ކ. މާލެ
|
11 މެއި 2023 | ބުރާސްފަތި 17:10
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު
ރައީސް އޮފީސް
ކޮސޯވޯގެ މައްސަލަ
ކޮސޯވޯއަކީ މިނިވަން ގައުމެއްގެ ގޮތުގައި ރާއްޖެއިން ނުބަލާކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފި
ރައީސް ސާލިހުގެ ސަރުކާރަކީ ގައުމުތަކާއެކު ގުޅުން ބަދަހިކުރަމުންދާ ސަރުކާރެއް
ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ކާމިޔާބީ ދުނިޔޭގެ އެކި ގައުމުތަކުން ފެނޭ
ތަފާތު ހިޔާލުތަކުގެ ދެ ގައުމާއެކު ވެސް މަސައްކަތް ކުރަމުން ދާނީ ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން

ކޮސޯވޯއަކީ މިނިވަން ގައުމެއްގެ ގޮތުގައި މިހާރު ދިވެހިރާއްޖެއިން ނުބަލާކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ދޮގުކޮށްފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖެއެމްވީން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ކޮސޯވޯއަކީ މިނިވަން ގައުމެއްގެ ގޮތުގައި މިހާރު ރާއްޖެއިން ނުބަލާކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި، ކޮސޯވޯގެ މިނިވަންކަން ގަބޫލުނުކުރުމަށް ނިންމާފައި ނުވާކަމަށެވެ.

ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރަކީ ގައުމުތަކާއެކު ގުޅުން ބަދަހިކުރަމުންދާ ސަރުކާރެއްކަން ފާހަގަކުރައްވައި މިއުވާން ވިދާޅުވީ، މިސަރުކާރުން އެއްގައުމާއެކު އޮންނަ ގުޅުން ބަދަހިކޮށްފައި އަނެއް ގައުމާ އޮންނަ ގުޅުން ކުޑަ ނުކުރާނެ ކަމަށެވެ. މިއުވާން ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ކާމިޔާބީ ދުނިޔޭގެ އެކި ގައުމުތަކުން ފެންނަމުންދާ ކަމަށެވެ. އަދި ތަފާތު ހިޔާލުތަކުގެ ދެ ގައުމާއެކު ވެސް މަސައްކަތްކުރަމުން ދާނީ ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ކަމަށް މިއުވާން ވިދާޅުވިއެވެ.

ކޮސޯވޯ މިނިވަންކަން ގަބޫލުނުކުރުމަށް ރާއްޖެއިން ނިންމާފައެއްނުވޭ. ކަނޑައެޅިގެން ދޮގުވާހަކައެއް. ރާއްޖެއަކީ ގައުމުތަކާ ގުޅުން ކަނޑާލާ ގައުމެއް ނޫން. ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ގައުމުތަކާއެކު ގުޅުން ބަދަހިކުރަމުން މިދަނީ. އަޅުގަނޑުމެންނަކީ އެއް ގައުމާއެކު އޮންނަ ގުޅުން ބަދަހިކުރަމުން އޭގެ ބަދަަލުގަ އަނެއް ގައުމާ ގުޅުން ކުޑަކުރާ ބައެއް ނޫން. ރައީސް އިބްރާހީމް މުހައްމަދު ސާލިހު ސަރުކާރުގެ ހާރިޖީ ސިޔާސަތު ކާމިޔާބީ އަޅުގަނޑުމެންނަށް ދުނިޔޭގެ އެކި ގައުމުތަކުން ފެންނަމުން މިދަނީ. ތަފާތު ހިޔާލުތަކުގެ ދެ ގައުމާއެކު ވެސް އަޅުގަނޑުމެންނަށް މަސައްކަތް ކުރަމުން ދާނީ ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން. އެހެންވީމަ ކަނޑައެޅިގެން ދޮގު ވާހަކައެއް.
ރައީސް އޮފީހުގެ ތަރުޖަމާނު، މިއުވާން މުހައްމަދު

2007 ވަނަ އަހަރު ކޮސޯވޯގެ މިނިވަންކަން އިއުލާންކޮށްފައިވާއިރު، ރާއްޖެއިން ކޮސޯވޯގެ މިނިވަންކަން ބަލައިގަތީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. ރާއްޖެއަކީ ކޮސޯވޯގެ މިނިވަންކަން ބަލައިގަތް 55 ވަނަ ގައުމެވެ. މިހާރު ގިނަ ގައުމުތަކުން ކޮސޯވޯގެ މިނިވަންކަން ބަލައިގަނެއެވެ. ނަމަވެސް ސާބިއާއިން ދެކެނީ އަދިވެސް ކޮސޯވޯއަކީ އެ ގައުމުގެ ޕްރޮވިންސެއްގެ ގޮތުގައެވެ.

- ކޮމެންޓް