ކ. މާލެ
|
15 މެއި 2023 | ހޯމަ 22:42
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
ރައީސް ދެއްވާ ޚާއްޞަ ސްކޮލާރޝިޕް
މެރިޓް ސްކޮލާރޝިޕްގެ ނަމުގައި އައު ސްކޮލާރޝިޕް ސްކީމެއް މިއަހަރު ފަށާނެ: ރައީސުލްޖުމްހޫރިއްޔާ
 
މެރިޓް ސްކޮލާރޝިޕް ލިބޭނީ، ރައީސްގެ ޚާއްޞަ އެވޯޑާއި ހައި އެޗީވަރސް ސްކޮލާރޝިޕްގައި ނުހިމެނޭ ދަރިވަރުންނަށް
 
ހައި އެޗީވަރސް ސްކޮލާރޝިޕް 138 ދަރިވަރަކު ޙާޞިލުކޮށްފައިވޭ
 
17 ދަރިވަރުންނަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލާރޝިޕްގެ ލިއުން ލިބުނު

މެރިޓް ސްކޮލަޝިޕްގެ ނަމުގައި އައު ސްކޮލާރޝިޕް ސްކީމެއް މިއަހަރު ފެށުމަށް ޤަޞްދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޢުމަރު ޒާހިރު އޮފީސް އިމާރާތުގައި ބޭއްވި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕް ޙަވާލުކުރުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މަތީ ތަޢުލީމު ޙާޞިލުކުރުމަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހުޅުވާލާ މެރިޓް ސްކޮލާރޝިޕް ލިބޭނީ، ރައީސްގެ ޚާއްޞަ އެވޯޑާއި ހައި އެޗީވަރސް ސްކޮލާރޝިޕްގައި ނުހިމެނޭ ދަރިވަރުންނަށެވެ. އަދި މިއީ އެ ދަރިވަރަކު ޔުނިވަރސިޓީގައި ފުރިހަމަކުރަން ބޭނުންވާ ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި ފާސްވާންޖެހޭ މާއްދާތަކުގެ ތެރެއިން މަދުވެގެން ތިން މާއްދާއަކުން، އޭ ސްޓާރ ހޯދާ ދަރިވަރުންނަށް ސަރުކާރުން ޚާއްޞަކުރާ ސްކޮލަރޝިޕެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ސްކީމާ ގުޅޭ އިތުރު ތަފްޞީލުތައް، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ވަރަށް އަވަހަށް އިޢުލާންކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިފަދަ ފުރުޞަތުތައް ފަހިކޮށްދީގެން އަޅުގަނޑުމެން މަސައްކަތް މި ކުރަނީ، ދިވެހި ދަރިވަރުންގެ ސިކުނޑިތައް ޒަމާނީ ތަޢުލީމުން ތަރައްޤީކުރަން. ސްކޮލާރޝިޕްތަކާ، ލޯނު ސްކީމްތަކާ، އެވޯޑްތަކުގެ ޙަޤީޤީ މަޤްޞަދަކީ އެއީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަތީ ތަޢުލީމު ޙާޞިލުކުރުމަށް މީގެ ކުރިން ދުވަހަކުވެސް ފަހިވެފައި ނެތް މިންވަރަށް ފުރުޞަތުތަކާއި، މިއިން ޒަމާނަކުވެސް ބޭރު ޤައުމުތަކުން ސްކޮލާރޝިޕް ނުލިބޭ މިންވަރަށް، އަދި ނުލިބޭ އެތައް ދާއިރާއަކުން، ސްކޮލާރޝިޕްގެ ފުރުޞަތު މިހާރު ފަހިވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ތަޢާރަފްކުރި ހިލޭ ޑިގްރީ ޕްރޮގްރާމާއެކު، ފުދުންތެރިކަން ނެތް ޢާއިލާތަކުގެ ދަރިވަރުންނަށްވެސް، އިތުރަށް ކިޔެވުމަށް މީގެ ކުރިން ނެތް މިންވަރަށް ފުރުޞަތުތައް ފުޅާވެ، އިތުރުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ދަރަޖާގައި ފާސްވި 17 ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލާރޝިޕްގެ ލިޔުން ޖަލްސާގައި އެދަރިވަރުންނާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ހައި އެޗީވަރސް ސްކޮލާރޝިޕް ޙާޞިލްކުރި 18 ދަރިވަރަކަށް ލިއުން ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މިދިޔަ ދިރާސީ އަހަރުގެ މަތީ ސާނަވީ އިމްތިޙާނުން އެންމެ މޮޅު ދަރިވަރުންގެ މަޤާމު ޙާޞިލުކޮށް، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލާރޝިޕް 17 ދަރިވަރަކު، އަދި ހައި އެޗީވަރސް ސްކޮލަރޝިޕް 138 ދަރިވަރަކު ޙާޞިލުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް