ކ. މާލެ
|
16 މެއި 2023 | އަންގާރަ 00:31
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ހާސިލުކުރި ދަރިވަރަށް ސްކޮލަރޝިޕް ހަވާލުކޮށްދެއްވަނީ
ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕް ހާސިލުކުރި ދަރިވަރަށް ސްކޮލަރޝިޕް ހަވާލުކޮށްދެއްވަނީ
ރައީސް އޮފީސް
ރައީސް ދެއްވާ ޚާއްޞަ ސްކޮލާރޝިޕް
ތަޢުލީމީ ދާއިރާއިން ފަހިކޮށްދޭ ފުރުޞަތުތަކުގެ އަމާޒަކީ ޤައުމީ ޒިންމާތައް އުފުލަން ތައްޔާރަށް ތިބި ޒުވާނުންތަކެއް އުފެއްދުން: ރައީސް
މި އަހަރު ހުޅުވައިލި ލޯނުގެ 720 ފުރުޞަތަށް 1507 ދަރިވަރުން ކުރިމަތިލާފައިވޭ
ހިލޭ ޑިގްރީ ޕްރޮގްރާމަކީ، ދަރިންނަށް މަތީ ތަޢުލީމު ދިނުމަށްޓަކައި ރާއްޖޭގައި މިހާތަނަށް ފެށި އެންމެ ބޭނުންތެރި ޕްރޮގްރާމް

ތަޢުލީމީ ދާއިރާއިން ފަހިކޮށްދޭ ފުރުޞަތުތަކުގެ އަމާޒަކީ ޤައުމަށް ބޭނުންތެރި އަދި ޤައުމީ ޒިންމާތައް އުފުލަން ތައްޔާރަށް ތިބި ޒުވާނުންތަކެއް އުފެއްދުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕް ޙަވާލުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ކުދިންނަށް ކިޔަވައިދިނުމަށް، އަދި މަތީ ތަޢުލީމާއި ތަމްރީނު ހޯދައިދިނުމަށް، ސަރުކާރުން ދޭ އެހީތަކަކީ، ދައުލަތުން ކުރާ ޚަރަދުތަކެއް ނޫންކަމަށެވެ. އެއީ އޭގެ އަންދާޒާ މުޤާބިލު ވަރަށް ބޮޑު، އަދި ވަރަށް ދުރު ރާސްތާއަކަށް އަމާޒުކޮށް، ދައުލަތުން ޤާއިމުކުރާ ވަރަށް އަގު ބޮޑު އިންވެސްޓްމެންޓެއް ކަމަށާއި އޭގެ ހެޔޮ ނަތީޖާ، އެތައް އަހަރަކަށް ލިބެމުންދާނެ، ވަރަށް އަގުހުރި މަސައްކަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އާބާދީގެ 37 އިންސައްތައަށް ވުރެ މަތީ ނިސްބަތަކީ ޒުވާނުންކަމަށެވެ. ރާއްޖޭގެ ރަސްމީ ތަޢުލީމުގެ މުޅި ތާރީޚަށް ބަލާއިރުވެސް، މަތީ ތަޢުލީމު ޙާޞިލުކުރުމަށް މީގެ ކުރިން ދުވަހަކުވެސް ފަހިވެފައި ނެތްހާ ގިނަ ފުރުޞަތުތައް މިހާރު އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ. މިއިން ޒަމާނަކުވެސް، ބޭރު ޤައުމުތަކުން ސްކޮލަރޝިޕް ނުލިބޭ މިންވަރަށް، އަދި ނުލިބޭ އެތައް ދާއިރާއަކުން، ދިވެހި ދަރިވަރުންނަށް ބޭރު ޤައުމުތަކުން މިހާރު ސްކޮލަރޝިޕްތައް ލިބޭކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިސަރުކާރުން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަކީ، ދަރިންނަށް މަތީ ތަޢުލީމު ދިނުމަށްޓަކައި ރާއްޖޭގައި މިހާތަނަށް ފެށި އެންމެ ބޭނުންތެރި ޕްރޮގްރާމްކަމަށެވެ.

