ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނެއް އަރބަންކޯއިން ތަޢާރަފްކޮށްފިއެވެ.
ސްމާޓް ޕާކިން ޒޯން އަރބަންކޯއިން ހަދާފައިވަނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދު ކައިރީގައިވާ ފިތުރޯނު ޕާކިން ޒޯންއެވެ. އަރބަންކޯއިން ބުނީ ވަރަށް އަވަހަށް މި ޒޯނުން ކާރު ޕާކު ކުރާނެ ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ސްމާޓް ޕާކިންގައި ތަފާތު ކަންކަން ހުންނާނެކަމަށް އަރބަންކޯއިން ބުނެއެވެ. މިގޮތުން، ޕާކިން ޖާގަ ކަށަވަރުކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓަރ ވިޝަން އިނޭބަލްޑް ކެމެރާއަކުން ދެނެގަނެވިގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެއެވެ. މިގޮތަށް އޮޓޮމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް އެންމެ ފަހުގެ ޓެކުނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި)، އަދި މެޝިން ލާރނިންގ (އެމް.އެލް) ބޭނުންކުރެއެވެ. މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާއެކު ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެ ހެދޭނެއެވެ. މީގެ އިތުރުން މި ޒޯނުގައި ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 24 ގަޑިއިރު ސީ.ސީ.ޓީ.ވީ ކެމެރާ މެދުވެރިކޮށް މޮނިޓަރ ކުރެވޭނެއެވެ.
ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިންގ ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެއެވެ. އަދި ކުރުމުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ޕާކިން އެޕްލިކޭޝަނެއް ވަނީ ތައްޔާރު ކުރެވިފައެވެ. މި އެޕްލިކޭޝަންގެ ސަބަބުން ކުރުމުއްދަތަކަށް ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެއެވެ. އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ މި އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެއެވެ. އަދި ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގަޔާ ހަމަޔަށް ނެވިގޭޓުކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް މި އެޕް ގެ ޒަރީއާއިން ފެންނާނެއެވެ.
ފިތުރޯނު ޕާކިންގ ޒޯނަކީ އެންމެ ފުރަތަމަ ސްމާޓް ޕާކިން ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ސްމާޓް ޕާކިންގ ޒޯންތައް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުގައި ތައާރަފު ކުރެވި ޕާކިންގެ ކަންކަމަށް އިންގިލާބީ ބަދަލެއް ގެނެވިގެން ދާނެކަމަށް އަރބަންކޯއިން ބުނެއެވެ.