ކޭ-ޕާކް ރެޒިޑަންސްއިން އެޕާޓްމަންޓް ވިއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާކަމަށް ބުނާ މައްސަލާގައި ތުހުމަތުކުރެވޭ އާބަންކޯގެ މުވައްޒަފަކު ސަސްޕެންޑްކޮށްފިއެވެ.
އާބަންކޯއިން ބުނީ އެ ކޯޕަރޭޝަންގެ ޕްރޮގްރެސިވް ޑިސިޕްލިނަރީ އެކްޝަން ޕޮލިސީގެ ދަށުން, ކޭ-ޕާކް މައްސަލައިގެ ތަހުގީގު ކުރިއަށްދާ މުއްދަތުގައި, ކުރެވިފައިވާ ތުހުމަތުތަކަށް ރިއާޔަތްކޮށް, އެ ކޯޕަރޭޝަންގެ މުވައްޒަފު އަބްދުއް ނާފިއު މުހަންމަދު 14 ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންނާއި މި ކޯޕަރޭޝަންގެ އިންޓަރނަލް އޮޑިޓުން މި މައްސަލަ ތަހުގީގުކޮށް ނިމުމުން, މި މުވައްޒަފަށް އިތުރަށް ފިޔަވަޅެއް އަޅަން ޖެހިއްޖެނަމަ އެ ފިޔަވަޅު އަޅާނެ ކަމަށްވެސް އާބަންކޯއިން ބުނެއެވެ.
ހަންބޯ މޯލްޑިވްސްގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުންކޮށްގެން، މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި ފައިސާއަށް ހިޔާނާތްތެރިވިކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. މި މައްސަލާގައި އެ ކުންފުނީގެ ދިވެހި ހިއްސާދާރުކަމަށްވާ ހަސަން މަމްދޫހު (މަންޑޭ)އަށް ވައްކަމުގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގުކުރުމަށް، ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު ވަނީ މައްސަލަ ހުށަހަޅާފައެވެ.
މިމައްސަލައާ ގުޅިގެން، މީގެ ކުރިން ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ވަނީ މަންޑޭގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރެދީފައެވެ.
މިމަހުގެ 10ވީ ބުދަ ދުވަހު ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ޕާސްޕޯޓު ހިފައްޓާފައިވަނީ އިތުރު ދިވެއްސަކާއި ބިދޭސީއެއްގެ ކަމަށެވެ. ނަމަވެސް އެ މީހުންގެ ވަނަވަރު އާންމެއްނުކުރެއެވެ.
މަންޑޭއަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރެއެވެ. އަދި އެ މަޝްރޫއު ހިންގާ ކުންފުނިކަމަށްވާ ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު އުޅެނީ ފައިސާ ހިފައިގެން ފިލަން ކަމަށްވެސް މަންޑޭ ތުހުމަތުކޮށްފައިވެއެވެ.
މިމައްސަލައާ ގުޅިގެން މިމަހުގެ 8 ވަނަ ދުވަހު ފުލުހުން ވަނީ، ކޭ-ޕާކް ރެޒިޑެންސްއިން އެޕާޓްމަންޓް ގަނެފައިވާ މީހުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަން ދިވެހި ފުލުހުންގެ ޚިދުމަތަށް އެންގުމަށް އެދިފައެވެ.