އަޅުގަނޑުމެން ހިލޭ ޑިގްރީ ޕްރޮގްރާމް ފެށީ 2019 ވަނަ އަހަރު. އޭގެ ފަހުން މިހާތަނަށް، އެ ޕްރޮގްރާމަށް 567 މިލިއަނަށް ވުރެ ގިނަ ރުފިޔާ، ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވިއްޖެ. އަދި މިހާތަނަށް 17 ހާހަށްވުރެ ގިނަ ދަރިވަރުންނަށް، ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދެވިއްޖެ. އަދި އޭގެ ތެރެއިން 6500 އަށްވުރެ ގިނަ ދަރިވަރުން މިހާރު ވަނީ ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ ދިވެހި ދައުލަތުގެ އިތުރުން، ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެހީގައިވެސް، ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމުގެ އިތުރު ފުރުޞަތުތައް މިހާރު ހޯދައިދެވޭކަމަށެވެ. އެފަދަ ސްކޮލަރޝިޕް ސްކީމްތައް އިތުރުކޮށް، މަތީ ތަޢުލީމާއި ތަމްރީނުގެ ގިނަ ފުރުޞަތުތަކެއް މިހާރުވެސް ހުރީ ތަނަވަސްކުރެވިފައިކަމަށް ރައީސް ވިދާޅުވިއެވެ.

ހިލޭ ޑިގްރީ އާއި ސްޓޫޑެންޓް ލޯން ސްކީމް ނުހިމަނައި، ދައުލަތުގެ ޚަރަދުގައްޔާއި ރަޙްމަތްތެރި ޤައުމުތަކުގެ އެހީގެ ދަށުން، ތަފާތު 25 ޤައުމެއްގައި، އެކި ސްކޮލަރޝިޕްތަކުގައި 418 ދަރިވަރުން މިހާރުވެސް މަތީ ތަޢުލީމާއި ތަމްރީނުގެ ޕްރޮގްރާމްތައް ކުރިއަށް އެބަ ގެންދޭ. މިފަދަ ސްކޮލަރޝިޕްތަކަށް މިހާތަނަށް މި ސަރުކާރުން 528 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިއްޖެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ ލޯނު އެހީގެ ދަށުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމުގެ ފުރުސަތުތައް ވެސް ކުރިއާ އަޅައި ބަލާއިރު، މިހާރު ވަރަށް ބޮޑުތަން ވަނީ އިތުރުކުރެވިފައިކަމަށެވެ. މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު، 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް 6 ފަހަރަކު ހުޅުވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެ 6 ފުރުޞަތުގައި ކުރިމަތިލި، 1986 ދަރިވަރަކަށް މިހާރު ވަނީ ލޯނުގެ އެހީ ދެވިފައި. މި ދެންނެވި 1986 ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ކިޔެވުން މިހާރު ނިންމައިފި. އަދި މިހާރުވެސް 831 ދަރިވަރުން އެކި ޕްރޮގްރާމްތައް ފުރިހަމަކުރަމުން އެބަގެންދޭ. އަދި ބައެއް ދަރިވަރުން މިހާރު ތިބީ ކިޔެވުން ފަށަންވެސް ވެފައި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

މި އަހަރު ހުޅުވައިލި ލޯނުގެ 720 ފުރުޞަތަށް 1507 ދަރިވަރުން ކުރިމަތިލާފައިވާކަމަށާއި މިހާރު ކުރިއަށް ދަނީ އެ ކުދިންގެ ހުށަހެޅުންތައް ވަޒަންކުރުމުގެ މަރުޙަލާކަމަށް ރައީސް ވިދާޅުވިއެވެ. ސްޓޫޑެންޓް ލޯނު ސްކީމަށް ގެނައި ބަދަލުތަކުގެ ދަށުން، ލޯނު އެހީގެ ގޮތުގައި މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

- ކޮމެންޓް