އިންޑިއާގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް އިސްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ރޭޑިއޯ ކެމްޕޭނެއް ފަށައިފިއެވެ.
މިއަހަރުގެ އޭޕްރިލް މަހު ފެށި މި ކެމްޕޭނުގެ މަގުސަދަކީ އިންޑިއާ މާކެޓުގައި ރާއްޖޭގެ ބްރޭންޑު އިތުރަށް ހަރުދަނާކޮށް އިސްތިހާރު ކުރުން ކަމަށް އެމްއެމްޕީއާރުސީން ބުންނެވެ. އަދި ދުނިޔޭގެ އެންމެ ދުވަސްވީ އެއް މާކެޓިންގ ޕްލެޓްފޯމް ކަމަށްވާ ރޭޑީއޯ މެދުވެރިކޮށް ރާއްޖޭގެ ޑެސްޓިނޭޝަން ޕްރެޒެންސް ދެމެހެއްޓުމަކީ ވެސް މި ކެމްޕޭނުގެ ބޭނުމެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެމްއެމްޕީއާރުސީން ބުނި ގޮތުގައި މި ކެމްޕޭން ކުރިއަށްދަނީ ދެ މަރުހަލާއަކަށް ބަހާލައިގެން އިންޑިއާގެ 10 ސިޓީއަށް އަމާޒުކޮށްގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި ހައިދަރްއާބާދާއި ބެންގަލޫރާއި ޗެންނާއީ އާއި ކޮޗިން އާއި ޓްރިވެންޑްރަމް ހިމެނޭއިރު ދެވަނަ މަރުހަލާގައި ހިމެނެނީ ދިއްލީ އާއި މުމްބާއީ އާއި އަހުމަދުއާބާދާއި ޗަންދިގަރާއި އަމްރިތުސަރު ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މި ކެމްޕޭން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެންމެ މަގުބޫލު ރޭޑިއޯ ސްޓޭޝަންތައް ކަމަށްވާ ރޭޑިއޯ މިރްޗީ އާއި ރެޑް އެފްއެމް އާއި ސޫރިޔާ އެފްއެމް އާއި ރޭޑިއޯ މެންގޯ އަދި މައި އެފްއެމް މެދުވެރިކޮށެވެ.
18-50 އަހަރާ ދެމެދުގެ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ކެމްޕޭނުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލުމެއް ބާވާނެއެވެ. މި ގުރުއަތުން ހޮވޭ ފަރާތްތަކަށް ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަ ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މި ހަދިޔާއަކީ މެދުފުށި އައިލެންޑް ރިސޯޓާއި ޕްރެސްޓީޖް ވާދޫ އާއި ރިއު ހޮޓެލްސް އެންޑް ރިސޯޓްސް އިން ސްޕޮންސަރ ކޮށްފައިވާ ހަދިޔާއެކެވެ.
މި ކެމްޕޭނަކީ އިންޑިއާގެ މާކެޓަށް އެމްއެމްޕީއާރުސީން ގޭންގުޅޭ މާކެޓިން ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ ކެމްޕޭނެކެވެ. މި ސްޓްރެޓެޖީގެ ތެރޭގައި އިންޑިއާގެ ބޮޑެތި ސިޓީތަކުގައި ރާއްޖޭގެ ބްރޭންޑް ހަރުދަނާ ކުރުމަށް ކެމްޕޭންތައް ހިންގައި، ރާއްޖޭން ލިބެން ހުންނަ އަގުހެޔޮ ޗުއްޓީތައް އިސްތިހާރު ކުރުމާއި ހަނީމޫން އަދި އާއިލީ ޗުއްޓީތައް ހޭދަކުރުމަށް ދަތުރު ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ކެމްޕޭންތައް ކުރިއަށްގެންދިއުން ހިމެނެއެވެ.
އިންޑިއާއަކީ މިހާރު ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ ޤައުމެވެ. މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ވެސް އެ ޤައުމުންނެވެ. އެގޮތުން، އެ ޤައުމުން މިދިޔަ އަހަރު ވެސް 241،369 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.