓީއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ވަރަށް ބޮޑުކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، އޭނާގެ އިތުބާރު އަބަދު ވެސް ކުޅުންތެރިންނަށް އޮންނާނެ ކަމަށެވެ.

އަހަރަމެން މިތިބީ ބުދަ ދުވަހުގެ މެޗަށް ފުރިހަމަ އަށް ތައްޔާރަށް، ހުރިހާ ކުޅުންތެރިން ވެސް. މުޅި ޓީމު ވެސް އޮތީ ވަރަށް ފިޓުކޮށް، ކުރަން ޖެހޭ ކަންކަން އަހަރަމެންގެ ކުޅުންތެރިންނަށް އިނގޭނެ.
ކާލޯ އަންޗެލޮޓީ / ރެއާލްގެ ކޯޗު

މީގެ އިތުރުން އަންޗެލޮޓީ ބުނީ، ރެއާލުން ކުޅޭނީ ނަތީޖާ ނެރުމަށް ކަމަށެވެ. އެކަމަކު ވެސް ރެއާލުން ޑިފެންސްގައި ވަރަށް ބޮޑަށް ސަމާލުވާނެ ކަމަށާއި، ފުރަތަމަ ލެގުގައި ވެސް ޓީމުގެ ޑިފެންސް އަދި ގޯލް ކީޕަރު މޮޅު ކުޅުމެއް ދެއްކިކަން އޭނާ ފާހަގަ ކުރި އެވެ. އޭގެ އިތުރުން ރެއާލަށް ކުޅެމުން އަންނަ ޖަރުމަނުގެ ޑިފެންޑަރު ޓޯނީ ރޫޑިގާ ވެސް ސިޓީ މެޗަށް ފިޓުވާނެ ކަމަށާއި ރޫޑިގާ އަށް ވެސް ރެސްޓު ދިނީ ދެ ވަނަ ލެގުގައި އޭނާ މުހިންމުވާނެކަން އެނގޭތީ ކަމަށެވެ.

މި ދެ ޓީމު ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ސިޓީގެ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު ފަށާނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
50%
0%
0%
0%
50%
ކޮމެންޓް