ކ. މާލެ
|
9 މެއި 2023 | އަންގާރަ 20:03
މިހާރުވެސް ގޮވާން އުފުލުމަށް ޔޫކްރެއިންގެ ބަނދަރުތަކާ ގާތްނުކުރެވި 90 ބޯޓު އެބައޮތްކަމަށް ޔޫކްރެއިނުން ބުނޭ
މިހާރުވެސް ގޮވާން އުފުލުމަށް ޔޫކްރެއިންގެ ބަނދަރުތަކާ ގާތްނުކުރެވި 90 ބޯޓު އެބައޮތްކަމަށް ޔޫކްރެއިނުން ބުނޭ
ރޮއިޓާސް
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ
ރަޝިއާއިން އެއްބަސްވުން އިތުރުނުކުރިއަސް ގޮވާން އެކްސްޕޯޓް ކުރާނެ އިތުރު ގޮތްތައް އެބަހުރި: ޔޫކްރެއިން
މިހާރުވެސް މުދާ އުފުލުމަށް ޔޫކްރެއިންގެ ބަނދަރުތަކާ ގާތްނުކުރެވި 90 ބޯޓު އެބައޮތް
އެއްބަސްވުން މިމަހުގެ 18 ވަނަ ދުވަހަށް ހަމަވާނެ
ޔޫކްރެއިނުން ވަނީ، އެންމެ "ވޯރސްޓް ސިނޭރިއޯ"އަށް ވެސް އެގައުމުން ތައްޔާރުވަމުންދާކަމަށް ބުނެފައި

ބްލެކް ސީ ހުރަސްކޮށް ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓްކުރުމުގެ ފުރުސަތު ދިނުމަށް އެއްބަސްވެފައިވާ އެއްބަސްވުން ރަޝިއާއިން އިތުރުނުކުރިއަސް، ގޮވާން އެކްސްޕޯޓްކުރާނެ އެހެން ގޮތްތައްވެސް އެބަހުރިކަމަށް ޔޫކްރެއިނުން ބުނެފިއެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ފެށުނު ހަނގުރާމައާއެކު، ރަޝިއާއިން ވަނީ ޔޫކްރެއިނުން ބްލެކް ސީ މެދުވެރިކޮށް އެކްސްޕޯޓްކުރާ ގޮވާން އެކްސްޕޯޓްކުރުން ހުއްޓުވާފައެވެ. މިކަން ހައްލުކުރުމަށް މިދިޔަ އަހަރު ކުރިއަށްދިޔަ މަޝްވަރާ ބައްދަލުވުންތަކަށްފަހު ރަޝިއާއިން ވަނީ، ބްލެކް ސީ މެދުވެރިކޮށް ޔޫކްރެއިންގެ ގޮވާން އެކްސްޕޯޓްކުރެވޭނެ މަގު ފަހިކޮށްދޭން އެއްބަސްވެފައެވެ. އަދި ގޮވާން އެކްސްޕޯޓްކުރުމަށް، ތުރުކީއާއި އދ. އިސްވެ އޮވެ، ރަޝިއާއާ ޔޫކްރެއިނާއެކު އެއްބަސްވުންތަކުގައި ވަނީ ސޮއިކޮށްފައެވެ.

އެގޮތުން މިދިޔަ އަހަރު ސޮއިކުރެވުނު މިއެއްބަސްވުމުގައި ވާ މުއްދަތު ދެފަހަރެއްގެ މަތިން މިހާރު އިތުރުކޮށްފައިވާއިރު، އެންމެ ފަހުން ރަޝިއާއިން މުއްދަތު އިތުރުކޮށްދީފައިވަނީ 60 ދުވަހަށެވެ. މިއާއެކު މި އެއްބަސްވުން މިމަހުގެ 18 ވަނަ ދުވަހަށް ހަމަވާނެއެވެ. އެހެންކަމުން އެއްބަސްވުން އިތުރަށް ދިގުކުރުމުގެ މަޝްވަރާތައް ކުރުމަށް އދ.ން ދަނީ މަސައްކަތްކުރަމުންނެވެ. އަދި އެއްބަސްވުމުގެ ދަށުން، ބްލެކް ސީ މެދުވެރިކޮށް ޔޫކްރެއިނަށް މުދާ އެކްސްޕޯޓްކުރެވޭނެ އުޅަނދުގެ އަދަދު އިތުރުކުރުމުގެ މަސައްކަތްވެސް އދ.ން ދަނީ ކުރަމުންނެވެ. ނަމަވެސް އަދި މިކަން ކާމިޔާބުވާގޮތެއް ނުވެއެވެ.

ފާއިތުވި ހުކުރު ދުވަހުވެސް މިކަމުގެ މަޝްވަރާތަކެއް ކުރެވިގެން ދިޔަނަމަވެސް މާބޮޑު ކާމިޔާބީތަކެއް ލިބިފައެއް ނުވެއެވެ. ރަޝިއާއިން ދަނީ މި އެއްބަސްވުން ނިމުމަކަށް ގެންނާނެކަމުގެ އިންޒާރުތަކެއްވެސް ދެމުންނެވެ.

ޔޫކްރެއިނުން ވަނީ މިހާރުވެސް ރަޝިއާއިން އެއްބަސްވުން ހުއްޓުމަކަށް ގެނެސް، ބްލެކް ސީ މެދުވެރިކޮށް ގޮވާން އެކްސްޕޯޓްކުރުމުގެ ދޮރު އެއްކޮށް ބަންދުކޮށްފައި ވާކަމަށް ބުނެފައެވެ. މިއީ ސޮއިކުރެވިފައިވާ އެއްބަސްވުމާ ޚިލާފު ކަމެއް ކަން ފާހަގަކޮށް ޔޫކްރެއިނުން ވަނީ، މިހާރުވެސް މުދާ އުފުލުމަށް ޔޫކްރެއިންގެ ބަނދަރުތަކާ ގާތްނުކުރެވި 90 ބޯޓު އެބައޮތްކަން ފާހަގަކޮށްފައެވެ.

ޔޫކްރެއިނުން ވަނީ، އެންމެ "ވޯސްޓް ސިނޭރިއޯ"އަށް ވެސް އެގައުމުން ތައްޔާރުވަމުންދާކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް