ރާއްޖޭގެ ސިއްހީ ޚިދުމަތުގެ ދާއިރާގައި އުފެދޭ ވަޒީފާތަކަށް ޒުވާނުން ތައްޔާރުވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު ޒުވާނުންގެ ކިބައިން މިކަމަށް އެދިވަޑައިގެންނެވީ، މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމަށް މިރޭ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދުނިޔޭގެ ސިއްހަތު ދުވަސް ފާހަގަކުރުމުގެގޮތުން ބޭއްވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އިތުރުން، ޑަބްލިޔުއެޗްއޯގެ ފަރާތުން ރާއްޖޭގައި ތިއްބަވާ އިސްވެރިންނާއި، މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިންނާއި ދައުލަތުގެ ވަޒީރުންނާއި އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ސިއްހީ ދާއިރާގެ މުސާރައަށް މިމަހުން ފެށިގެން ގެނެވުނު ހެޔޮ ބަދަލުގެ ސަބަބުން، ސިއްހީ ހިދުމަތުގެ ދާއިރާތަކުން ތައުލީމު ހާސިލްކޮށްގެން ތިބި މަސައްކަތްތެރިންނަށް ވަޒީފާގެ ކުރިއެރުން ހޯދުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.
އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް މިހާރު އެ އަންނަނީ މީގެ ކުރިން ފުޅާނުވާހައި މިންވަރަށް ފުޅާކުރެވެމުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، މިހާރު ކުރިއަށްދާ ހިދުމަތްތަކާއެކު، ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެކަމަށާއި، އަދި މިއީ ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއަކަށް ބަލަބަލައި ތިބި ޒުވާނުންނަށް ފަހިކޮށްދެވޭ ފުރުސަތުތަކެއްކަން ފާހަގަކުރައްވައި، އެފަދަ ދާއިރާތަކުން ތައުލީމު ހާސިލްކޮށްގެން، އަމިއްލަ ރަށާއި ގައުމަށް ހިދުމަތްކުރުމަށް ތައްޔާރުވުމަށް ޒުވާނުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
އަދި ދިވެހި ގިނަ ޒުވާނުންތަކެއް ރާއްޖޭގެ ސިއްހީ ހިދުމަތަށް ނުކުންނާނޭކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގައި އާއްމު ސިއްހަތުގެ އޭރާއި މިހާރުގެ ހާލަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރިން ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވަމުންއައީ ގައިންގަޔަށް އަރާ ބަލިތަކުގައި ނަމަވެސް، މިހާރު ރާއްޖޭގައި އެންމެ ގިނަ މީހުން މަރުވަމުން އަންނަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށް ވުމަކީ، ދިރާސާކޮށް އެކަމުގެ ހަގީގަތް ހޯދަން ޖެހިފައިވާ ކަމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރުގެ ދުނިޔޭގެ ސިއްހަތު ދުވަހުގެ ޝިއާރުގެގޮތުގައި ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ "ސިއްހަތު އެންމެންނަށް" މިޝިއާރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، އެއީ ރާއްޖޭގައި އަލުން ފުޅާކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ، ޕަބްލިކް ހެލްތުގެ ދާއިރާއާ ވަރަށް ގުޅޭ ޝިއާރެއް ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ހިދުމަތުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ސިއްހީ ހިދުމަތުގެ ނިޒާމެއްގެ ގޮތުގައި ފާހަގަކުރެވެނީ ޕަބްލިކް ހެލްތުގެ ދާއިރާ ފުޅާކޮށްގެން ރައްޔިތުންނަށް ސިއްހީ ހިދުމަތް ދިނުންކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިއަހަރަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއަށް 75 އަހަރުފުރޭ އަލިމަސް އަހަރުކަން ފާހަގަކުރައްވައި، އެޖަމިއްޔާގެ އިސްވެރިންނަށް ތަހުނިޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ ސިއްހީ ހިދުމަތްތަކުގެ ތާރީހަށާއި ސިއްހީ ދާއިރާއިން ރާއްޖެއިން ހޯދި ކާމިޔާބީތަކުގައި ޑަބްލިޔުއެޗްއޯއިން އަދާކޮށްފައިވާ މުހިއްމު ދައުރުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލެއްވިއެވެ.
މިގޮތުން، މުޅި ދުނިޔެއިންވެސް މެލޭރިޔާ ނައްތައިލެވުނު ފުރަތަމަ ގައުމަށް ރާއްޖެ ވެގެންދިޔައިރު، ފައިލޭރިޔާއާއި، ހިމަބިއްސާއި، ރުބެއްލާއާއި، ޕޯލިއޯއާއި ޓެޓްނަސް ނައްތާލެވި، މައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީއާއި ސިފިލިސް ވާރުތަނުވާ ގައުމަކަށް ރާއްޖެ ވެގެންދިޔުމާއި، ކޯވިޑް-19ގެ ހާލަތުން އަރައިގަތުމުގައި ޑަބުލިޔުއެޗްއޯއިން ފޯރުކޮށްދީފައިވާ އެހީތައް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އަދި ސިއްހީ ދާއިރާއިން ރާއްޖެ ހޯދި ކޮންމެ ކާމިޔާބެއްގައި ޑަބްލިޔުއެޗްއޯގެ ހިއްސާ ވަރަށް ބޮޑުކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ވަނީ، ސަރުކާރުގެ ކޯވިޑް-19 އިޖާބައިގެ ހުލާސާ ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް އަރުވާފައެވެ.