ކ. މާލެ
|
14 މެއި 2023 | އާދީއްތަ 08:10
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
ލީގުގައި ބާކީ އޮތީ ސިޓީ އަށް އެންމެ މުހިންމު ހަތަރު މެޗު: ގާޑިއޯލާ
 
ސިޓީން ދާން ބޭނުންވާ މިސްރާބު އަމިއްލަ އަތް މަތީގައި ބޭއްވުމަށް ކުރިއަަށް އޮތް ހަތަރު މެޗު ވެސް ވަރަށް މުހިންމު

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ސިޓީ އަށް ބާކީ އޮތީ އެންމެ މުހިންމު ހަތަރު މެޗު ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ގާޑިއޯލާ މިހެން ބުނީ ލީގުގައި އެވަޓަންއާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. އެ މެޗަށް ނުކުންނައިރު ސިޓީ އެއް ވަނައިގައި އޮތީ ޕޮއިންޓެއް ލީޑަކުންނެވެ. އެއީ ދެ ވަނައިގައި އޮތް ވާދަވެރި އާސެނަލަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. އެވަޓަންގެ ދަނޑުގައި ކުޅޭ މެޗުން މޮޅުވެ، ސިޓީ އަށް ތަށި ދިފާއު ކުރުމުގެ އުންމީދު ދެމެހެއްޓޭނެ އެވެ. އެވަޓަންގެ އިތުރުން ސިޓީ އަށް ދެން އޮންނާނީ، އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗާއި، ރަށުން ބޭރުގައި ބްރައިޓަނާ ދެކޮޅަށް ކުޅޭ މެޗު އަދި، ބްރެންޓްފޯޑާ ދެކޮޅަށް ކުޅޭ މެޗެވެ.

ގާޑިއޯލާ ބުނީ ސީޒަނުގައި ސިޓީ އަށް ޔަގީނުން ވެސް ބާކީ ހަ މެޗު އޮތް ކަމަށެވެ. އެއީ ލީގުގެ ހަތަރު މެޗުގެ އިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު އަދި އެފްއޭ ކަޕްގެ ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ. ނަމަވެސް ގާޑިއޯލާ ބުނީ ފަހަރެއްގައި ސިޓީ އަށް ހަތް މެޗު ކުޅެން ޖެހިދާނެ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރަނީ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗެވެ. އެހެންކަމުން އެ ހުރިހާ ކަމަކަށް މަސައްކަތް ކުރުމަށް ލިބިފައި ވަނީ އެންމެ ދެ ހަފްތާ ކަމަށް ގާޑިއޯލާ ވަނީ ފާހަގަކޮށްފަ އެވެ.

އިތުރަށް ގާޑިއޯލާ ބުނީ އެނާ ޤަބޫލު ކުރާ ގޮތުގައި އާސެނަލަށް ބާކީ އޮތް ތިން މެޗު ވެސް އެ ޓީމުން ކާމިޔާބު ކުރާނެ ކަމަށެވެ. އެހެންކަމުން ސިޓީން ޕްރިމިއާ ލީގުގަައި މިހާރު ކުރަން ޖެހޭ ކަންކަން ކުޅުންތެރިންނަށް އެނގޭނެ ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ އާސެނަލުން ނޮޓިންހަމް ފޮރެސްޓު އަދި ވުލްވްސްއާ ދެކޮޅަށް ކުޅޭ މެޗުން ޕޮއިންޓެއް ގެއްލުމަށް އޭނާ ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ދެ މެޗަށް ވެސް ތައްޔާރުވުމަށް އާސެނަލަށް ފުރިހަމަ ވަގުތު ލިބޭނެ ކަމަށާއި، އެހެންކަމުން ތިން މެޗުން އެމީހުން ނުވަ ޕޮއިންޓު ހޯދާނެ ކަމަށް ބެލެވޭ ކަމަށެވެ. ގާޑިއޯލާ ބުނީ ސިޓީން މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ވާދަކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން މެޗުތަކަށް ކުޅުންތެރިން ފިޓުވާން ޖެހެނޭކަން ފާހަގަކޮށް އޭނާ ބުނީ، ސިޓީން ދާން ބޭނުންވާ މިސްރާބު އަމިއްލަ އަތްމަތީގައި ބޭއްވުމަށް ކުރިއަަށް އޮތް ހަތަރު މެޗު ވެސް ވަރަށް މުހިންމު ކަމަށެވެ.

އަހަރެމެން ކުޅެން ހުރިހާ މުބާރާތެއްގައި. އެހެންވީމާ ބަދަލުވާން (ކުޅުންތެރިން) ޖެހޭނެ އަދި އެޑެޕްޓްވާން ޖެހޭނެ. އަހަރެމެން ދާން ބޭނުންވާ މިސްރާބު އަމިއްލަ އަތްމީގައި ބޭއްވުމަށް، ޕްރިމިއާ ލީގުގައި ބާކީ އޮތީ ހަތަރު މެޗު އަދި އަހަރެމެންނަށް ވަރަށް ވަރަށް މުހިންމު.
ޕެޕް ގާޑިއޯލާ / މެންޗެސްޓަރ ސިޓީގެ ކޯޗު

ގާޑިއޯލާ ބުނީ ކުޅުންތެރިންނަށް އޭނާ އިތުބާރު ކުރާ ކަމަށެވެ. އަދި އެންމެ ފަހުން ސިޓީން ކުޅުނު މެޗުން މޮޅުވި ނަމަ، ކުޅުންތެރިންގެ މެންޓާލިޓީ ވަރަށް ފުރިހަމަ ވާނެ ކަމަށެވެ. ނަމަވެސް އަބަދުވެސް އޭނާ ޤަބޫލު ކުރާ ގޮތުގައި އިންސާނުންނަށް ކަންތައް ކުރެވޭނީ ވަކި މިންވަރަކަށް ކަމަށާއި، ފަހަތް ބެލުމެއް ނެތި ކުރިއަށް ދާން ޖެހޭނެ ކަމަށް ގާޑިއޯލާ ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި އަމިއްލަ މީހާ ހާސްވެ، ގޮތް ހުސްވެއްޖެނަމަ، އިތުރަށް ދެން އެމީހަކަށް ކުރިއަށްދާނެ މަގެއް ނުފެންނާނެ އެވެ.

ޕްރިމިއާ ލީގުގައި ސިޓީން އެވަޓަންގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނުކުންނާނީ އާދިއްތަ ދުވަހުގެ އިރުއޮއްސި 18:00 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް