ކ. މާލެ
|
17 މެއި 2023 | ބުދަ 07:58
ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބުވުމުގެ އުފާ ފާޅުކުރަނީ
ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބުވުމުގެ އުފާ ފާޅުކުރަނީ
ރޮއިޓާސް
ބާސެލޯނާ
އެތައް ހާސް ސަޕޯޓަރުންނާއެކު ބާސެލޯނާ އިން އުފާ ފާޅުކުރުން ކުރިއަށް ގެންގޮސްފި
ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައި ވަނީ ލީގުގައި ބާކީ ހަތަރު މެޗު އޮއްވާ

އެތައް ހާސް ސަޕޯޓަރުންނާއެކު ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބުވުމުގެ އުފާ ފާޅުކުރުން ކުރިއަށް ގެންގޮސްފި އެވެ.

ބާސެލޯނާ އަށް ސްޕެނިޝް ލީގު ކަށަވަރުވީ އެންމެ ފަހުން އެސްޕަންޔޯލްގެ ދަނޑުގައި ކުޅުނު މެޗުން މޮޅުވެގެންނެވެ. މިއީ ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބު ކުރި 27 ވަނަ ފަހަރެވެ. އަދި މިއީ 2018-2019 ވަނަ ސީޒަނުގެ ފަހުން އެ ޓީމަށް ސްޕެނިޝް ލީގު ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރު ވެސް މެއެވެ. ބާސެލޯނާ އިން ވަނީ ހޯމަ ދުވަހު އެކަމުގެ އުފާ ފާޅުކުރުން ކުރިއަށް ގެންގޮސްފަ އެވެ. ކެޓަލަން ސިޓީގައި ކުރިއަށް ގެންދިޔަ އުފާ ފާޅުކުރުމުގައި ބާސެލޯނާގެ އަންހެން އަދި ފިރިހެން ޓީމުގެ ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. ބާސެލޯނާގެ އަންހެން ޓީމުން ވެސް ވަނީ ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ.

އެތައް ހާސް ސަޕޯޓަރުންނާއެކު ކުރިއަށް ގެންދިޔަ އުފާ ފާޅުކުރުމުގައި ސަޕޯޓަރުން ވަނީ އެކިއެކި ޝުއޫރު ވެސް ފާޅުކޮށްފަ އެވެ. އެގޮތުން އަލްބާޓް ނަމަކަށް ކިޔާ މީހަކު ބުނީ، އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގު ބާސެލޯނާ އިން ކާމިޔާބު ކުރުމަކީ ސަޕޯޓަރުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އޭނާ ބުނީ ފާއިތުވި އަހަރުތަކުގައި ބާސެލޯނާ ތަހައްމަލު ކުރި ހިތްދަތި ދުވަސްތައް ވެސް ފެނިފައިވާ ކަމަށާއި، އެހެން ނަމަވެސް މިހާރު ބާސެލޯނާގައި އޮތީ މުޅިން އުފާވެރިކަން ކަމަށެވެ. ޚާއްސަކޮށް ސްޕެނިޝް ލީގު ކާމިޔާބު ކުރެވުމަކީ އެ ހިތްދަތިކަން ނައްތާލަން ލިބުނު އުފަލެއް ކަމަށް އޭނާ ދެކެ އެވެ.

މީހެ އިތުރުން ހެލީނާ ރާމޯސް ނަމަކަށް ކިޔާ ސަޕޯޓަރަކު ބުނީ، ބާސެލޯނާގެ ކުޅުންތެރިން އުފަލުގައި ތިބޭތަން ފެނުމަކީ ވެސް ސަޕޯޓަރުންނަށް ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އަބަދުވެސް ބާސެލޯނާގެ ކުޅުންތެރިން މަސައްކަތް ކުރާނީ ސަޕޯޓަރުންނާއި މުޅި ކުލަބު އުފާ ކޮށްދިނުމަށެވެ. އެހެންކަމުން ސްޕެނިޝް ލީގާއެކު ސަޕޯޓަރުންނަށް އުފާވެރިކަން އައިސްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަަނުގައި ވެސް ބާސެލޯނާ އިން ގިނަ ކާމިޔާބީތަކެއް ހޯދާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ބުންޏެވެ.

ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބު ކޮށްފައި ވަނީ ލީގުގައި ބާކީ ހަތަރު މެޗު އޮއްވަ އެވެ. ލީގުގައި މިހާތަނަށް އެ ޓީމު 34 މެޗު ކުޅެފައިވާއިރު، ލިބިފައި ވަނީ 84 ޕޮއިންޓެވެ. ފަހަތުން ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައި ވަނީ 71 ޕޮއިންޓެވެ. ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބު ކުރުން އެންމެ ޚާއްސަވާނެ އެއް ކުޅުންތެރިޔަކީ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އެވެ. މިއީ ބާސެލޯނާގެ ކެޕްޓަން ބޭންޑު ބުސްކެޓްސް އަށް ލިބުނު ފަހުން އެ ޓީމުން ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ.

- ކޮމެންޓް