މި ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުވުމުން ބާސެލޯނާ އަށް ހަމަޖެހުމާއި ހިތްހަމަޖެހުން ލިބިއްޖެ ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.
އޭނާ މިހެން ބުނީ ބާސެލޯނާ އިން އެސްޕަންޔޯލް ބަލިކުރުމަށް ފަހު ލީގު ޗެމްޕިއަންކަން ކަށަވަރު ކުރި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ޒަވީ ބުނީ އެތައް ބަޔައެއްގެ ހިތްވަރާއެކު ކާމިޔާބު މަސައްކަތެއް ކުރެވުމުން އޭނާ ވަރަށް އުފާވާ ކަމަށެވެ. ޚާއްސަކޮށް ބާސެލޯނާގެ ކުޅުންތެރިންނާއި، ކޯޗިން އޮފިޝަލުން، ޓީމުގެ ވެރިން އަދި ސަޕޯޓަރުން ވެސް ވަރަށް ދަތި، އުނދަގޫ ވަގުތުތަކެއް ހޭދަކޮށްފައިވާ ކަމަށް ޒަވީ ފާހަގަ ކުރި އެވެ. ނަމަވެސް އެކަމުން އަރައިގެނެވުނީ އާއިލާއެއްގެ ގޮތުގައި އެންމެން ކުރި ބުރަ މަސައްކަތުން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ފާހަގަ ކުރި ގޮތުގައި މި ސީޒަނަކީ ސްޕެނިޝް ލީގުގައި ބާސެލޯނާ އަށް ކާމިޔާބު ސީޒަނެކެވެ. އެހެންކަމުން އެކަން ވަރަށް ބޮޑަށް ފާހަގަ ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން ޒަވީ ބުނީ މިއީ އޭނާ އަށް ކާމިޔާބު ކުރެވުނު ސްޕެނިޝް ލީގެއް ނޫން ކަމަށެވެ. އެހެންކަމުން މިއީ ޒަވީ އަށް ޚާއްސަ ތައްޓެކޭ ބުނާ އަޑު އަހަން ބޭނުންނުވާ ކަމަށާއި، އެއީ ބާސެލޯނާ އަށް ލިބުނު ތައްޓެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭނާ ފާހަގަ ކުރި ގިތުގައި ތަށި ކާމިޔާބު ކުރުމަކީ އަބަދު ވެސް ބާސެލޯނާގެ އެންމެ ބޮޑު އަމާޒު ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ބާސެލޯނާ ދާނީ އިތުރު ކާމިޔާބީތައް ހޯދުމާ ދިމާލަށެވެ. އެހެން ނަމަވެސް ޓީމެއްގެ ގޮތުގައި ކުރިއަށް ދިޔުމަށް ބާސެލޯނާ އިން އަދިވެސް ރަނގަޅު ކުރަން ޖެހޭ ކަންކަން ހުރި ކަމަށާއި، ފާއިތުވި ދުވަސްތަކުގައި ބާސެލޯނާ އިން މަސައްކަތް ކުރީ ވިސްނުންތެރިކަމާއެކު ކަމަށެވެ. އޭނާ ބުނީ ބާސެލޯނާގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް ފެނުނީ ކޯޗުގެ ހައިސިއްޔަތުން ހިތްހަމަ ޖެހޭ ވަރުގެ މަސައްކަތެއް ކަމަށެވެ.
ކުޅުންތެރިން ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފި. އަހަރެން މިތަނުގައި މި ހުރީ އެންމެން އެކުވެގެން ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރަން އެހީވާން. އެ ކުޅުންތެރިން އެކަން ކޮށްފި ވަރަށް ރަނގަޅަށް. އަހަރެން މި ހުރީ ވަރަށް އުފަލުން އެކަމާ.ޒަވީ ހެނާންޑޭޒް / ބާސެލޯނާގެ ކޯޗު
އިތުރަށް ވާހަކަ ދައްކަމުން ޒަވީ ބުނީ، އެންމެ ފުރަތަމަ ސީޒަން ފެށިއިރު ވެސް ޓާގެޓަކީ ސްޕެނިޝް ލީގު ކާމިޔާބު ކުރުން ކަމަށެވެ. ނަމަވެސް ބާކީ ހަތަރު އޮއްވާ، 14 ޕޮއިންޓުގެ ލީޑަކުން ލީގު ކާމިޔާބު ކުރެވުމަކީ އެކަން ފުރިހަމަ އަށް ހާސިލްވުން ކަމަށް ޒަވީ ޤަބޫލު ކުރެ އެވެ. އޭނާ ބުނީ އެކަމުން ސާބިތުކޮށްދެނީ އިދިކޮޅު ޓީމުތަކަށް ވުރެ ބާސެލޯނާ މޮޅުކަން ކަމަށާއި، އެކަން ފާހަގަ ކުރަން ޖެހޭނެ ކަމަށެވެ. ޚާއްސަކޮށް ސްޕެނިޝް ލީގު ކާމިޔާބު ނުކުރެވި ހަތަރު ސީޒަން ދިޔުމަށްފަހު، މި ސީޒަނުގައި ލީގު ކާމިޔާބު ކުރުންވީ ވެސް ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ބުންޏެވެ. ޒަވީ ފާހަގަ ކުރި ގޮތުގައި މިހާރު ބާސެލޯނާ އޮތް ހިސާބަކީ ކުރިން ދިމާވި ހިތްދަތި ދުވަސްތައް ހަނދާނުން ނައްތާލެވޭނެ ހިސާބެކެވެ.
އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި ވެސް އަމާޒަކީ ކާމިޔާބު މަސައްކަތުގައި ދެމި ހުރުން ކަމަށާއި، އެކަމުގައި އޭނާ ހުންނާނީ ސާބިތުކަމާއެކު ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ބާސެލޯނާގެ މެނޭޖުމަންޓުގެ ފަރާތުން އޭނާ އަށް ބޭނުންވާ އެއްބާރުލުން ލިބެއެވެ. ހަމައެއާއެކު ކުރިއަށް އޮތް ސީޒަނުގައި އިތުރު ތަށި ކާމިޔާބު ކުރުމަށް ދޭން ޖެހޭ އެއްބާރުލުމާއި، ކުރަން ޖެހޭ ކަންކަން ކުލަބުން ކުރާނެ ކަމުގެ ޔަގީންކަން ވެސް އޮތް ކަމަށް ޒަވީ ވަނީ ބުނެފަ އެވެ.