ޗެމްޕިއަނުންނަށް ވާން ބަލާއިރު ލިބޭ އެންމެ ޕޮއިންޓަކީވެސް ވަރަށް ބޮޑު އެއްޗެއް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗް މާޔަން ސެކުލޮސްކީ ބުނެފިއެވެ.
އެސްޓީއޯ މާލެ ލީގުގައި އާދީއްތަ ދުވަހު ހަވީރު، އެންމެ ފުލުގައި އޮތް ވެލެންސިއާ އަތުން މާޒިޔާ ޕޮއިންޓަކުން ފުއްދާލަން ޖެހުނު މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ސެކުލޮސްކީ ބުނީ، މާލެ ލީގުގައި އެންމެ ފުރަތަމަ ކަނޑައެޅި އަމާޒަކީ ގަދަ 4 ގައި ހިމެނި ޕްރެމިއާ ލީގަށް ކޮލިފައިވުން ކަމަށާއި އެކަން ހާސިލް ވެއްޖެ ކަމަށެވެ. އަދި އެއްވަނާގައި އޮވެ މާލެ ލީގުގެ ޗެމްޕިއަންކަން ހޯދަން މަސައްކަތް ކުރާއިރު ލިބޭ އެންމެ ޕޮއިންޓަކީވެސް ވަރަށް ބޮޑު އެއްޗެއް ކަމަށް ކޯޗު ބުންޏެވެ.
މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ސެކުލޮސްކީ ބުނީ ނަތީޖާ އާއި މެދު މުޅިން ހިންހަމަ ނުޖެހޭ ކަމަށާއި، މެޗަށް ނިކުތީ 3 ޕޮއިންޓް ހޯދަން ކަމަށެވެ. ސެކުލޮސްކީ ބުނީ މެޗުގައި މާޒިޔާގެ ކުޅުންތެރިން ވަރަށް މަސައްކަތް ކުރި ކަމަށާއި، ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި ލަނޑެއް ކާމިޔާބު ކުރެވޭގޮތް ނުވީ ކަމަށެވެ.
އިތުރަށް ވާހަކަ ދައްކަމުން ސެކުލޮސްކީ ބުނީ، ހުއްޓުމެއްނެތި 6 މަސް ދުވަހު ފުޓުބޯޅަ ކުޅުމަކީ އެއްވެސް ކުޅުންތެރިއަކަށް ފަސޭހަ ކަމެއް ނޫން ކަމަށާއި، އެހެންކަމުން މާޒިޔާގެ ކުޅުންތެރިން ކުރަމުންދާ ހިތްވަރަށް ސާބަސްދޭ ކަމަށެވެ. ކޯޗު ބުނީ ލީގުގައި ކުޅޭ އެހެން ޓީމުތަކަށް މެޗެއް ކުޅުމަށްފަހު އަރާމުކޮށް އަނެއް މެޗަށް ތައްޔާރުވާން ރަނގަޅަށް ވަގުތު ލިބުނު ކަމަށާއި، ނަމަވެސް މާޒިޔާއިން ލީގުގެ ދެވަނަ ބުރާއި ހަމައަށް އައީ އެ ފުރުސަތު ނުލިބި ކަމަށެވެ. އެހެންކަމުން އޭގެ އަސަރު ޓީމަށް ކުރާނެކަން މީގެ ކުރިންވެސް ފާހަގަ ކޮށްފައި ވާނެ ކަމަށާއި، ދެވަނަ ބުރުގައި މާޒިޔާއަށް މާ އެދެވޭ ނަތީޖާތަކެއް ނުނެރެވޭ މައިގަނޑު ސަބަބަކީ އެއީ ކަމަށްވެސް ކޯޗު ބުންޏެވެ.
މާޒިޔާއިން މިހާތަނަށް ލީގުގައި 12 މެޗު ކުޅެފައި ވާއިރު އެޓީމު އެއްވަނާގައި އޮތީ 26 ޕޮއިންޓް ހަމަކޮށްގެނެވެ. ދެވަނާގައި އޮތް ނިއުރޭޑިއަންޓާއި އެޓީމާއި ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ. ނިއުވެސް ލީގުގައި މިހާތަނަށް 12 މެޗު ކުޅެފައި ވާއިރު އެޓީމަށް ލިބިފައިވަނީ 25 ޕޮއިންޓެވެ.