ކޮވިޑްގެ ކުރިން ފަތުރުވެރިކަން ހުރި ހިސާބަށް މިއަހަރު ދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީގެ މެކްރޯ އިކޮނަމީ ރިޕޯޓުގައި ބުނާގޮތުން، ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުން 2023 ވަނަ އަހަރު މައްޗަށް ދާ ޓްރެޖެކްޓަރީގައި ކުރިއަށްދާނެ ކަމަށް ލަފާކުރެވޭއިރު، ޕްރީ ޕެންޑެމިކްގެ ފެންވަރު ފަހަނައަޅައި ދާނެ ކަމަށް ބެލެވޭ ކަމަށް ބުނެފައިވެއެވެ.
2023 ވަނަ އަހަރަށް އަންނަ ފަތުރުވެރިންނާއި ބެޑްނައިޓްސްގެ ލަފާތައް ތިން ހާލަތުގައި ވެސް އިތުރުކަމަށް ރިޕޯޓުގައި ބުނެއެވެ. އެއީ އުންމީދީ، ޕެސިމިސްޓިކް، އަދި މެދުމިނުގެ ހާލަތުގައެވެ. ފަތުރުވެރިކަމުގެ ސިނާއަތަކީ ބޭރުގެ ލޮޅުންތަކަށް އިންތިހާއަށް ނާޒުކު ސިނާއަތަކަށް ވާތީއާއި، ދުނިޔޭގެ އިގްތިސާދަށް އަންނަ ލޮޅުންތަކަށް ބަލާއިރު، މި ނަޒަރިއްޔާތާއި އެކި ލަފާތައް ތައްޔާރުކުރުމުގައި ކުރިއެރުމާއި ވެއްޓުމަށް ރިއާޔަތްކޮށްފައިވެއެވެ.
އުންމީދީ މަންޒަރުގައި ލަފާކުރާ ގޮތުގައި ޗައިނާއިން އަންނަ ފަތުރުވެރިން ރާއްޖެއަށް އިތުރު އެއާލައިންތަކުން ފްލައިޓްތައް އޮޕަރޭޓްކޮށް، އާ މާކެޓްތަކަށް ޓެޕް ކުރުމަށް ކާމިޔާބު މަސައްކަތްތަކެއް ކުރުމުން އަހަރުގެ ތެރޭގައި ޕްރީ ޕެންޑެމިކް ލެވެލްއަށް އަރާނެއެވެ. ނަމަވެސް ޕެސިމިސްޓިކް މަންޒަރުގައި ބަލާއިރު ޗައިނާއިން އަންނަ ފަތުރުވެރިންގެ އަދަދު މަޑުޖެހުމާއި، ރާއްޖެއާއި ޗައިނާއާ ދެމެދު އިތުރު ސީދާ ދަތުރުތައް ކަށަވަރު ނުވުމާއި، ރަޝިޔާ އާއި ޔޫކްރޭންގެ ހަނގުރާމަ ގޯސްވުމާއި، ކުރިއަރާފައިވާ އިގްތިސާދުތަކަށް ކުރިމަތިވާ ހީނަރުކަން ކުރިމަތިވެދާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި، ދުނިޔޭގެ މާލީ ނުތަނަވަސްކަމުން ކުރިމަތިވާ ނުރައްކާތަކާއެކު ލަފާކޮށްފައިވެއެވެ.
ޗައިނާއިން ރާއްޖެއަށް ސީދާ ދަތުރުތައް 18 ޖެނުއަރީ 2023 ގައި ފެށި ނަމަވެސް، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މާކެޓުން ރާއްޖެ އައި މީހުންގެ އަދަދު ލަފާކުރި ވަރަށް ވުރެ މަދުވެފައިވެއެވެ. 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޗައިނާ މާކެޓުން ރާއްޖެ އައި މީހުންގެ ނިސްބަތަކީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައި މީހުންގެ 23.1 އިންސައްތައެވެ.
މީގެ އިތުރުން ޗައިނާއިން ބައިނަލްއަޤްވާމީ ދަތުރުތައް އަދިވެސް ޕްރީޕެންޑެމިކް ފެންވަރަށްވުރެ މަދުވެ، ކޯވިޑް19 ކޮންޓްރޯލް ކުރުމަށް ތަންފީޒުކުރި ދަތުރުފަތުރުގެ ހުރަސްތައް ޤައުމުތަކުން އުނިކޮށްފައިވާތީ، ފާއިތުވި ދެ އަހަރާ އަޅާބަލާއިރު ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރޭގައި ވާދަވެރިކަން ވަނީ އިތުރުވެފައެވެ.
މިކަންކަން ކުރިމަތިވި ނަމަވެސް، އާންމު ގޮތެއްގައި ވިޔަފާރި ގަބޫލުކުރާ މެދުމިނުގެ ހާލަތުގެ ދަށުން، ފަތުރުވެރިން އަންނަ މިންވަރު 15.2 ޕަސެންޓް އިތުރުވެ، 1.9 މިލިއަނަށް އަރާނެއެވެ. އަދި ބެޑްނައިޓްސް 14.1 ޕަސެންޓް އިތުރުވެ، އަހަރު ނިމޭއިރު 14.0 މިލިއަނަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.
7.5 މިލިއަން ފަސިންޖަރުންނަށް ކޭޓަރ ކުރެވޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޕެސެންޖަރ ޓާމިނަލް ނިމުމުން 2025 ވަނަ އަހަރު ފަތުރުވެރިން އަންނަ މީހުންނާއި ބެޑްނައިޓްސް އިތުރުވާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ހަނިމާދޫ އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމާއި މިހާރު ތަރައްގީވަމުން އަންނަ އާ ޓޫރިސްޓް ފެސިލިޓީތައް ހުޅުވުމަކީ ވެސް އަދަދު އިތުރުވެގެންދާނެ ކަމެއްކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.